ޚަބަރު

100ހައުސިން ޔުނިޓް ދޫކުރުމުގައި ވަކިބައެއްގެ މަސްލަހަތު ހިމެނޭގޮތަށް އަމަލުކުރުން ނައިފަރު ކައުންސިލުން ކުށްވެރިކޮށްފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން
ފޮޓޯ: ޕީ.އެސް.އެމް

މި ސަރުކާރުން ޅ. ނައިފަރުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓް ދޫކުރުމުގައި ވަކި ބައެއްގެ މަސްލަހަތު ހިމެނޭގޮތަށް އަމަލުކުރުން ނައިފަރު ކައުންސިލުން ކުށްވެރިކޮށްފިއެވެ.

Ads by MWSC

ނައިފަރު ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނެއްގައި ވަނީ ވަރަށް ތަފްސީލްކޮށް މި މައްސަލައާ ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކޮށްފައެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ، 100 ހައުސިންގ ޔުނިޓް ދޫކުރުމަށް އުޞޫލެއް ކަނޑައެޅި އުޞޫލާ އެއްގޮތަށް ހައުސިންގ ޔުނިޓަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލެވުމުން ، ރައީސުލްޖުމްހޫރިއްޔާ ނައިފަރަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެ، މި ދަތުރުގައި ހައުސިން ޔުނިޓްތައް ހަވާލުކުރުމަށް ބޭނުންވެގެން ހައުސިންގ ޔުނިޓަށް އެދި ފޯމު ހުށަހެޅުމަށް ހުޅުވައިލެވުނު މުއްދަތަށް އެމެންޑްމެންޓެއް ގެނެސްދިނުމަށް އެދުމާ ގުޅިގެން އެގޮތަށް ޢަމަލުކޮށްފައި ވާނެ ކަމަށެވެ. 

މީގެ އިތުރުން، މިނިސްޓްރީން އެންގި ގޮތުގެ މަތިން ފޯމް ބަލައިގަތުމުގެ މުއްދަތު ހަމަވުމުން ނައިފަރުގައި ޢިމާރާތްކުރެވިފައިވާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގެ މަސައްކަތް ކުރުމަށް އެކުލަވައިލައިފައިވާ ކޮމިޓީއާ ފޯމްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ޙަވާލުކުރެވި ކޮމެޓީއިން ފޯމްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ އިރު ފޯމްތައް އިވެލުއޭޓްކުރުމަށް ފަހު ބޯހިޔާވަހިކަން ވެރިފައި ކުރަން ބޭނުންވާ މަޢުލޫމާތު ހޯދުމަށް ގުޅުން ހުރި ކައުންސިލްތަކަށް ފޮނުވުމަށް ކޮމެޓީއާއި ކައުންސިލުން މަސައްކަތް ކުރިޔަށް ގެންދިއުމަށް ރާވައިފައިވާ ގޮތުގެ ބަދަލުގައި، މިނިސްޓްރީގައި މި މަޢުލޫމާތުތައް ހުންނާނެކަމަށް ބުނެ ބޯހިޔާވަހިކަމުގެ މަޢުލޫމާތު ވެރިފައި ކުރުމަށް ލިސްޓު މިނިސްޓްރީއަށް ފޮނުވުމަށް މިނިސްޓްރީ އެދުމުން ކޮމިޓީން ބޯހިޔާވަހިކަން ވެރިފައިކޮށްފައި ވަނީ މިނިސްޓްރީން އެދިފައިވާގޮތަށް މިނިސްޓްރީއަށް ފޮނުވައިގެން މިނިސްޓްރީން ދީފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށްގެންކަމަށް ވެސް އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

މިގޮތުން މިނިސްޓްރީން ވެރިފައި ކުރުމަށް ފަހު ފޮނުވާ މަޢުލޫމާތު ތަކުރާރުކޮށް ދިމާ ނުވާތީ އެކަން މިނިސްޓްރީގެ ސަމާލުކަމަށް ކައުންސިލުން ގެނެސްފައިވާނެކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އެހެން ނަމަވެސް އެހެން ކައުންސިލްތަކުން މަޢުލޫމާތު ސާފުކުރާ ނަމަ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުގައި ހައުސިންގ ޔުނިޓްތައް ޙަވާލުކުރަން ނުކުރެވިދާނެތީ މިނިސްޓްރީއަށް ފޮނުވައިގެން އެކަން ކުރުމަށް މިނިސްޓްރީން އެންގިކަމަށް ނައިފަރު ކައުންސިލުން ބުނެފައިވެއެވެ. 

މީގެ އިތުރުން، ކައުންސިލާއި މިނިސްޓްރީއާއި ގުޅިގެން ހައުސިންގ ޔުނިޓް ދޫކުރުމާ ގުޅޭ ގޮތުން ކުރަމުން އައި މަސައްކަތްތައް ވަނީ ކައުންސިލްއާ ހަވާލުކުރި ހިސާބަށް ނިންމައިފައި ކަމަށާއި ހައުސިންގ ޔުނިޓްތައް ހަވާލުކުރުމުގެ މަސައްކަތަކީ ސީދާ ހައުސިން މިނިސްޓްރީން ކުރަމުންދާ މަސައްކަތެއްކަމަށް ނައިފަރު ކައުންސިލުން ބުނެފައިވެއެެވެ.

އަދި އެގްރިމެންޓްގައި ސޮއިކުރުމާއި ތަން ހަވާލުކުރުމުގެ މަސައްކަތް ފެށުނީއްސުރެ ވެސް ކުރިޔަށް ގެންދަނީ މިނިސްޓްރީން ކަމަށާއި މައްސަލަތައް ހުރިކަމަށް ފާހަގަކުރެވުނު ފޯމްތަކުގެ މަޢުލޫމާތާއި އެކަމާ ގުޅުން ހުރި ލިޔުންތައް މިނިސްޓްރީއާ ހިއްސާކޮށްފައިވާ އިރު ވަކި ބައެއްގެ މަޞްލަހަތު އިސްކޮށް ވަކި ގޮތަކަށް ޢަމަލުކުރުމަށް ކައުންސިލަށް އަންގަމުންދާ ދިއުމަށް ކައުންސިލުން އިޖާބަ ނުދިނުމުން މިނިސްޓްރީން ނިންމާ ވަކި ފަރާތްތަކަކާ ހައުސިންގ ޔުނިޓް ހަވާލުކުރުމަށް މަސައްކަތްކުރަމުންދާ އިރު، އެއް ޙާލަތެއް ދިމާވެ ބާޠިލްކުރެވިފައިވާ އެތައް ފޯމްތަކެއް ހުރިކަން ފާހަގަކުރާކަމަށް ވެސް އެ ބަޔާނުގައި ކައުންސިލުން ބުނެފައިވެއެވެ.

މީގެ އިތުރުން ފޯމްތަކުގައި ތަފާތު އެކި މައްސަލަތައް ހުރެ އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ކައުންސިލަށް ލިބޭތީ، ކައުންސިލުން މިނިސްޓްރީއަށް ތަކުރާރުކޮށް އެކަން އެންްގުމުން ވެސް އެކަމުގައި ހަމަހަމަ އުސޫލެއް މިނިސްޓްރީން ނުގެންގުޅޭކަން ފާހަގަކުރެވޭކަމަށް ވެސް ނައިފަރު ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހަމައެއާ އެކު، ހައުސިންގ ޔުނިޓްތައް ހަވާލުކުރެވެމުންދާ އިރު ޔުނިޓްތަކުގައި ހުރި ތަފާތު އެކި މައްސަލަތައް އަންނަނީ ފެންމަތިވަމަމުން އަންނަ ކަމަށާއި ޔުނިޓްތައް ޢިމާރާތްކޮށް ފިނިޝިންގ މަސައްކަތުގައި ހުރި ބައެއް ކަންކަމުގެ ސަބަބުން ދިރިއުޅެން އުނދަގޫވާ މިންވަރަށް ގޮސްފައިވާ ބައެއް ޔުނިޓްތައް ވެސް ހުރިކަން ފާހަގަކޮށް އެކަމުގެ ކަންބޮޑުވުން އެ ކައުންސިލުން ވަނީ ފާޅުކޮށްފައެވެ. މީގެ އިތުރުން މިކަންތައް މިނިސްޓްރީގެ ސަމާލުކަމަށް ގެނައި ނަމަވެސް، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުން ނުދާކަމަށް ވެސް އެ ކައުންސިލުން ބުނެއެވެ. އަދި އެތަން މެއިންޓެނަންސް ކުރުމަށާއި، ތަނުގައި ދިމާވާ އެކި ކަންކަން ހައްލު ކުރުމަށް ވެސް މިނިސްޓްރީގެ އެއްވެސް އެއްބާރުލުމެއް ކައުންސިލަށް ނުލިބޭކަމަށް ވެސް ނައިފަރު ކައުންސިލްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހަމަ އެހެންމެ 100 ހައުސިންގ ޔުނިޓްގެ ތެރެއިން ޙަވާލުނުކުރެވި ހުރި ޔުނިޓްތައް ޙަވާލުކުރުމުގެ މަސައްކަތް މިނިސްޓްރީއިން ވަކިބައެއްގެ މަޞްލަޙަތު ހިމެނޭގޮތަށް ކުރިއަށްގެންދާކަން ކައުންސިލަށް ފާހަގަކުރެވޭ ކަމަށާއި މިފަދައިން ޢަމަލުކުރަމުން ދިއުމުގެ ސަބަބުން ރައްޔިތުންގެ ކަންބޮޑުވުން މިކަމުގައި އިތުރުވަމުންދާތީ، މިކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް ހައުސިންގ ޔުނިޓް ދޫކުރުމަށް އެކުލަވައިލައިފައިވާ އުޞޫލާ އެއްގޮތަށް ފޯމު ހުށަހަޅައިފައިވާ އެންމެހައި ފަރާތްތަކާ މެދު ތަފާތުކުރުމެއް ނެތި، ޢަމަލުކުރުމަށް ގޮވައިލާކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Ads by Allied Insurance
  1. ވާވާ

    ކަނޑައެޅިގެން ދޮގުމައުލޫމާތުގެ ބަޔާނެއް އެއީ . ޕީޕއެމް ގެ ކައުންސިލަކުން މިސަރުކާރަށް ޖެއްސުންކުރަނީ . އުސޫލު އެކުލަވާލީ ކައުންސިލްއިން . ފުލެޓްލިބޭމީހުން ކަނޑައަޅާ އިއުލާންކުރީ ކައުންސިލްއިން . ހަމައެކަނި ކައުންސިލްއިން ފޮނުވި ނަންތަކަށް އެއްބަސްވުން ހަދާ އެމީހުންނާއެކު ސޮއިކުރީ ހައުންސިން މިނިސްޓްރީއިން .

  2. ފަލަކް

    މިނިސްޓްރީ އާއި ސަރުކާރުން ކަންކުރި ގޮތް އެއީ އެހެން ނޫން ނަމަ އެންމެ ފުރަތަމަ ލިބޭނީ މަށަށް