ރަށް ނުގިރާނެ ގޮތް ހަދަން ޕްލޭނިން މިނިސްޓަރަށް ކިޔައިދިނުމަށް އެލޮން މަސްކް ގާތުގައި ދަންނަވައިފިން: ޖާބިރު
ރަށް ނުގިރާނެ ގޮތް ހަދަން ޕްލޭނިން މިނިސްޓަރް މުޙައްމަދު އަސްލަމަށް ކިޔައިދިނުމަށް ބިލިޔަނަރ އެލޮން މަސްކް ގާތުގައި ދަންނަވައިފިން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕްލޭނިން މިނިސްޓަރަށް ސުވާލު ކުރުމަށް ހުޅުވައިލި ފުރުސަތުގައި، ރަށް ގިރުން ހައްލު ކުރަން ރިވެޓްމެންޓް ޖެހުމާ ގުޅޭ ގޮތުން އެހެން މެންބަރުން ވަނީ ސުވާލު ކުރައްވައިފައެވެ. ޖާބިރަށް ސުވާލު ކުރަން ލިބުނު ފުރުސަތުގައި ވިދާޅުވީ، ރާއްޖޭގެ ތިމާވެށި އޮތީ ނާޒުކު ހާލަތެއްގައި ކަމަށާއި މިހެންކަމުން ހިލަ ބޭނުން ނުކޮށް، ރަށް ގިރުން ކޮންޓްރޯލްކުރަން މަސައްކަތް ކުރޭތޯއެވެ. އަދި އެފަދަ ޓެކްނޮލޮޖީއެއް ގެންނަން ބިލިޔަނަރު މަސްކްއާ ވާހަކަ ދައްކަމުން ދޭތޯ ސުވާލު ކުރެއްވިއެވެ.
"ދިވެހި ރާއްޖޭގެ ތިމާވެށި ވަރަށް ނާޒުކު އިރުގައި. އަޅުގަނޑު މިހާރު އެލޮން މަސްކަށް ދަންނަވައިފިން މަނިކުފާނަށް ކިޔާދީބަލާށޭ، ރަށްރަށް ނުގިރާނެ ގޮތެއް، އައު ޓެކްނޮލޮޖީއެއް ގެންނަން. ހިލައިން ނެއްޓި ރަށްރަށް ޕްރޮޓެކްޓް ކުރުމަށް. ހަޔަސްޓް ލެވެލް ޓެކްނޮލޮޖީއެއް ގެންނަން އެލޮން މަސްކާ ބައްދަލު ކުރަން އަޅުގަނޑު ދަންނަވަން" ޖާބިރު ވިދާޅުވިއެވެ.
ޖާބިރުގެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ އެފަދަ މަޝްވަރާއެއް ނުކުރާ ކަމަށެވެ.
"އެލޮން މަސްކްއާ އަޅުގަނޑު އެއްވެސް މަސައްކަތެއް ނުކުރަން. ކުރާކަށް ގަސްދެއް ވެސް ނުކުރަން. އަޅުގަނޑު ޤަބޫލެއް ނުކުރަން އިއްޒަތްތެރި މެންބަރު ފާހަގަ ކުރެއްވި ޒާތުގެ ކަމެއް އެއީ ކޮންމެހެން ކުރަން ޖެހޭ ޒާތުގެ ކަމެއް ކަމަށް" އަސްލަމް ވިދާޅުވިއެވެ.
އެލޮން މަސްކަކީ އަމިއްލައަށް ދުވާ ކާރު، ޓެސްލާ ކުންފުނީގެ ވެރިޔާއެވެ. ދާދި ފަހުން އޭނާ ވަނީ ޓްވިޓަރ ގަންނަން މަސައްކަތް ފަށައިފައެވެ.