މި ސަރުކާރުން ކުރިއަށް ގެންދަން ރާވައިފައިވާ އެންމެ ބިޔަ މަޝްރޫއުކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވައިލާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ލަސްވަމުންދާތީ، އިދިކޮޅު ލީޑަރު ރައީސް ޔާމީން ފާޑު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ އަންހެނުންގެ ކޮމިޓީގެ ބައި-އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރައްވާ ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ހައިޑްރޯގްރަފީ ޗާޓު އިންޑިއާއިން ކުރަހާތީ، އެކަމަށް ވެސް ފާޑު ވިދާޅުވިއެވެ. މިގޮތުން ވިދާޅުވީ، އިންޑިއާއަކީ އެކަމަށް އެންމެ މޮޅު ބައެއް ނޫން ކަމަށާއި އިންޑިއާއަށް އެ އުޅެނީ ބްރިޖެއްގެ ފައިގިރި ޖަހާލަން ވެސް ނޭނގިގެން ކަމަށެވެ.
"ﷲގެ ތަނަވަސް ރިޒްޤް އަޅުގަނޑުމެންނަށް އެބައޮތް. ރާއްޖެއަކީ ތަރައްޤީ ނުވާ ޤައުމެއް ނޫން، ރާއްޖޭގައި އެބަހުރި ވަސީލަތް ތަރައްޤީ ކުރަން. އަދި ބަޔަކަށް ތަރައްޤީ ކުރަން ނޭނގުނަސް ރާއްޖޭގައި ތަރައްޤީ ކުރަން ވަސީލަތް އެބަހުރި. ދެން ކީއްކުރަންތޯ، އަޅުގަނޑުމެންގެ މަސް ކަނޑުތައް ކުރަހާލަން ނޭނގިގެން އިންޑިއާއާ ހަވާލު ކުރަންވީ. އެއީ ދުނިޔޭގައި ކަނޑު ތަޙްލީލް ކުރުމަށް އެންމެ ބޮޑު މާހިރުންތޯ، އެއުޅެނީ ބްރިޖެއްގެ ފައިގިރި ޖަހާލަން ނޭނގިގެން" ރައީސް ޔާމީން ވިދާޅުވިއެވެ.
ތިލަ މާލޭ ބްރިޖްގެ މިހާރު ކުރިޔަށް ދަނީ ސާވޭގެ މަސައްކަތެެވެ. މި ސާވޭގެ މަސައްކަތް ކުރިއަށް ގެންދަނީ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ ކުންފުނި ކަމަށްވާ އެފްކޮންސް އިންފްރާސްޓަރަކްޗާގެ ސަބް-ކޮންޓްރެކްޓަރެއް ކަމަށްވާ ނެދަލެންޑްގެ ފޯސައިޓް ސާވެއާސްއާ ހަވާލުކޮށްގެންނެވެ.
ތިލަ މާލެ ބްރިޖަށް، އިންޑިއާއިން 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ)ގެ ލޯނަކާއި 100 މިލިއަން ޑޮލަރަކީ ހިލޭ އެހީއެއް ދިނުމަށް ވަނީ ނިންމައިފައެވެ.