ރިޔާސީ އިންތިޚާބަށް ޖޭޕީން ކެނޑިޑޭޓަކު ނެރޭނެ: ގާސިމް
އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރާނެކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ސިޔާސީ ހަރަކާތްތައް ހުއްޓައިލައިގެން ގިނަ ދުވަސްތަކެއް ވަންދެން ތިބުމަށް ފަހު ޖޭޕީން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ސިޔާސީ ޕާޓީއެއް އުފެދިގެން އަންނަ މައިގަނޑު އެއް ބޭނުމަކީ ވެރިކަމަށް އައުން ކަމަށާއި އެ މަގުން މަސައްކަތް ކުރުމަކީ ޖުމްހޫރީ ޕާޓީގެ ވެސް އަސާސް ބިނާވެފައި އޮތްގޮތް ކަމަށެވެ.
"އެންމެ ފަހުން ބޭއްވި ބައްދަލުވުންތަކުގައި ނިންމައިފައި އޮތީ ރިޔާސީ ކެނޑިޑޭޓަކު ޖޭޕީން ނެރޭނެ. އެ ނިންމުމަށް ބަދަލެއް އަންނާނެތޯ ނުވަތަ ނާންނާނެތޯ އެނގޭނީ ކޮންގްރެސް(އިން)އައު ކައުންސިލް ހޮވީމަ. ހަމަގައިމު ވެސް އަޅުގަނޑުމެން ބާކީވެގެން ނުދާނެ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވަނީ ވެރިކަމަށް ނިކުންނާނީ ކޯލިޝަނެއްގެ ތެރެއިންތޯ ނުވަތަ އެކަނިތޯ ނިންމާނީ ޖޭޕީގެ ކައުންސިލުން ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ޖޭޕީން ނެރޭނެ ކެނޑިޑޭޓެއް ކަނޑައަޅާނީ ޕްރައިމަރީއަކުންތޯ ނުވަތަ ކޮންގްރެސްއަކުންކަން ވެސް ކަނޑައަޅާނެ ކަމަށާއި އެކަންކަން ޕާޓީގެ ކައުންސިލުން ކުރިޔަށް އޮތް ދުވަސްތަކުގައި ކުރިޔަށް ގެންދަވާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"ކޮންގްރެސްއިން ނިންމާނެ ކަންތައްތަކެއް. އަޅުގަނޑަށް ޔަގީން ކޮންގްރެސްއަކުން ނުނިންމާނެކަން ރިޔާސީ އިންތިހާބަށް މީހަކު ނެރެގެން ނުވާނޭ ކިޔާފައެއް." ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވަނީ ރިޔާސީ އިންތިހާބުން ޖުމްހޫރީ ޕާޓީގެ ބާކީ ނުވާނެކަމަށް ވެސް ވިދާޅުވެފައެވެ. އަދި ރައްޔިތުން ބޭނުންވާ ކަންތައްތައް ޖުމްހޫރީ ޕާޓީއަށް ކޮށްދެވެން ހުރީ ސިޔާސީ ގޮތުން ބާރުވެރިކަން ލިބިގެން ކަމަށް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އުއްމީދުތައް އޮތްގޮތަށް ރައްޔިތުންނަށް ޑެލިވާ ކުރެވޭނީ ހަމަގައިމު ވެސް އަޅުގަނޑުމެންނަށް ބާރުތަކެއް ލިބިގެންނޭ. އަޅުގަނޑުމެން ދަލު ބޭރުން ޖެހިގެން ތިބެގެން ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެކަން ރައްޔިތުން އެކަން ގަބޫލުކުރައްވަން ޖެހޭނެ ހަމަގައިމު ވެސް." ގާސިމް ވިދާޅުވިއެވެ.