ނުފެންނަ މަޚްލޫގުންތަކެއް ގެފުޅުގައި ނަމާދު ކުރަމުން ދިޔަ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި

ނިމިދިޔަ ބަރަކާތްތެރި ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ދުވަހުގެ ރޭ، މާތް ވެގެންވާ ކައުބަތުﷲ ގެފުޅުގެ ދޮރުކޮޅު ހުޅުވި، އެ ތަނުގެ އެތެރޭގައި "ނުފެންނަ މަޚްލޫޤުންތަކެއް" ނަމާދު ކުރަމުން ދިޔަ ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުން ދިޔަ ވާހަކަތައް ދެ ޙަރަމްފުޅުގެ ކަންކަން ބަލަހައްޓާ ހަރަމައިންއިން ދޮގުކޮށްފިއެވެ.
ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ދުވަހުގެ ރޭ ގެފުޅުގެ ދޮރުކޮޅު ހުޅުވުނު ކަމަށާއި، އެތެރޭގައި ބަޔަކު ނަމާދު ކުރަމުން ދިޔަ އަޑު އިވުނު ކަމަށް ބުނެ ބަޔަކު ވަނީ މީސް މީޑިއާގައި ވީޑިއޯއެއް ދައުރުކޮށްފައެވެ. މި ވީޑިއޯ ބޮޑަށް ވައިރަލްވެފައި ވަނީ، ގެފުޅު ތެރޭގައި ނަމާދު ކުރަމުން ދިޔައީ "ނުފެންނަ" މަޚުލޫޤުންތަކެއް ކަމަށް ބުނެ އެ ވީޑިއޯ ދައުރުކުރުމުންނެވެ.
މިކަން ރަނގަޅަށް ދިރާސާ ކުރުމަށް ފަހު ހަރަމައިން އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިފަދަ ވީޑިއޯއެއް އެމީހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ނަމަވެސް ފަތުރަމުން ދިޔައީ ތެދު ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ބޭރުގެ ސިޔާސީ ވަފުދެއް ހާޒިރުވާން ހަމަޖެހިފައި ވާތީ، އެރޭ ކައުބަތުﷲ ގެފުޅަށް ވަންނަ ސަރަހައްދު ތައްޔާރު ކުރުމުގެ މަސައްކަތް، ގެފުޅު ބަލަހައްޓަން ހަވާލުކޮށްފައި ތިބި މުވައްޒަފުން ކުރަމުން ދިޔަ ކަމަށް ވެސް ހަރަމައިންއިން ބުނެފައިވެއެވެ.
މާތް ވެގެންވާ ގެފުޅާ ބެހޭ ގޮތުން މިފަދަ ހަގީގަތާ ހިލާފު ވާހަކަތަށް ނުފެތުރުމަށް ހަރަމައިންއިން ވަނީ އިލްތިމާސްކޮށްފައެވެ.