ޚަބަރު

ސްކޫލު ބަންދު ދުވަސްވަރު ދަރިވަރުންނަށް އުފާވެރި ދުވަސްވަރަކަށް ހައްދަވައިދެއްވާ: ފަޒްނާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބްރިޖް ލިޓްލް ލަރނަރސް ޕްރީސްކޫލްގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ޝަރަފްވެރިކޮށްދެއްވައިފިއެވެ.

Ads by Sosun Fihaara

މިރަސްމިއްޔާތު އޮތީ މިއަދު ހަވީރު ސްޓެލްކޯގެ ސެމިނަރ ހޯލްގައެވެ.

މިރަސްމިއްޔާތުގައި ދަސްވެނިވި 27 ދަރިވަރުންނަށް އެވޯޑާއި ސްކްރޯލް ހަވާލުކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދެވެ.

މިރަސްމިއްޔާތުގައި ދަރިވަރުންނާއި ބެލެނިވެރިންނާއި މުޚާތަބު ކުރައްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، ކުދިންނާއި ބެލެނިވެރިން ވެސް ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށާއި، ޗުއްޓީގެ އުފާވެރިކަމާއި ތަޖުރިބާތައް ކުދިންނަށް ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ޕްރީސްކޫލް ނިންމައި ދަރިވަރުން ޕްރައިމަރީ މަރުހަލާ ފަށަން ތައްޔާރުވާ އިރު ޗުއްޓީތެރޭގައި ކުދިންނަށް ގްރޭޑް ފޮތްތައް ބެލެނިވެރިން ކިޔަވައިދޭކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. އެހެން ހެއްދެވުމުން ސްކޫލަށް ކުދިން ގޮސް ހަމަ އެފިލާވަޅުތައް ހަދަންޖެހުމުން ފޫހިވާ ގޮތް މެދުވެރިވާކަމަށާއި އެހެންކަމުން ސްކޫލު ޗުއްޓީގައި ކުދިންނަށް އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްދިނުމުގެ މުހިއްމުކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. މިގޮތުން ކުދިން އަމިއްލައަށް ފާޚާނާއަށް ގޮސް ތާހިރުވާން ދަސްކޮށްދިނުން ފަދަ ކުއްޖާއަށް އެކަނި ކުރެވޭނެ ކަންކަން ޗުއްޓީތެރޭގައި ދަސްކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

އެ ކަމަނާގެ ވާހަކަފުޅުގައި ޕްރީ ސްކޫލުތަކަށް މުޖުތަމަޢާއި އަމިއްލަފަރުދުން އަދި ސަރުކާރުގެ ކުންފުނިތަކުން ވެދޭ އެހީތެރިކަން ފާހަގަ ކުރެއްވިއެވެ. އަދި މިހަފްލާގައި ގުރެޖުއޭޓްވި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ވާހަކައެއް ވެސް ވިދާޅުވެދެއްވައިފައެވެ.

މިހަފްލާގައި ބްރިޖް ލިޓްލް ލަރނަރސް ޕްރީ ސްކޫލުން ދަސްވެނިވި ހުރިހައި ދަރިވަރުންގެ ނަން ހިމެނޭ ކުރެހުމެއް ސްކޫލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދަށް ހަދިޔާކުރެއްވިއެވެ.

ބްރިޖް ލިޓްލް ލަރނަރސް ޕްރީ ސްކޫލަކީ 233 ކުދިންނާ އެކު 2012ވަނަ އަހަރު ފެށުނު ޕްރީސްކޫލެކެވެ. މިއަހަރުގެ ޖޫން މަހު ސްކޫލުގެ ނަން ވަނީ ޗައިމްސް ޕްރީ ސްކޫލުގެ ނަމަށް ބަދަލުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!