އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯގެ ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތެއް ނުދިން
މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ފުރުސަތު ނުދޭން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ނިންމަވައިފިއެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ، މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯ އަދި ފޮޓޯއާ ގުޅޭ ގޮތުން ދެ ކުއްލި މައްސަލަ ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ފޮޓޯތަކުގެ ސައްޙަކަން ކަށަވަރުވެފައި ނުވާ ކަމަށާއި އެހެންކަމުން ބައެއްގެ މައްޗަށް ކުރެވޭ ތުހުމަތެއްގެ މައްޗަށް މަޖިލީހުގައި ވާހަކަދައްކަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"މި ފޮޓޯތަކަކީ އެކިއެކި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތު. ފުލުސް އޮފީހަށް ހުށަހަޅާ ފޮޓޯ. އެ ފޮޓޯތަކުގެ ސައްހަކަން ފުލުސް އޮފީހަށް ކަށަވަރު ނުވޭ. އެއީ އަސްލު ކަމަށް ބަލައި، އެކަމާ ގުޅޭ ގޮތުން މި މަޖިލީހުގައި ބަހުސް ކުރަން ޖާގަ އޮތް ކަމަކަށް އަޅުގަނޑު ނުދެކެން" ރައީސް ނަޝީދު ވިދާޅުވިއެވެ.
"ފޮޓޯ އުފެދިފައި އޮތް ގޮތާއި އުފެދިފައި އޮތް ހަމަތައް، ދެނެ ނުގަނެ، އެހެން މީހެއްގެ އަބުރާ އިއްޒަތަށް ލިބޭ ގޮތަށް އެއްވެސް ކަމެއް، ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މި ރާއްޖޭގެ ހަމަތަކާއި އުސޫލުތަކާއި އާދަކާދަ ޖާގަދޭ ކަމެއް ނޫން"
މައްސަލަ ބަލައި ނުގަނެ، ރައީސް ނަޝީދު ވަނީ ޖަލްސާ ކުރިޔަށް ގެންދަން ނިންމަވައިފައެވެ. މިގޮތުން، އެޖެންޑާގައި ދެން އޮތް ނަންބަރަށް ފުރުސަތު ދެއްވަމުން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާ ސުވާލުކުރަން ފުރުސަތު ދެއްވިއެވެ. ނަމަވެސް ޝިޔާމް ވަނީ މިނިސްޓަރާ ސުވާލު ކުރުމުގެ ބަދަލުގައި ކުއްލި މައްސަލަ ހުށަހަޅަން ފުުރުސަތު ނުދެއްވުމުން ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
"ދިވެހިރާއްޖޭގައި މިއަށް ވުރެ ބޮޑު ކަންބޮޑުވުމެއް ނެތް" ޝިޔާމް ވިދާޅުވީ، މިގޮތަށް މަޖިލިސް ހިނގާ ނަމަ ވަޒީރާ ސުވާލު ކުރަން ބޭނުންފުޅު ނުވާ ކަމަށެވެ.
އެއަށްފަހު ޕީޕީއެމް/ޕީއެންސީ މެންބަރުން ގެންދެވީ މަޖިލިސް ރިޔާސަތު ކައިރިއަށް ވަޑައިގެން އަޑުގަދަ ކުރަމުންނެވެ.
މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކާ ގުޅިގެން ކުއްލި މައްސަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު މުޙައްމަދު ޝިޔާމާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ)އެވެ. ދައުރުވަމުން އަންނަ ވީޑިއޯތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުގެ ވީޑިއޯއެއް ވެސް ހިމެނެއެވެ.