Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ވަގުތަށް ނަމާދު ކުރުމަކީ ހަރުކަށިކަމާ ގުޅުން ހުރި ކަމެއް ނޫން: ޑރ. ޝަހީމް

ވަގުތަށް ނަމާދު ކުރުމަކީ ހަރުކަށިކަމާ ގުޅުން ހުރި ކަމެއް ނޫން: ޑރ. ޝަހީމް

ވަގުތަށް ނަމާދު ކުރުމަކީ ހަރުކަށިކަމާ ގުޅުން ހުރި ކަމެއް ނޫން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މިހެން ވިދާޅުވެފައި ވަނީ، ސުކޫލު ޓީޗަރުންނަށް ޚާއްޞަކޮށްގެން ބޭއްވި ޕްރޮގުރާމެއްގައި ނަމާދު ގަޑިއަށް ސަމާލުވުމަކީ ހަރުކަށި ފިކުރުގެ އަލާމާތެއްކަމަށް ބަޔާންކޮށްދިނުމާ ގުޅިގެންނެވެ.

ޔޫތު މިނިސްޓްރީއާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ހޯޕް ފޯ ވިމެން ޖަމްއިއްޔާގެ އިތުރަށް އައިޔޫއެމްއާއި ޔޫއެންޑީޕީ އަދި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ރ. އުނގޫފާރުގައި ކުރިއަށް ގެންދިޔަ "ހަފްތާރެސް"ގައި "އަމާން ވިލުންތެރި މުޖުތަމައެއް ބިނާކުރުމަށް ތައުލީމީ ދާއިރާއާ އެކު" މި ޝިއާރުގެ ދަށުން ބޭއްވި ސެޝަނުގައި ކުދިން ހަރުކަށި ފިކުރާ ދިމާލަށް ދާކަން ދެނެގަންނާނެ ގޮތްތަކެއް ކިޔައިދީފައިވެއެވެ.

Advertisement
Ooredoo — Square (box)

އޭގެ ތެރޭގައި ސުކޫލު ވަގުތުގައި ނަމާދުގެ ވަގުތަށް އިސްކަންދިނުމާއި، ފުރާވަރުގެ ކުދިން ތުނބުޅި ބެހެއްޓުމާއި، އެސެމްބްލީގެ ލަވާގައި މިއުޒިކު ހިމެނޭތީ ލަވަ ނުކިޔުން ފަދަ ކަންކަން ހިމެނެއެވެ. މިކަންކަން ހިމަނައިގެން ތައްޔާރުކުރި ލިސްޓަކީ ކުރީ ކޮޅުގައި ހަރުކަށި ވިސްނުމަށް ކުއްޖަކު ދާކަން ދެނެގަންނަ އަލާމާތްތައް ކަމަށް ބުނެދީފައިވެއެވެ.

މިކަމާ ގުޅިގެން ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން ތަޢުލީމީ ނިޒާމު އޮންނަންޖެހޭނީ އިސްލާމްދީނަށް ލޯބި ޖެއްސުމުގެ މައްޗަށް ކަމަށާއި މިހެން ކަމުން ނަމާދު ކުރުމަށް ބާރު އެޅުމަކީ ޒަމާނުއްސުރެ ނިޒާމުގެ ތެރޭގައި ވާރުތަވަމުން އައި ކަމެއް ކަމަށެވެ. އަދި އެކަމަކީ ހަރުކަށިކަމާ ގުޅުން ހުރިކަމެއް ނޫން ކަމެއް ކަމަށާއި ނަމާދަކީ ކޮންމެ މުސްލިމަކު އަދާކުރަން ޖެހޭ ދީނުގެ އެންމެ މަތީ ރުކުން ކަމަށް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ، މިފަދަ ގޮތަކަށް ކިޔައިދެނީ ރާއްޖޭގައި ސެކިއުލަރިޒަމް ބޮލުގެ ތެރެއަށް ވެއްދުމަށް ކަމަށެވެ.

"ނަމާދު ވަގުތުގައި ނަމާދު ކުރުމަކީ ހަރުކަށިކަމުގެ ޢަލާމާތެއްކަމުގައި ވިސްނުވައިދޭން މަސައްކަތްކުރުމަކީ ޢަލްމާނިއްޔަތު ކުރިއަރުވައި މުސްލިމުންގެ ޙަޔާތުން ދީން ދުރުކޮށްލަން ހިންގޭ ފިކުރީ ހަނގުރާމައިގެ ޢަލާމާތެއް." ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް