މާލެ ސަރަހައްދުގެ ގޯތިތަކަށް މިމަހު 26 ގައި ހުޅުވައިލަނީ

މާލެ ސަރަހައްދުން ގޯތި ދޫކުރުމަށް މި މަހުގެ 26ގައި ހުޅުވައިލާނެ ކަމަށް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާލެ ރައްޔިތުންނަށް ދޫކުރުމަށް ނިންމައިފައިވާ ގޯތިތަކާ ގުޅޭ ގޮތުން އެމްޑީޕީގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު އަސްލަމް ވިދާޅުވީ މިމަހުގެ 26ވަނަ ދުވަހު އެ ގޯތިތަކަށް ކުރިމަތިލުމަށް ހުޅުވައިލާނެ ކަމަށެވެ. މާލެ ސަރަހައްދުން ދޫކުރަން ސަރުކާރުން ނިންމައިފައި ވަނީ 5،000 ގޯއްޗެވެ. އޭގެ ތެރެއިން މި މަހު ހުޅުވައިލަނީ 3،000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތެވެ.
"އަޅުގަނޑު މި އުންމީދު ކުރަނީ 26 ޖޫންގައި އިއުލާން ކުރެވޭނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު ގާތްގަނޑަކަށް ނިމިފައިވާ 1،344 ހައުސިން ޔުނިޓަކަށް ކުރިމަތިލައި އެމީހުން ދިރިއުޅޭ އަޑު ދެން ވަރަށް އަވަހަށް އިވޭނެ ކަމަށެވެ. މީގެ އިތުރުން މާލެ ސަރަހައްދުގައި 4،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.