ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކޮށްފި

ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މެޖިސްޓްރޭޓުންގެ މުސާރަ ބޮޑު ކުރުމަށް މަޖިލީހަށް ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިންނެވެ.
ޖޭއެސްސީން ހުށަހެޅިގޮތުން ދައުލަތުގެ ބަޖެޓުން މެޖިސްޓްރޭޓުންގެ މުސާރައަށް ހޭދަކުރާ މިންވަރު އިތުރުވެގެން ދަނީ އަހަރަކު ގާތްގަނޑަކަށް 3.7 މިލިއަން ރުފިޔާއެވެ. އެ ކޮމިޝަނުން ވަނީ މުސާރަ ބޮޑު ކުރުމަށް ފިނޭންސް މިނިސްޓްރީން ހުއްދަ ވެސް ނަގައިފައެވެ.
މި މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީން ޖޭއެސްސީން އެދުނު ގޮތަށް ފާސްކުރިއިރު، މަޖިލީހުން ފާސްކުރުމުގެ ކުރިން އިތުރު އިސްލާހެއް ޖޭއެސްސީގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވަނީ ހުށަހަޅުއްވައިފައެވެ. ހިސާން ހުށަހެޅުއްވީ ރިސްކު އެލަވަަންސް އަސާސީ އެލަވަންސުން މަދު ނުކޮށް، ލިވިން އިސްލާހުން އުނިކުރުމަށެވެ. އެ އިސްލާހާ އެކު، މަޖިލީހުން މެޖިސްޓްރޭޓުންގެ މުސާރަ ބޮޑުކުރަން ފާސްކުރީ 53 މެންބަރުންގެ ވޯޓުންނެވެ. ވަކި ކޮޅަކަށް ވޯޓު ދޭން ބޭނުން ނުވާ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ. މީގެ އިތުރުން މިއަދުގެ ޖަލްސާގައި ވަނީ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން އެދުނު ގޮތަށް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ހަތަރު މަސް ދުވަހަށް އިތުރު ވަގުތު މަސައްކަތްކުރާ ނަމަ ކުރާ ކޮންމެ ދުވަހަކަށް 500 ރުފިޔާގެ އިނާޔަތެއް ދިނުމަށް ވެސް ފާސްކޮށްފައެވެ. އެއީ އެ މުއްދަތުގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ބެކްލޮގްގައި ހިމެނޭ 1،182 މައްސަލަ އެއްކޮށް ނިންމުމަށް ހުށަހެޅި ގޮތެކެވެ.





ކޮމެންޓް