1448ވަނަ އަހަރުގެ ޙައްޖު އެއްބަސްވުމުގައި ސޮއިކޮށްފި
1448 ވަނަ އަހަރުގެ ހައްޖުގެ ހިދުމަތްތަކާ ގުޅޭ އެއްބަސްވުމުގައި ރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ސޮއިކޮށްފިއެވެ. މިއީ ހައްޖުވެރިންނަށް ދޭ ހިދުމަތްތައް ހަރުދަނާ ކުރުމަށް ސޮއިކުރި އެއްބަސްވުމެކެވެ.
1448ވަނަ އަހަރުގެ ޙައްޖުގެ އަޅުކަމާ ގުޅޭ ކަންކަން ރޭވުމަށްޓަކައި ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ސައުދީގައި މިހާރު ކުރިއަށްދާ 6ވަނަ ޙައްޖު ކޮންފަރެންސްގެ ތެރެއިންނެވެ.
ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ނައިބު އުސާމް މުޙައްމަދު ސައީދުއެވެ. ސައުދީ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޙައްޖާއި އުމްރާއާ ބެހޭ ވަޒީރުގެ ނައިބު އަބްދުލް ފައްތާޙް މަޝާތްއެވެ. މިއީ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާ ހުރިހާ ޤައުމުތަކަކުން ކޮންމެ އަހަރަކު ވެސް ސޮއިކުރަންޖެހޭ މުހިންމު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން ޙައްޖު މޫސުމުގައި ޚިދުމަތްތައް ދޭނެ އުސޫލުތަކާއި، ފައިސާ ދެއްކުމުގެ ކަންކަމާއި، ރާއްޖޭގެ ޙައްޖު މިޝަން ޤާއިމުކުރުން ފަދަ މުހިންމު ކަންތައްތައް ތަރުތީބު ކުރެވިގެންދާނެއެވެ. މީގެ އިތުރުން ޙައްޖުވެރިންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށް މި އެއްބަސްވުމުގައި ބާރުއަޅާފައިވެއެވެ.
ކޮންފަރެންސްގެ ހަވާސާގައި އުސާމް ވަނީ ސައުދީގެ ޙައްޖު ވަޒީރު ޑރ. ތައުފީޤު ބިން ފައުޒާނު އައްރަބީޢާއާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ. ސަރުކާރުން އަންނަނީ ޙައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް "މައްކާ ރޫޓް" ފަދަ ޚިދުމަތްތަކާއި، މިނާއާއި އަރަފާތުގެ ޓެންޓުތަކުގެ ފެންވަރު މަތިކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކުރިއަށް އޮތް ޙައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ޙައްޖު ކޯޕަރޭޝަނުން ވެސް ސައުދީގެ ކަމާ ބެހޭ އިދާރާތަކާ އެކު އިތުރު އެއްބަސްވުންތަކެއް އެކުލަވާލާނެއެވެ. އަންނަ އަހަރުގެ ޙައްޖު ދަތުރުގައި، ކިޔޫގައި ތިބޭތާ 3 އަހަރުވެފައިވާ 70 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ޙައްޖުވުމުގެ ފުރުސަތު ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.




ކޮމެންޓް
މި ލިޔުމަށް ކޮމެންޓް ކުރުން ވަނީ ބަންދުކޮށްފައެވެ.