އެމްޕީއެލް ޒަމާނީ ތަރައްޤީއަށް: ހުރިހައި ސޮފްޓްވެއާތަކެއް އީއާރްޕީ ސިސްޓަމަކުން ގުޅައިލައިފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބޭނުން ކުރަމުންދާ ހުރިހާ ސޮފްޓްވެއާތަކެއް، އީއާރްޕީ ސިސްޓަމަކުން ގުޅައިލައިފިއެވެ.
އެއެމްޕީއެލްއިން އޮރަކްލް އީއާރްޕީ ސިސްޓަމް ބޭނުން ކުރަން ފެށުމަށް ޓަކައި ރޭ ހޮޓެލް ޖެންގައި ވަނީ ހާއްސަ ޖަލްސާއެއް ވެސް ބާއްވައިފައެވެ. އެ ޖަލްސާގައި އެމްޕީއެލްގެ އިސްވެރިންނާއި މުވައްޒަފުންގެ އިތުރުން ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާއި އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އީއާރްޕީ ސިސްޓަމަކުން އެމްޕީއެލްގެ ސޮފްޓްވެއާތައް ގުޅައިލުމުގެ މި މަސައްކަތަކީ "ޕޯޓް ޑިޖިޓަލް ކުރުމަށް" ކުރާ މުހިންމު މަސައްކަތެއްކަން އެ ކުންފުނިން ވަނީ ފާހަގަ ކޮށްފައެވެ. އަދި މިކަމުގެ ސަބަބުން މިހާރަށް ވުރެ ފުރިހަމައަށް އެމްޕީއެލްގެ މަސައްކަތްތަށް ކުރެވޭނެކަންް ވެސް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އެމްޕީއެލްއިން މި ސިސްޓަމަށް މަސައްކަތް ކުރަން ފެށުމުގެ ކުރިން ވެސް ބައެއް ސޮފްޓްވެއާތައް ބޭނުން ކުރެއެވެ. އޭގެ ތެރޭގައި އެޗްއާރް ސޮފްޓްވެއާ، ބަނދަރު ސޮފްޓްވެއާ އަދި ޕްރޮކިއުމެންޓް ސޮފްޓްވެއާ ވެސް ހިމެނެއެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ޗީފް އިންފޮމޭޝަން އޮފިސަރ އިލްޔާސް މުހައްމަދު ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީއާ ނުލައި މިޒަމާނުގައި ޓެކްނޮލޮޖީ ހިންގުމަކީ ދަތިކަމެއް ކަމަށެވެ.
"އީއާރްޕީ ސިސްޓަމަކީ މީގެ ކުރިން އިންޑަސްޓްރިއަލް ސިސްޓަމްތަކަށް ބޭނުން ކުރި ސޮފްޓްވެއާއެއް. މިހާރު ޑިމާންޑު ބޮޑުވެ، ސާވިސް ކުންފުނިތަކުގައި ވެސް ބޭނުން ކުރަން ފަށައިފި" އިލްޔާސް ވިދާޅުވިއެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ ވަކިވަކި ސޮފްޓްވެއާތަކުން ކުރަމުން ދިޔަ މަސައްކަތް އެއް ޕްލެޓްފޯމަކުން މިހާރު ކުރެވޭތީ މިހާރު ވަރަށް ފަސޭހަވާނެ ކަމަށެވެ.
"ކުންފުނި އޯޑިޓް ކުރާ، މޮނީޓާ ކުރާ ފަރާތްތަކަށް ވެސް ވަރަށް ފަސޭހަވެގެންދާނެ. އަދި މި ކުންފުނީގެ ނަޒާހާތްތެރިކަން ވެސް އިތުރު ވެގެންދާނެ" ޝާހިދު ވިދާޅުވިއެވެ.
ސީއީއޯގެ ވާހަކަައިގައި ވަނީ 2020ވަނަ އަހަރު އެމްޕީއެލްއަށް ކުރިމަތިލާން ޖެހުނު ތެލުގެ ޚިޔާނާތުގެ ހާދިސާ ވެސް ފާހަގަ ކުރައްވައިފައެވެ. އެ މަނިކުފާނު ވިދާޅުވީ، މިހާރު ބޭނުން ކުރަން މި ފެށުނު އީއާރްޕީ ސިސްޓަމްގެ ސަބަބުން ކުރިން ފެންމަތިވި ތެލުގެ ޚިޔާނާތުގެ މައްސަލަތައް ފަދަ ކަންކަން ވެސް ހުއްޓިގެން ދާނެ ކަމަށެވެ.