ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ކުއްޖަކު ނިޔާވިކަމަށް ބުނާ މައްސަލައެއް
ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ކުއްޖަކު ނިޔާވިކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަމާ ގުޅިގެން ކުއްޖާގެ މަންމަ ކުރި ފޭސްބުކް ޕޯސްޓެއްގައި ވަނީ އެ ހޮސްޕިޓަލަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އޭނާގެ ބަނޑުގައި އޮތް ހަތް މަހުގެ ދަރިފުޅު ނިޔާވީ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އޭނާ ވަނީ ބުނެފައެވެ.
އެގޮތުން ބަނޑުގައި ރިއްސާތީ އުޅުނުއިރު ކައިރީގައި ތިބި ޑޮކްޓަރުން ފަރުވާ ކުޑަކުރިކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އޭނާގެ ހާލު އިތުރަށް ގޯސްވުމާ ގުޅިގެން އައްޑޫ އީކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް އެ ހޮސްޕިޓަލުން ކުއްޖާ ވިއްސިއިރު ނިިޔާވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި މާބަނޑު މީހާއަށް އައްޑޫ ހޮސްޕިޓަލްގެ ޑޮކްޓަރުން މައުލޫމާތު ދިން ގޮތުގައި ތުއްތު ކުއްޖާ ނިޔާވީ ފުވައްމުލަކު ހޮސްޕިޓަލުން ކަންތައް ކުރި ގޮތުން ކަމަށް މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުން އަދި ރަސްމީކޮށް ބަހެއް ބުނެފައެއް ނުވެއެވެ. މީގެ ކުރިން ވެސް ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން އުމުރު ހައަހަރުގެ ކުއްޖަކު ވެސް ވަނީ ނިޔާވެފައެވެ. އެ މައްސަލަ ހެލްތު މިނިސްޓްރީންނާ އެޗް.އާރު.ސީ.އެމުން ތަހުޤީޤު ކުރުމަށް ފަހު ބުނެފައި ވަނީ ކުއްޖާ ނިޔާވުމުގައި އިހުމާލުވެފައިވާ ކަމަށެވެ.