ހުމާއި ރޯގާ ޖެހޭ މީހުންގެ އަދަދު އިތުރުވެ އައިޖީއެމްއެޗްގައި ފްލޫ ކުލިނިކެއް
ހުމާއި ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެ، އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ހަދައި އެފަދަ ބަލި މީހުން ފްލޫ ކްލިނިކަށް ދިއުމަށް އެ ހޮސްޕިޓަލުން އެދިއްޖެއެވެ.
އެ ހޮސްޕިޓަލުން އިއްޔެ ވިދާޅުވީ، ހުމާއި ރޯގާ ޖެހިގެން ފަރުވާ ހޯދުމަށްދާ ބަލި މީހުންގެ އަދަދު އިތުރުވެ، އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކްގައި އެފަދަ ބަލި މީހުންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށެވެ. އެ ތަނުން ހިދުމަތް ދޭނީ ހެނދުނު 8:00އިން ރޭގަނޑު 11:00އަށް ކަމަށް އައިޖީއެމްއެޗުން ވަނީ ވިދާޅުވެފައެވެ
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅައިބަލާއިރު މި އަހަރުގެ މި ދުވަސްވަރު އާންމު ރޯގާތައް ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެ ގޮތުން މި މަހު މިހައިތަނަށް މުޅި ރާއްޖެއަށް ބަލާއިރު، ޖުމްލަ 14610މީހަކަށް ވަނީ ރޯގާ ޖެހިގެން ފަރުވާ ހޯދައިފައެވެ. އެއީ މި ހަފްތާ ތެރޭ، 5712 މީހުން، މިދިޔަ ހަފްތާ ތެރޭ 4743 މީހުން އަދި އޭގެ ކުރީ ހަފްތާ ތެރޭ 4155 މީހުންނެވެ.
އަދި މިދިޔަ މޭ މަހު 13،361 މީހަކު އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކައިފައި ވެއެވެ.