ޚަބަރު

42 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ ނުކުރުން؛ ބަލާ ފާސްކުރީ ކޯޓު އަމުރެއް ނެތި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖެއަށް 42 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުން ހައްޔަރުކުރުމުގައި ފުލުހުން ހަދައިފައިވާ ގޯސްތަކަކާ ގުޅިގެން އެ ދެ މީހުންގެ މައްޗަށް ދައުވާނުކުރަން ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ނިންމަވައިފިއެވެ.

Ads by Sosun Fihaara

އެ ދެ މީހުންނަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމީ ފުލުހުންގެ ތަހުގީގުގައި ހުރި މައްސަލަތަކެއްގެ ސަބަބުންނެވެ. އެގޮތުން މަސްތުވާތަކެތި އަތުލައިގަތް މ. ލަވްނެސްޓްގެ ބަލައި ފާސްކޮށްފައި ވަނީ ކޯޓު އަމުރަކާ ނުލައި ކަމަށާއި ގޭގެ ވެރިފަރާތަކީ ކާކުކަން ފުލުހުންނަށް އެނގޭއިރު އެ ގެ ބަލައި ފާސްކުރުމުގެ ހުއްދަ ފުލުހުން ހޯދީ ވެސް އެހެން މީހަކު އަތުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން މި މައްސަލައިގައި މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުންނާއި ފެނުނު މަސްތުވާތަކެއްޗާ ގުޅުވައިދެވޭ މިންވަރަށް ހެއްކާއި ގަރީނާ ހޯދިފައި ނުވުމަކީ ވެސް ދައުވާ ނުކުރަން ނިންމި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

އެ ދެ މީހުންނަށް ދައުވާ ނުކުރަން ޕީޖީ އޮފީހުން ނިންމުމުން އެ ދެ މީހުން ވެސް މިހާރު ވަނީ މިނިވަންވެފައެވެ.

އެ ދެ މީހުންގެ ތެރެއިން އަބްދުﷲ ނަޝީދަކީ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ، އުމުރަށް ޖަލަށްލި މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުން މި ފަހަރު އޭނާ ގިނަ އަދަދެއްގެ މަސްތުވާކަތެއްޗާ އެކު އަތުލައިގަތީ ޕެރޯލްގެ ދަށުން ދޫކޮށްފައި ހުއްޓައި ކަމަށް ފުލުހުން ބުނެއެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ނަޝީދު އުމުރަށް ޖަލަށްލާން ހުކުމް ކުރީ 2006 ގައެވެ.

މަސްތުވާތެކެތީގެ ގާނޫނުގައިވާ ގޮތުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން 10 ގްރާމަށް ވުރެ ދަށުން ހުކުމް ކޮށްފައިވާ މީހުންނާއި، މަނާ ބޭސް ބޭނުންކުރުމުގެ ކުށުގައި ހުކުމް ކޮށްފައިވާ މީހެއް ނަމަ، އެމީހެއްގެ މައްޗަށް ކޮށްފައިވާ އެންމެ ދިގު ހުކުމުގެ ތިންބައިކުޅަ އެއްބައި ތަންފީޒުކުރުމުން ޕެރޯލް ލިބޭނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!