ސަދާގެ މަރުގައި އިހުމާލު އޮތްކަމަށް އެޗް.އާރު.ސީ.އެމުން ނިންމައިފި
ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ނިޔާވި އުމުރުން 5 އަހަރުގެ ސަދާ ސައުދުﷲއަށް ފަރުވާ ދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން އިހުމާލުވެފައިވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމުން ނިންމައިފިއެވެ.
ބަނޑުގައި ރިއްސާ ވަރަށް ގަދައަށް ހޮޑުލާތީ ފުރަތަމަ ސަދާ ދައްކައިފައި ވަނީ ފުވައްމުލަކުގައި ހުންނަ ފުލޫ ކްލިނިކަށެވެ. އެހެން ނަމަވެސް ސަދާގެ ހާލު މާބޮޑަށް ގޯސް ވާތީ އެ ތަނުން ސަދާ ފޮނުވައިލީ އެ ރަށު ހޮސްޕިޓަލަށެވެ.
ސަދާ ނިޔާވެފައި ވަނީ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުން ކަމަށް ސަދާގެ އާއިލާއިން ތުހުމަތުކުރެއެވެ. އަދި އެ މައްސަލަ އެ އާއިލާއިން ވަނީ ހެލްތު މިނިސްޓްރީއަށް ވެސް ހުށައަޅައިފައެވެ.
މި މައްސަލައިގައި އެޗް.އާރު.ސީ.އެމުން ނިންމައިފައިވާ ތަހުޤީޤު ރިޕޯޓުގައި ބުނެފައި ވަނީ، ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުން ރަނގަޅަށް ޓެސްޓުކޮށްފައި ނުވާ ކަމަށާއި އަދި ކުއްޖާގެ މެޑިކަލް ހިސްޓްރީ ވެސް ބަލައިފައި ނުވާ ކަމަށެވެ. މީގެ އިތުރުން ކުއްޖާއަށް ފަރުވާ ދިނުމަށް ޑޮކްޓަރުން އިމަޖެންސީ ރޫމަށް ދިޔައީ ވެސް 30 މިނެޓު ފަހުން ކަމަށާއި ވަގުތުން ދޭން ޖެހޭ ފަރުވާ ވެސް ދީފައި ނުވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ސަދާގެ މަރުގެ މައްސަލައިގައި ޖިނާޢީ ތަހުޤީޤެއް ހިންގުމަށް ފުލުހުންނަށް ވެސް ވަނީ ހުށައަޅައިފައެވެ.