މުޙައްމަދު އިސްމާއީލް އަނެއްކާ ވެސް ހައްޔަރުކޮށްފި

"އިންޑިއާ އައުޓް" ހަރަކާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާތީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލު އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައެވެ.
އިންޑިއާ އައުޓް ހަރަކާތް ރާވައި ހިންގާކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 18ވަނަ ދުވަހުވެސް މުޙައްމަދު އިސްމާއީލް ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ވިދާޅުވީ އޭނާ ހައްޔަރުކޮށްފައި ވަނީ “އިންޑިއާ އައުޓް" ނަމުގައި ކުރިއަށް ގެންދާ އެއްވުންތަކާއި ރެލީތައް ބޭއްވުމުގައްޔާއި އާންމުކޮށް ފެންނާނޭހެން އިންޑިއާއާ ދެކޮޅުކަން ހާމަވާ ފަދަ ގޮތަކަށް، އިންޑިއާގެ ޤައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި، އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒު ވާނޭހެން ލިޔެގެން ބެނާތަކާއި ކުރެހުންތައް އަދި ލިޔުންތައް ތައްޔާރުކޮށް އެތަކެތި މާލެއާއި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފޯރުކޮށްދީ އެހަރަކާތް ރާވާ ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.
އިންޑިއާ އައުޓު ހަރަކާތަކީ، ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމްވެ ތިބުމާ ދެކޮޅަށް ޕީޕީއެމްއިން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.
މި ޙަރަކާތަކީ ގައުމީ ސަލާމަތެއް ހުރި ނުރައްކަލެއް ކަމަށް ރިޔާސީ ގަރާރަކުން ވަނީ ކަނޑައަޅައިފައެވެ. އެހެން ނަމަވެސް މި އިބާރާތް ލިޔެފައިވާ ބެނާތައް ދެމުމާއި ކަރުދާސްތައް މަގުމައްޗަށް އެޅުން ފަދަ ކަންކަން މި ފަހުން ވަރަށް ބޮޑަށް ވަނީ އިތުރުވެފައިވެއެވެ.