ފަަތުވާއާ ބެހޭ މަޖިލިސް އޮތީ ޕެރެލައިޒްކޮށް: ޑރ.ޝަހީމް

ދީނީ ކަންކަމުގައި ރަސްމީ ފަތުވާދިނުމަށް ޤާނޫނަކުން އުފައްދައިފައިވާ ފަތުވާއާ ބެހޭ އެންމެމަތީ މަޖިލިސް ޕެރެލައިޒްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަށް ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނަކުން އުފައްދައިފައިވާ ފަތުވާއާ ބެހޭ އެންމެމަތީ މަޖިލިސް މިހާރު އޮތީ ޕެރެލައިޒް ވެފައިވާ ކަމަށެވެ. އެކަން ނިމުމަކަށް ގެނެސް ފަތުވާގެ ރަސްމީ ހަރުދަނާ ނިޒާމެއް ގާއިމުކުރަން ޖެހިފައިވާ ކަމަށެވެ.
"ކުރީގެ ސަރުކާރުން ޤާނޫނަކުން ފަތުވާ ކައުންސިލް އުފައްދައި މެންބަރުން ޢައްޔަންކުރި. އެ ފަރާތްތަކުގެ ޓާމް ހަމަވުމުން މެމްބަރުން ޢައްޔަންނުކޮށް އޮންނަތާ ދިގު މުއްދަތެއްވެއްޖެ، މި ގޮތަށް އެ މުއައްސަސާ ޕެރަލައިޒްކޮށްލުމުގެ ނަތީޖާއަކީ އެ ޒިންމާ ދައުލަތް ނޫން އެހެން ފަރާތްތަކުން ނެގުން." ޑރ. ޝަހީމް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ ހުރިހައި ގައުމެއްގައިހެން ދީނީ އެއްބައިވަންތަކަމާއި ފިކުރީ އަމާންކަން ގާއިމުކުރުމަށް ޓަކައި ދައުލަތުގައި ފަތުވާ ކައުންސިލް އުފައްދައި ރަނގަޅު ގޮތުގައި ހިންގަމުންދާ ކަމަށެވެ. އެއީ މުޖުތަމަޢު އެއްބައިވަންތަކުރުމުގައި ވަރަށް ބޮޑު ބާރެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.
"މި ޒަމާނުގެ އިސްލާމީ ޔުނިވަސިޓީތަކުން ތަޢުލީމު ޙާޞިލްކޮށްފައިވާ، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ފަރާތްތައް ފަތުވާ ކައުންސިލަށް އައްޔަންކޮށް ފަތުވާގެ ރަސްމީ އިލްމީ ސައްހަ މަޞްދަރު ކަށަވަރުކޮށް ގައުމުގެ ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރުމަށް މި ފުރުސަތުގައި އިލްތިމާސްކުރަން." ޑރ.ޝަހީމް ވިދާޅުވިއެވެ.







ކޮމެންޓް