ދުނިޔެ

ބިންހެލުމާއި ގުޅިގެން އިންޑިއާގެ އެހީ އަފްގާނިސްތާނަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބުދަ ދުވަހު 6.1 މެގްނިޓިއުޑް ބާރުމިނުގައި އަފްގާނިސްތާނަށް އައި ބިންހެލުމުގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އިންޑިއާއިން އަފްގާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

Ads by Sosun Fihaara

މި ބިންހެލުމުގައި މިހައިތަނަށް 1،000އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، 1،500އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަަށް އޮފިޝަލުނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

އަފްގާނިސްތާނުގައި މިހާރު ވެރިކަން ކުރަމުން އަންނަ ތާލިބާނުން ވަނީ، ބިންހެލުމާ ގުޅިގެން ކާބޯތަކެއްޗާއި އާއްމު އެހީތެރިކަމަށް ދުނިޔޭގެ ޤައުމުތަކަށް ގޮވާލައިފައެވެ.

މިކަމާ ގުޅިގެން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަފްގާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިވުމަށް އިންޑިއާއިން އޮތީ ތައްޔާރަށް ކަމަށާއި އެހީގެ ފުރަތަމަ ޝިޕްމެންޓް މިހާރު އަފްގާނަށް ފޮނުވައިފައިވާ ކަމަށެވެ.

މި ބިންހެލުމުގައި އެންމެ ބޮޑަށް އަސަރުކޮށްފައި ވަނީ އިރުދެކުނުގައި އޮންނަ ޕަކްތިކާ ޕްރޮވިންސަށެވެ. އދ.އިން ދަނީ ވަގުތީ ހިޔާއާއި ކާބޯތަކެތި ފޯރުކޮށްދޭން މަސައްކަތް ކުރަމުންނެވެ.

އިންޑިއާއިން ބުނެފައި ވަނީ ފުރަތަމަ ފޮނުވި ޝިޕްމެންޓަކީ ސާފު ފެނާއި ކާބޯތަކެއްޗާއި މެޑިކަލް ސާމާނު ކަމަށެވެ. އަދި އަންނައުނާއި މި ނޫން ވެސް ޒަރޫރީ ތަކެތި މިއަދުގެ ވަގުތެއްގައި ފޮނުވާނެ ކަމަށް ވިދާޅުވިއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!