ގިނަ ކުޅިވަރުތަކަކާ އެކު މާފުށީގައި އަޟްހާ ޢީދު ވެސް ފާހަގަކުރަނީ

މިއަހަރުގެ ބަރަކާތްތެރި އަޟްހާ ޢީދު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ކ. މާފުށިން ތައްޔާރުވާން ފަށައިފިއެވެ.
އެގޮތުން ޢީދެއްގައި ކުރިއަށްގެންދާ ހުރިހައި ކުޅިވަރެއް، މާފުށީގައި ވެސް ކުރިއަށް ގެންދިޔުމަށް ރާވައިފައިވާ ކަމަށް މާފުށީ ކައުންސިލުން މައުލޫމާތު ދީފައިވެއެވެ.
މި ހަރަކާތްތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ދެއްވުމަށް މާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އެރަށު ކައުންސިލު ރައީސް ހަސަން ޞަލާހް ވިދާޅުވީ، ޢީދު ފާހަގަ ކުރުމުގެ ގޮތުން ޙައްޖު ދުވަހުގެ ރޭ ބޮޑު ޖާފަތެއް އޮންނާނެ ކަމަށާއި އެރޭ ޢީދު ބަޑި ޖެހުން ވެސް އޮންނާނެ ކަމަށެވެ.
މީގެ އިތުރުން މާފުށީގައި މިއަހަރުގެ އަޟްހާ ޢީދު ފާހަގަ ކުރުމުގެ ގޮތުން ވެދުމާ ދިޔުމާއި މާފުށީ ރައްޔިތުންގެ ފަރާތުން އަރުވާ ޖާފަތާއި، ބޮޑު ޖަމާއަތުގައި ކުރެވޭ ޢީދު ނަމާދާއި ޢީދު ސަޔާއި، އުޟްހިޔާ ކަތިލުމުގެ އިތުރުން ކޯޑި ނެރުމާއި، ބޮޑުމަސް ނެރުން އަދި މާލި ނެރުމާއި، ތްރީ އޮން ތްރީ ފުޓްބޯޅަ މުބާރާތާއި، އަންހެނުންގެ ހޭންޑްބޯލް މުބާރާތް ހިމެނެއެވެ. މި ހަރަކާތްތަކުގެ އިތުރުން، ކުޑަކުދިންގެ ހަވީރަކާއި މިއުޒިކް ޝޯ، އަދި ހަވާ އެރުވުމާއި ލޭޒަރ ޝޯއެއްގެ އިތުރުން ކަލަރ ރަންއަކާއި ކުލައާއި ފެން ޖެހުން ވެސް އޮންނާނެ ކަމަށް މާފުށީ ކައުންސިލުން ބުންޏެވެ.

ފުޓްބޯޅަ އަދި ހޭންޑްބޯލް މުބާރާތުގައި ބައިވެރިވުމަށާއި ކަލަރ ރަންއަށް ރެޖިސްޓަރ ކުރުމަށް އަންނަ މަހުގެ 5-1 ދެމެދު ޕޯޓަލެއް ހުޅުވައިލާނެ ކަމަށް މާފުށީ ކައުންސިލުގެ ރައީސް ސޮލާހް ވިދާޅުވިއެވެ.
"ފިޠުރު ޢީދެކޭ އެއްފަދައިން މި ޢީދުގައި ވެސް ހަރަކާތްތަކުގައި ބައިވެރިިވުމުގެ ފުރުސަތު މިވަނީ އާންމުކޮށް އެންމެންނަށް ވެސް ހުޅުވައިލައި. ފިޠުރު ޢީދެކޭ އެއްފަދައިން މި ޢީދުގައި ވެސް މާލެއިން މާފުށްޓަށް އަންނަން ބޭނުންވާ ފަރާތްތަކަށް ވަނީ އިތުރު ފެރީގެ ޚިދުމަތްތަކާއި ގެސްޓްހައުސްތަކުގައި ޚާއްސަ ޕެކޭޖުތަކެއް ވެސް ތައާރަފްކޮށްފައި" ސޮލާހް ވިދާޅުވިއެވެ.
އަޟްހާ ޢީދުގެ މުނާސަބަތާ ގުޅިގެން އެ ދުވަހު ރައްޔިތުންނަށް، ވަރަށް ޚާއްސަ "ސަޕްރައިޒެއް" ވެސް އޮންނާނެ ކަމަށް ކައުންސިލުން ބުންޏެވެ.
މިހާރު ވެސް ބައެއް ފަރާތްތަކުން ހޮޓާ އަދި ގެސްޓްހައުސްތައް ބުކްކުރަމުން ދާތީ، ކުރިއާލައި ލޯންޗު ޓިކެޓުތަކާއި ގެސްޓްހައުސްތަކުން ރޫމްތައް ބުކް ކުރުމަށް މާފުށީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.