އިޙުތިރާމު ޤައުމީ މަޝްރޫޢު މިރޭ ފަށަނީ، ރަސްމިއްޔާތަށް ފަހު ހަވާ އަރުވާނެ
އިޙުތިރާމު އަދާކުރުމުގެ ޤައުމީ ކެމްޕޭން ފެށުމަށް މިރޭ ބާއްވާ ރަސްމިއްޔާތަށް ފަހު، މާފަންނު ޓްރެކް ސަރަހައްދުގައި ހަވާ އެރުވުން އޮންނާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

ޤައުމީ ފެންވަރުގައި އިޙުތިރާމު އަދާކުރުމުގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތަށް ފަހު، މިރޭ ހަވާ އެރުވުން އޮންނާނެ ކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ކެމްޕޭން އިފުތިތާޙު ކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ މާފަންނު ޓްރެކް ސަރަޙައްދުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކެމްޕޭން އިފުތިތާޙު ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
ވުޒާރާއިން މަޢުލޫމާތު ދިން ގޮތުގައި، މާފަންނު ޓްރެކް ސަރަޙައްދުގައި މިރޭ 9:40އާއި 10:30އާ ދެމެދު ތިން މިނެޓުގެ ވަގުތުކޮޅަކަށް ހަވާ އެރުވުން ކުރިއަށްދާނެއެވެ.
"އިޙުތިރާމު އަދާކުރުމުގެ ޤައުމީ މަޝްރޫޢު"ގެ މައިގަނޑު މަޤުޞަދަކީ މުޖުތަމަޢުގެ ބަދަހިކަން އިތުރުކޮށް، އެކަކު އަނެކަކަށް އިޙުތިރާމު ކުރުމުގެ ރީތި އާދަ ދިވެހިންގެ މެދުގައި، ޚާއްޞަކޮށް ކުޑަކުދިންނާއި ޒުވާނުންގެ މެދުގައި އަލުން ދިރުވައި އާލާކުރުމެވެ.
މިއީ ދިވެހިންގެ އަމިއްލަވަންތަކަމާއި ޤައުމިއްޔަތު ދެމެހެއްޓުމަށް ރައީސް މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ފަށާ މުހިންމު މަސައްކަތެކެވެ. މިގޮތުން ދިވެހި ބަހާއި ތާރީޚާއި ސަޤާފަތް އާލާކުރުމަށް ސަރުކާރުން އަންނަނީ ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންނެވެ.





ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.