Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޑރ. އިޔާޒް ސަސްޕެންޑު ކުރީ ގޯސްކޮށް ކަމަށް ޓްރައިބިއުނަލުން ނިންމައިފި

ޑރ. އިޔާޒް ސަސްޕެންޑު ކުރީ ގޯސްކޮށް ކަމަށް ޓްރައިބިއުނަލުން ނިންމައިފި

ޤައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރގެ މަގާމުގައި ހުންނެވި ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފު، އެ މަގާމުން ސަސްޕެންޑު ކުރީ ގޯސްކޮށް ކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން މީގެ ކުޑަ އިރުކޮޅެއް ކުރިން ނިންމައިފިއެވެ.

ޤައުމީ ޔުނިވާސިޓީގެ ވަޒީފާއިން ޑރ. އިޔާޒް ސަސްޕެންޑު ކުރުމަށް ފަހު، މިދިޔަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު އެ މަގާމުން ވަކިކޮށްފައި ވަނީ، އެ މަނިކުފާނަކީ އަންހެންކުދިން ޚިތާނު ކުރުމަށް ހިތްވަރުދޭ މީހެއްކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

އެގޮތުން "ފީމޭލް ޖެނިޓަލް މިއުޓިލޭޝަން" (އެފްޖީއެމް)އަށް ހިތްވަރު ދިން ކަމަށް ބުނެ ޑރ. އިޔާޒާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވެސް ހުށަހެޅިއެވެ.

Advertisement
Ooredoo — Truecaller (box)

ފާޑުކިޔުންތަކާއި ތުހުމަތުތަކާ ގުޅިގެން މިދިޔަ އަހަރުގެ ޖޫން މަހުގެ 25ވަނަ ދުވަހު ޑރ. އިޔާޒް ވަނީ ބަޔާނެއް ވެސް ނެރުއްވައިފައެވެ. އެބަޔާނުގައި އޭނާ ވިދާޅުވީ އަންހެންކުދިން ޚިތާނު ކުރަން ހިތްވަރުދޭ ފަދަ ގޮތަކަށް އެއްވެސް އިރަކު ވާހަކަ ނުދައްކަވާ ކަމަށެވެ.

ވަޒީފާއިން ސަސްޕެންޑު ކުރި މައްސަލައާއި ވަކިކުރި މައްސަލަ ޑރ. އިޔާޒްގެ ފަރާތުން ޓްރައިބިއުނަލަށް ހުށަހަޅައިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 4ވަނަ ދުވަހުއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ޑރ. އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤައުމީ ޔުނިވާސިޓީގެ ފަރާތުން އެ މަނިކުފާނު ވަޒީފާއަށް ނިކުތުން މަނާކޮށް އަދި އިންޒާރުދީފައި ވަނީ ނުރަނގަޅުކޮށް ކަމަށް ޓްރައިބިއުނަލުން ނިންމައިފައިވާ ކަމަށެވެ.

"ކުރިޔަށް އޮތް ތަނުގައި ވެސް ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ފިޔަވަޅުތައް އަޅުއްވަމުން ގެންދެވުމަށް ޤައުމީ ޔުނިވާސިޓީގެ ވެރިންނަށް އިލްތިމާސްކުރަން." ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އޭނާ ސަސްޕެންޑު ކޮށްފައި ވަނީ ނުރަނގަޅަށްކަން ޓްރައިބިއުނަލުން މިއަދު ނިންމި ނަމަވެސް، ވަޒީފާއިން ވަކި ކުރި މައްސަލައާ މެދު ގޮތެއް ނިންމުން އަދި އެބައޮތް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް