ދުނިޔެ

ޔޫކްރެއިންއަށް އީޔޫގެ ކެނޑިޑޭޓެއްގެ ދަރަޖަ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވިލާތުގެ އިއްތިހާދު (އީ.ޔޫ)ގެ މެންބަރަކަށް ވުމަށް ޔޫކްރެއިނުން ހުށަހަޅައިފައިވާ ހުށަހެޅުން ބަލައިގަނެ، އެ ޤައުމަށް އެ ފުރުޞަތު ދިނުމުގެ ގޮތުން ކެނޑިޑޭޓެއްގެ ދަރަޖަދީފިއެވެ.

Ads by Sosun Fihaara

ޔޫކްރެއިނުން އީ.ޔޫ.އާ ގުޅުމަށް އެދި ހުށަހަޅައިފައި ވަނީ، ފެބުރުއަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާ ސިފައިން އެ ޤައުމަށް އަރައި ހަނގުރާމަ ފެށުމާ ގުޅިގެންނެވެ. އޭގެ ހަތަރު ދުވަސް ފަހުން ޔޫކްރެއިނުން ވަނީ އީ.ޔޫ.އާ ގުޅުމަށް އެދި ރަސްމީކޮށް ލިޔެކިޔުންތައް ހުށަހަޅައިފައެވެ.

ޔޫކްރެއިނާ އެކު، އެ ޤައުމާ އިންވެގެން އޮންނަ މޯލްޑޯވާއަށް ވެސް، އީ.ޔޫ.އާ ގުޅުމުގެ ފުރުޞަތު އެ އިއްތިހާދުން މި ވަނީ ހުޅުވައިލައިފައެވެ. ނަމަވެސް، ރަސްމީކޮށް އީ.ޔޫ.ގެ މެންބަރެއްގެ ގޮތުގައި ކަނޑައެޅުމުގެ ކުރިން އެ ޤައުމުތަކުން އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮތުން ގިނަ ކަންތައްތަކެއް ފުރިހަމަކުރަން ޖެހޭނެއެވެ. އަދި، މި ކަންކަމަށް އަހަރުތަކެއް ހޭދަވާނެ ކަމަށް ބެލެވެއެވެ.

މިއީ ވަރަށް ތާރީޚީ ދުވަހެއްގެ ގޮތުގައި ވިލާތުގެ ކައުންސިލްގެ އިސްވެރިޔާ ޗާލްސް މިޝެލް ސިފަކުރައްވައެވެ. އަދި، ހަނގުރާމައިގެ މި ދަތި ހާލަތުގައި ވެސް ޔޫކްރެއިނުގެ ރައްޔިތުންނާ އެކު އީ.ޔޫ.އިން ދެމިއޮންނާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. ޔޫކްރެއިނުގެ ރައްޔިތުން ތިބީ މި ނިންމުމަށް ކެތްމަދުވެފައެވެ.

އިޤްތިޞާދީ އަދި ސިނާޢީ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް 1951ވަނަ އަހަރު އެންމެ 6 ޤައުމުގެ ބައިވެރިވުމާ އެކު އުފެއްދިގެން އައި އީ.ޔޫ.ގެ މެންބަރުންގެ އަދަދު މިއަދު 27އަށް އަރައެވެ. އަދި، އީ.ޔޫ.ގެ މެންޑޭޓު ވެސް ވަނީ އިތުރަށް ފުޅާކޮށްފައެވެ.

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވީ، އޭނާގެ ފައުޖުތަކުން ޔޫކްރެއިނަށް އަރައި "ޚާއްޞަ އޮޕަރޭޝަނެއް"ފަށައިފައި ވަނީ، ރަޝީޔާގެ ބަސްވިކޭ ސަރަޙައްދުތަކަށް ހުޅަނގުގެ ޤައުމުތަކުން ބާރު ފޯރުވަން މަސައްކަތް ކުރަމުންދާތީ، އެ ކަން ހުއްޓުވުމުގެ ގޮތުން ކަމުގައެވެ. ނަމަވެސް، ޔޫކްރެއިނާއި މޯލްޑޯވާއަށް އީ.ޔޫ.އާ ގުޅުމުގެ ފުރުޞަތު ދިނުމުން ދޭހަވާ ކަމަކީ، ރަޝިޔާގެ ބާރު އެ ސަރަޙައްދުތަކުން ކެނޑެމުންދާ ކަމެވެ. އަދި، ކުރީގެ ރޫސީވިލާތުގެ ޤައުމުތަކުގެ މެދުގައި ރަޝިޔާގެ ބަސްނުވިކޭ ކަމެވެ.

ޔޫކްރެއިނާއި މޯލްޑޯވާގެ އިތުރުން ބަލްގޭރިޔާއިން ވެސް ދަނީ އީ.ޔޫ.ގެ މެންބަރުކަން ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެޤައުމަށް އިއްތިހާދުން އެ ފުރުޞަތު އަދި ދީފައެއް ނުވެއެވެ. މީގެ އިތުރުން، އަލްބޭނިޔާ، ބޮސްނިޔާ، ކޮސޯވޯ، މޮންޓެނީގްރޯ، އަދި އުތުރު މެސެޑޯނިޔާގެ އިތުރުން ސަރބިޔާއިން ވެސް ދަނީ އީ.ޔޫ.އާ ގުޅުމަށް މަސައްކަތް ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!