ޕީޕީއެމުން ވަތްކެއް ނުކުރޭ، ފަތުރަނީ ދޮގު ޚަބަރެއް: ނަހުލާ
މާލެ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ ޢަލީ ޕީޕީއެމުން ވަކިކޮށްފައިވާ ކަމަށް ބުނެ ފަތުރަމުން އަންނަ ޚަބަރު އޭނާ ދޮގު ކުރައްވައިފިއެވެ.
ނަހުލާ ވިދާޅުވީ ވިލިމާލޭ ދާއިރާގެ ކައުންސިލަރުގެ ހައިސިއްޔަތުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ ބައި އިލެކްޝަނަށް ކެނޑިޑޭޓެއްގެ ނަން ހުށަހެޅުމުން، އެ ހުށަހެޅި ކެނޑިޑޭޓްގެ ނަން ނެގުމަށް އެންގި ކަމަށެވެ. އަދި ނަން ނެގުމުން ހުޅުމާލޭ ދާއިރާގެ މެމްބަރު ޝުޖާއު ބޭނުންފުޅުވާ ކެނޑިޑޭޓަށް ޓިކެޓް ދެއްވައިފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ކެނޑިޑޭޓަށް ކާމިޔާބު ނުވެއްޖެ ނަމަ، އޭނާ ޕާޓީން ވަކިކޮށްފައި ނޫނީ ހުއްޓައި ނުލާނެ ކަމަށް ވިދާޅުވެ އިންޒާރުދީ ބިރުދައްކަމުންދާ ކަމަށް ނަހުލާ ވިދާޅުވިއެވެ.
"އަޅުގަނޑު އެ ނަން ނުނެގުމުން ކެނޑިޑޭޓް ލައްވައި ނަން ނަގުވައިފައި ޕާޓީގެ ބޭފުޅަކު ބޭނުންފުޅުވާ ކެނޑިޑޭޓަށް ޓިކެޓް ދެއްވާފައިވޭ. އަދި ޑަބްލިޔުޑީސީގެ ބައި އިލެކްޝަންގައި ވާދަ ކުރާ ޕީޕީއެމް ކެނޑިޑޭޓް ފޯމް އިލެކްޝަނަށް ހުށަހެޅި ދުވަހުން ފަށައިގެން ކެނޑިޑޭޓަށް ކާމިޔާބު ނުވެއްޖެ ނަމަ، އަޅުގަނޑު ޕާޓީން ވަކިކޮށްފައި ނޫނީ ހުއްޓައި ނުލާނެ ކަމަށް އެބޭފުޅާ އަންނަނީ ތަކުރާރުކޮށް އަޅުގަނޑަށް އިންޒާރުދީ ބިރުދައްކަމުން،" ނަހުލާ ވިދާޅުވިއެވެ.
މީގެ އިތުރުން ނަހުލާ ވިދާޅުވީ އޮފީސް ތެރޭގައި އޭނާއަށް ބިރު ދައްކާ އިންޒާރުދިނީ މޭޔަރާއި އަދި މުވައްޒަފުންގެ ވެސް ކުރިމަތީގައި ކަމަށާއި އެ މައްސަލަ، މޭޔަރުގެ ހާޒިރުގައި ޕީޕީއެމްގެ ލީޑާޝިޕަށް ހުށަހެޅުމުގެ އިތުރުން ޕާޓީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ވެސް ދަންނަވައިފައިވާ ކަމަށް ނަހުލާ ވިދާޅުވިއެވެ.
“ކޮންމެ ކަމެއް ކުރިޔަސް ވިލިމާލޭ ދާއިރާގެ ރައްޔިތުންގެ މަސްލަހަތު އިސް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވަމުން ނަހުލާ ވިދާޅުވީ އެ ދާއިރާއަށް ޚިދުމަތް ކުރުމުގައި ވަކި ފިކުރަކަށް ބެލުމެއް ނެތި ޚިދުމަތް ކުރާނީ” ނަހުލާ ވިދާޅުވިއެވެ.