ރިޕޯޓް

ކިމްސް ހޮސްޕިޓަލް: ހުރިހައި ވިސްނުމެއް ދިވެހީންނަށް ލުއި ހޯދައިދިނުމަށް!

މުޙައްމަދު އަރީޙް ، ދެން އޮންލައިން
ކިމްސް ހޮސްޕިޓަލުގެ މަތިން ނަގައިފައިވާ ޑްރޯން ފޮޓޯއެއް

(ޓްރިވެންޑްރަމް، އިންޑިއާ) މި ސިޓީއަކީ ކޮޅުނބު ފިޔަވައި އެންމެ ގިނަ ދިވެހީން ދިރިއުޅޭ ސިޓީއެވެ. ތައުލީމު އުނގެނުމަށާއި ކުޑަ ޚަރަދެއްގައި ދިރިއުޅެލުމަށެވެ. އެންމެ ގިނަ ބަޔަކު ، ބޭސްފަރުވާއަށެވެ. މި ސަބަބަށް ޓަކައި "ފައްސިޔަ ދަތުރު"ގައި އެންމެ މުހިންމުކަމެއް ދިން އެއް ދާއިރާއަކީ ސިއްޙީ ދާއިރާއެވެ. މިގޮތުން މިދަތުރުގައި އަޅުގަނޑުމެން ވާނީ މި ގައުމުގެ ތިން ސިޓީއެއްގެ ތިން ހޮސްޕިޓަލަކަށް ޒިޔާރަތްކޮށްފައެވެ. އެއީ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލާއި، ޓްރިވެންޑްރަމްގައި ހުންނަ ކިމްސް ހޮސްޕިޓަލާއި ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލެވެ.

Ads by Hajj Corporation

މި ލިޔުމުގައި މި ގެނެސްދެނީ އިންޑިއާގެ ދިވެހިން ސަހަރުކަމަށް ގިނަ ބަޔަކު ބުނާ ޓްރިވެންޓްރަމްގައި ހުންނަ ކެރެލާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސް (ކިމްސް) ހޮސްޕިޓަލާ ބެހޭ ގޮތުންނެވެ. ލިޔުމުގައި ފުރަތަމަ މި ގެނެސްދެނީ ކިމްސްގެ ކުރު ތައާރަފެކެވެ.

ކިމްސް ހޮސްޕިޓަލަކީ 2002ވަނަ އަހަރު ޓްރިވެންޑްރަމްގައި ބިނާ ކުރެވިގެން ދިޔަ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލަށް ލިބެމުން ދިޔަ ތަރުހީބާއި، ޚިދުމަތްތަކުގެ ފުރިހަމަކަމުން، މިއަދު ކިމްސްގެ ހޮސްޕިޓަލުތައް ވަނީ އިންޑިއާގެ އަސްދަނޑިން ބޭރުވެފައެވެ. މިއަދު ކިމްސްގެ ދަށުން ހިންގަމުން އަންނަ ހޮސްޕިޓަލުތައް ހަ ޤައުމެއްގައި ހުރެއެވެ. އެއީ ބަހްރައިން، އޮމާން، ސައުދީ އަރަބިއްޔާ، ގަތަރު އަދި ޔޫއޭއީއެވެ. އިންޑިއާގެ ހަތަރު ސިޓީ؛ ޓްރިވެންޑްރަމް، ކޮލަމް، ކޮޓަޔަމް އަދި ޕެރިންތަލްމަންއާ އެކު ކިމްސް ހޮސްޕިޓަލުތަކުގައި ޖުމްލަ 600 ޑޮކްޓަރުން ގެންދަނީ ފަރުވާގެ ކަންކަން ބަލަމުންނެވެ. ކިމްސް ހެލްތްގެ ހޮސްޕިޓަލުތަކުގައި ޖުމްލަ 2،000 މީހުންނަށް އެއްފަހަރާ އެނދުމަތި ކޮށްގެން ފަރުވާ ދިނުމުގެ ޤާބިލުކަން އެބަހުއްޓެވެ.

ކިމްސްއާ ދިވެހިންނާ އޮތީ ވަރަށް ގާތް ގުޅުމެކެވެ. ޓްރިވެންޑްރަމްއަށް އޮތް ލޯބި، ދިވެހިންގެ ތެރޭގައި ކިމްސްއަށް އޮވެއެވެ. ހަމަ އެ ލޯތްބާއި ގާތްކަން ކިމްސްއިން ވެސް ދިވެހިންނާ ދޭތެރޭގައި އޮވެއެވެ. މި ވާހަކަތައް އަޅުގަނޑުމެންނާ ހިއްސާ ކުރީ ކިމްސް ހެލްތްގެ ކްލަސްޓަރ ސީއޯއޯ، ރެޝްމީއެވެ.

ރެޝްމީގެ ހިތުގައި ދިވެހިންނަށް ޚާއްސަ ޤަދަރެއް އޮވެއެވެ. ރެޝްމީ ދެކެލައްވާ ގޮތުގައި ދިވެހިންނަކީ އިޙްތިރާމް ކުރާ، އޯގާތެރި، މަޑުމަތިރި ހިތްހެޔޮ ބައެކެވެ. ދިވެހިންގެ މިޒާޖާ ގުޅޭ ގޮތުން ކުރި ސުވާލަށް ރެޝްމީގެ ނުކިޔާ ހެޔޮ ބަހެއް އޭނާގެ ބަސްކޮށާރުގައި ނެތެވެ.

ދިވެހިންނާއި ކިސްމްއާ އޮންނަ ގުޅުން އެއް ފަރާތެއްގައި ބޭއްވުމަށް ފަހު ކިމްސްއިން ދިވެހިންނަށް ދޭ ޚިދުމަތްތަކުގެ ވާހަކަ ދައްކާލަމާ ހިނގާށެވެ. ކިމްސް ހެލްތްގައި އިންޓަރނޭޝަނަލް ޑެސްކްގައި ދިވެހިންނަށް ޚާއްސަ ޑެސްކެއް ހުރެއެވެ. އެ ޑެސްކްގައި ދިވެހިންގެ ޚިދުމަތުގައި އަބަދުވެސްް ތިން މީހެއް ތިބެއެވެ. އެއީ ދިވެހިންނަށް ޚާއްސަަ ތިން މީހުންނެވެ. އެ ޚިދުމަތް ދޭނީ ދިވެހިންނަށެވެ. ދަތުރު ފަސޭހަކޮށްދޭނީ ދިވެހި ދަތުރުވެރިންނަށެވެ.

ކިމްސްގައި ދިވެހި ދަންނަ ބައެއް ޓްރާންސްލޭޓަރުން ތިބެއެވެ. ދިވެހިންނާއި އެކީގައި އެތައް ދުވަހެއް އުޅުމުން ދިވެހި ދަސްވެފައިވާ އެހީތެރިންނާއި، ރާއްޖޭގައި ވަޒީފާގައި އުޅުމަށް ފަހު ދިވެހި ދަސްކޮށްގެންދާ މީހުންނެވެ. އެހެން ނަމަވެސް މިވަރުން ފުއްދާލާކަށް ކިމްސްއަކުން ބޭނުމެއް ނުވެއެވެ. މިހާރު ކިމްސްއިން ދަނީ ދިވެހި ދަސްކުރާ ޚާއްސަ ޕްރޮގްރާމެއް ހިންގަމުންނެވެ. ބޭނުމަކީ ދިވެހިންނާ ވީހައި ވެސް ގާތުން ޚިދުމަތް ދެވޭނެ ގޮތެއް ހެދުމެވެ. ރެޝްމީ ބުނާ ގޮތުން ނަމަ "ބަލިމީހާގެ ދުލުން ބައްޔާ ބެހޭ މައުލޫމާތު ސީދާ ޑޮކްޓަރަށް ކިޔައިދިނު"މެވެ.

ކިމްސް ހެލްތްގައި މަސައްކަތް ކުރާ ހުރިހައި ޑޮކްޓަރުންނާއި ނަރުހުންނަކީ އިނގެރޭސިއަށް ފަރިތަ ބައެކެވެ. ގިނަ ދިވެހިން ވެސް ހަމަ އެފަދައެވެ. މިހެންކަމުން ގިނަ ފަހަރު ޓްރާންސްލޭޓަރެއްގެ ބޭނުމެއް ހަޤީޤަތުގައެއް ބޭނުމެއް ނުވެއެވެ، ޓްރާންސްލޭޓަރެއްގެ ބޭނުން ޖެހޭ ހިސާބަކީ އެއްފަހަރާ އެއް އާއިލާއެއްގެ ގިނަ ބަޔަކު ޑޮކްޓަރަށް ދައްކަން ޖެހުމުންނެވެ. އާއްމުކޮށް ދޮށީ އުމުރުގެ ދިވެހިން އިނގެރޭސިއަށް ކޮށިވުމުން، މި މައްސަލަ ދިމާވެއެވެ.

"އާއިލާގެ ގިނަ ބަޔަކު އެއް ފަހަރާ ޑޮކްޓަރަށް ދައްކަން ގިނަ ފަހަރު އަންނަނީ. މިގޮތަށް އަންނައިރު، ދިމާވާ މައްސަލައެއް، އެކި ޑޮކްޓަރުންނަށް ދައްކަން ޖެހޭތީ، ބައެއް ފަހަރު އާއިލާގެ މެންބަރުން ހޮސްޕިޓަލުގެ ތެރެއިން އެބަ ވަކިވޭ. މިފަދަ ހާލަތެއްގައި އެބަ ބޭނުންވޭ އެހީތެރިކަން" ރެޝްމީ ކިޔައިދިނެވެ.

އެމަޖެންސީ ހާލަތެއް ދިމާވެއްޖެ ނަމަ ކިމްސްގައި ދިވެހިންނަށް ޚާއްސަ ހެލްތް ލައިން ނަންބަރެއް ވެސް ގާއިމްކޮށްފައި ވެއެވެ..

ރެޝްމީ "ދެން"އާ ވާހަކަ ދައްކަނީ.. ދެން އިމޭޖްސް/ޒައީމް

ކިމްސްއިން އިންޑިއާ ދިވެހިންނަށް ފަރުވާ ދީގެން ފުއްދާލާކަށް ރެޝްމީގެ ޓީމުން ބޭނުމެއް ނުވެއެވެ. ރާއްޖޭގައި އާސަންދަ ލިބޭ ކްލިނިކެއް އުފެއްދުމަށް ކިމްސްއިން ދަނީ މަސައްކަތް ކުރަމުންނެވެ. ކިމްސްގެ ވިސްނުން ހުރީ، ވެރިރަށް މާލެއަކަށް ނޫނެވެ. އުތުރަށެވެ.

"ހަމައެކަނި މާލެއަކުން ނޫން، އުތުރާއި ދެކުނުން ވެސް އެބަ އާދޭ. ބަލި މީހުން އެންމެ ގިނައިން ކިމްސްއަށް އަންނަނީ އުތުރުން. އަހަރެމެން އިރާދަކުރެއްވިޔާ ރޯދަ ނިންމައިފައި އެބަ ޕްލޭން ކުރަން ސްޕަރ ސްޕެޝަލިސްޓުން ރާއްޖެއަށް ފޮނުވައިގެން ޚިދުމަތް ދޭން. އަަދި ވިސްނުން އެބަހުރި އާސަންދަ ޚިދުމަތް ލިބޭ ކްލިނިކެއް ހުޅުވަން ވެސް. މަޝްވަރާތައް މިހާރު ދަނީ ކުރިޔަށް" ރެޝްމީ ވިދާޅުވިއެވެ.

މިފަހަރު ރާއްޖެ އައިސް ރެޝްމީގެ ޓީމުން ރާއްޖޭގައި ޖެނެޓިކް ކައުންސިލިން ވެސް ދޭނެއެވެ. ޖެނެޓިކް ކައުންސިލިންއަކީ ހަށިގަނޑުގައި ހުރި ބަލި ދެނެގަތުމަށް ކުރެވޭ ތަޙްލީލަށް ފަހު، ދެވޭ އިރުޝާދުތަކެކެވެ. މިގޮތަށް ދެވޭ އިރުޝާދުތަކުގެ ސަބަބުން ދެން އަންނަން އޮތް ޖީލު ބަލިތަކުން ސަލާމަތްވުމަށް މަގުފަހިކޮށްދެއެވެ.

"ކެރެލާ ސްޓޭޓްގައި އަޅުގަނޑުމެން މިގެންދަނީ ޖެނެޓިކް ކައުންސެލިން ދެމުން. މިކަން ރާއްޖެއަށް ފުޅާ ކުރަން ބޭނުން. ދުރު މުސްތަޤްބަލުގައި ފައިދާ ކުރާނެ ކަމެއް މިއީ" ރެޝްމީ ވިދާޅުވިއެވެ.

ކިމްސްގައި ދެވޭ ފަރުވާތަކާއި ގުޅޭ ގޮތުން އަޅުގަނޑުމެންނާ ވާހަކަ ދެއްކީ، ކިމްސް ގްރޫޕްގެ ސީއީއޯ، ޖެރީ ފިލިޕްއެވެ.

"ކިމްސް ހެލްތަކީ ވަރަށް ބޮޑު އިމާރާތްތަކެއް. މިތާންގައި ދެނީ އެންމެ މަތީގެ ފަރުވާ. އެކަމަކު މިއީ އެންމެ އާދައިގެ މީހުންނަށް ވެސް ފަރުވާ ދޭ ގޮތަށް ހަދައިފައިވާ ހޮސްޕިޓަލެއް. މިއީ މުއްސަދިންގެ ހޮސްޕިޓަލެއް ނޫން. އާއްމުންގެ ހޮސްޕިޓަލެއް." ޖެރީގެ ވާހަކަތައް ފެށީ އޮޅުމެއް ފިލުވައިދެމުންނެވެ.

"މިތަނުގެ ޚިދުމަތްތައް ވަރަށް ރަނގަޅުވާނެ. ޚިދުމަތްތަކުގެ އަގު ހުންނާނީ ރަނގަޅު އެހެން ހޮސްޕިޓަލްތަކުގެ އަގާ ގާތްގަނޑަކަށް އެއް ހަމައެއްގައި. ބައެއް ޚިދުމަތްތަކުގެ އަގު ހެޔޮ ވެސް ވާނެ"

ޖެރީ ވިދާޅުވީ ކިމްސްގައި ދިވެހިންނަށް ޚާއްސަ އަގުތަކެއް ނުހުންނަ ކަަމަށެވެ. އަދި ދިވެހިންނަކީ އަބަދުވެސް ދައްތައިންނާއި ބޭބެއިންގެ ގޮތުގައި އިންޑިއާއިން ބަލައިގަންނަ ކަމަށާއި އިންޑިއާ މީހުންނެކޭ ދިވެހިންނެކޭ އަގުގައި ތަފާތެއް ނުހުންނާނެ ކަމަށް ފާހަގަ ކުރެއްވިއެވެ.

"ދިވެހިންނަށް ފަރުވާ އަވަސްވާނެ، އެއީ ދިގު ދަތުރެއްކޮށްފައި އަންނާތީއާއި، މަޑު ކުރަން އިތުރު ޚަރަދެއް ދާނެތީ." ޖެރީ ވިދާޅުވީ، އިންޑިއާ މީހުންނާއި ދިވެހިންނަށް ޚިދުމަތް ދިނުމުގައި ހުންނަ ހަމައެކަނި ތަފާތަކީ މިއީ ކަމަށެވެ.

ޖެރީ "ދެން" ގެ ޓީމަށް އިންޓްރވިއު ދެއްވަނީ.. ދެން އިމޭޖްސް/ޒައީމް

ކިމްސްގެ ފަރުވާތަކާ ގުޅޭ ގޮތުން ޖެރީ ވިދާޅުވީ އެއް ވާހަކައެކެވެ. އެއީ މިއީ "ބެސްޓް" ކަމަށެވެ. އަދި ބެސްޓް ނޫން އެހެން ފަރުވާއެއް ނުދޭނެ ކަމުގެ ގެރެންޓީން ދިނެވެ.

ޖެރީގެ ވާހަކަައިގައި ދިވެހިންނަށް ދޭން ޤަސްދު ކުރާ އައު ޚިދުމަތެއްގެ ވާހަކަ ކިޔައިދެއްވިއެވެ. އެއީ ރޫމް އަޕްގްރޭޑް ކުރުމެވެ. އާސަންދައިގެ ދަށުން ފަރުވާ ހޯދާ ނަމަ މަޑު ކުރަން ޖެހޭނީ ތަންކޮޅެއް އާދައިގެ ރޫމެއްގައެވެ. އަލަށް ތައާރަފް ކުރާ ޚިދުމަތުގެ ދަށުން ރޫމް އަޕްގްރޭޑް ކުރަން ބޭނުން ނަމަ ދައްކަން ޖެހޭނީ އާސަންދައިން އާދައިގެ ރޫމަށް ކަނޑައިފައި ބާކީ ހުންނަ ވަރެވެ. ޖެރީ ވިދާޅުވީ މި ޚިދުމަތަކީ ހަމައެކަނި ދިވެހިންނަށް ދޭ ޚިދުމަތެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!