ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމަކީ ރާއްޖެއަށް ލިބުނު ގެއްލުމެއް: ރައީސް

ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ މައި ބައިގެ ބަނދަރު ހިންގުން އިންޑިއާގެ ޖީ.އެމް.އާރަށް ދީފައި އޮތް އޮތުން ބަދަލުކޮށް، އެ ކުންފުނި އަތުން އެއާޕޯޓު އަތުލުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ބޮޑު ގެއްލުމެއްކަމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، އެ ސަރުކާރުން ޖީ.އެމް.އާރަށް އެއާޕޯޓު ހަވާލު ކުރުން އެއީ ކުރި ވަރަށް ރަނގަޅު ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުންތަކެއް ލިބޭނެ ފަދަ ކަމެއް ކަމަށެވެ.
އެގޮތުން ޖީ.އެމް.އާރުން އެއާޕޯޓު ތަރައްޤީ ކުރުމުގެ ފުރުސަތު ލިބުނު ނަމަ 2015ވަނަ އަހަރު، އެއާޕޯޓަކީ 7 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ތަނަކަށް ވީސް ކަމަށާއި މިހާރު 3 މިލިއަން ފަތުރުވެރިން އަހަރަކު ރާއްޖެ ގެނައުމުގެ ފުރުސަތު ލިބިގެންދިޔައީސް ކަަމަށެވެ.
ރައީސް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ އެއާޕޯޓު މަޝްރޫޢުއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، މިހާރު ދެން އޮތް ގޮތަކީ މިހާރު ކުރިއަށްދާ މަޝްރޫޢު ކުރިއަށް ގެންދިއުން ކަމަށާއި އައު ޓާމިނަލްގެ މަސައްްކަތް އަންނަ އަހަރުގެ ފަހުކޮޅަށް ނިންމައިލެވޭނެކަމަށް ބެލެވޭ ކަމަށެވެ.







ކޮމެންޓް