ސްޓެލްކޯގެ ފްލެޓުތަކަށް އެ ކުންފުނީގެ ޚަރަދުގައި ކަރަންޓު ދޭން ނިންމައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ފްލެޓުތަކަށް އެ ކުންފުނީގެ ޚަރަދުގައި ކަރަންޓު ދޭން ނިންމައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޓެލްކޯއިން މިގޮތަށް ނިންމީ ރޭ އެ ކުންފުނިން ބޭއްވި ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމަކަށް ފަހުގައެވެ. މި ބައްދަލަވުމަށް ފަހު ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ސްޓެލްކޯ ސްޓާފް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސްޓެލްކޯ ހިޔާގެ 2 ޓަވަރަށް އެކުންފުނީގެ އަމިއްލަ ހަރަދުގައި ކަރަންޓުލުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފައިވާ ކަމަށެވެ.
ސްޓެލްކޯއިން މިފަދައިން ނިންމައިފައި ވަނީ އެ ކުންފުނީގެ ސްޓާފުންނަށް އިމާރާތް ކޮށްފައިވާ ފްލެޓުތަކަށް ރަންޓުގެ ހިދުމަތް، އެޗްޑީސީން ގުޅައި ނުދެވުނަސް ވަގުތީ ހައްލެއް ހޯދައިގެން އަންނަ ޖުލައި މަހު ފްލެޓްތަކަށް މީހުން ވައްދާނެކަމުގެ ޔަގީންކަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ދެއްވައިފައި ވަނިކޮށެވެ.
މިކަމާ ގުޅޭގޮތުުން އެޗްޑީސީން ބުނެފައި ވަނީ އެ ނެޓްވޯކަކީ އެޗްޑީސީއިން ބްރައުންސް ސީއެމްއީީސީއަށް ކޮންޓްރެކްޓް އުސޫލުން ހަވާލުކޮށް ކަރަންޓް ކުންފުނި ސްޓްލެކޯގެ އެހީތެރިކަމާ އެކު ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.