ޚަބަރު

ގަލޮޅު ދަނޑުގެ މަރާމާތުގެ މަސައްކަތް ފެށޭނީ ހުޅުމާލޭ ދަނޑު ނިމުމުން: މަޚްލޫފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގަލޮޅު ދަނޑުގެ މަރާމާތުގެ މަސައްކަތް ފެށޭނީ ހުޅުމާލެ ޓްރެކް ސަރަހައްދުގެ ދަނޑުގެ މަސައްކަތް ނިމުމުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ހުޅުމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިޔާޒް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މަޚްލޫފް ވިދާޅުވީ، ގަލޮޅު ދަނޑު ތަޅާލާނީ ހުޅުމާލެ ޓްރެކްގައި އޮތް ދަނޑުގެ މަސައްކަތް ނިމުމުން ކަމަށެވެ.

މަޚްލޫފް ވިދާޅުވީ މިހާރު ކުރިއަށްދަނީ ގަލޮޅު ދަނޑު ހުޅުމާލެ ދަނޑަށް ބަދަލުކުރުމަށް ހިންގާނެ ޚަރަދުގެ ހޯދުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެތަނުގައި ލައިޓް ހަރުކުރުމާއި، ވިނަގަނޑަށް ބޭނުންވާ ޕިޗް ވެސް ހޯދަން ޖެހޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެކަމަށް ދާނެ ޚަރަދު ބެލުމަށްފަހު އެ މަސައްކަތް މިއަހަރުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށް އުންމީދު ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ގަލޮޅު ދަނޑު ތަރައްގީ ކުރުމަށް ޓަކައި އިންޑިއާގެ ލޯނު އެހީގެ ތެރެއިން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހަމަޖައްސައިފައެވެ.

ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އިންޑިއާއިން ދޭ 40 މިލިއަން ޑޮލަރުގެ ލޯން އެހީގެ ތެެރެއިން ގަލޮޅު ދަނޑުގެ ތަރައްގީއަށް ހަރަދުކުރަން މި އަހަރުގެ ބަޖެޓްގައި ހިމަނައިފައި ވަނީ 45،494،505 (ސާޅީސް ފަސް މިލިއަން ހަތަރުލައްކަ ނުވަދިހަ ހަތަރުހާސް ފަސްސަތޭކަ ފަހެއް) ރުފިޔާއެވެ. އަދި 2023ވަނަ އަހަރުގެ ބަޖެޓްގައި 10 މިލިއަން ރުފިޔާ ވަނީ ގަލޮޅު ދަނޑުގެ ތަރައްގީ އަށް ހިމަނައިފައެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ދޭ ލޯނުން ހިންގަން ނިންމައިފައިވާ ޕްރޮޖެކްޓެކެވެ.

ގަލޮޅު ދަނޑު މަރާމާތް ކުރުމަށް ނިންމައިފައި ވަނީ ދަނޑުގެ ސަހަރާއާ ވީ ފަޅީގެ ސިޑިބަރިއާއި އިރުމަތީ ފަރާތު ސިޑިބަރި ހަލާކުވެ، ބޭނުން ނުކުރެވޭ ހާލަތައް ދިއުމާ އެކުގައެވެ.

މީގެ ކުރިން މައިގަނޑު ގޮތެއްގައި ގަލޮޅު ދަނޑުގެ މަރާމާތުތައް ކުރެވިފައި ހުރީ މުބާރާތްތަކާ ގުޅިގެންނެވެ. އެ ގޮތުން އެންމެ ފަހުން ބޮޑު ބަދަލެއް ދަނޑުގެ އިމާރާތަކަށް ގެނެވުނީ 2014ވަނަ އަހަރު އޭއެފްސީ ޗެލެންޖް ކަޕް ބޭއްވުމުގެ ގޮތުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!