ޚަބަރު

19އަށް ވުރެ ގިނަ ރަށަށް އުދަ އަރައި އެކި ވަރުގެ ގެއްލުން

ޚާޝީޔާ މުޙައްމަދު ، ދެން އޮންލައިން
އުދައިގެ އަސަރު ކޮށްފައިވާ ރަށެއް-- ފޮޓޯ: އަދަދު

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި، ހަތް އަތޮޅަކުން 19އަށް ވުރެ ގިނަ ރަށަށް އުދަ އަރައި އެކި ވަރުގެ ގެއްލުން ވެފައިވާ ކަމަށް މޯލްޑިވްސް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ބުނެފިއެވެ.

Ads by Sosun Fihaara

ޑިޒާސްޓާ މެނޭޖުމަންޓުން ބުނި ގޮތުގައި އުދައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ތ. އަތޮޅަށެވެ. އެ އަތޮޅުގެ އަށް ރަށަކަށް ވަނީ އުދަ އަަރައިފައެވެ.

އެގޮތުން އެ އަތޮޅު ކިނބިދޫއަށް އުދަ އަރައި އަށް ގެއަކަށް ލޮނު ވަދެފައިވާއިރު ގާދިއްފުށީގެ 35 އަކަށް އަދި މަޑިފުށީގެ 60 ގެއަކަށް ވަނީ ލޮނު ވަދެ، ބޮޑެތި ގެއްލުންވެފައެވެ. އަދި އޮމަދޫގެ 15 ގެއަކާއި ވޭމަންޑޫގެ 10 ގެއަކާއި ދިޔަމިގިލީގެ ފަސް ގެއަކަށް ވެސް އުދަ އެރުމުގެ ސަބަބުން ލޮނު ވަދެފައިވާ ކަމަށް ޑިޒާސްޓާއިން ބުނެފައިވެއެވެ.

އެ އަތޮޅު ތިމަރަފުއްޓާއި ގުރައިދޫއަށް ވެސް އުދަ އެރި ނަމަވެސް މީހުން ދިރިއުޅޭ އެއްވެސް ގެއަކަށް ލޮނުވަދެފައި ނުވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.

އުދައިގެ އަސަރު ދެން އެންމެ ބޮޑަށް ކުރި އެއް އަތޮޅަކީ ގދ. އަތޮޅެވެ. އެގޮތުން ގދ. މަޑަވެލީގެ 98 އިންސައްތަ ގޭގެއަށް ލޮނުވަދެ އެކި ވަރުގެ ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ. އަދި ފަރެސްމާތޮޑާއަށް އެރި އުދައިން މީހުން ދިރިއުޅޭ އެއް ގެއަށް ލޮނު ވަދެފައިވާއިރު އެ އަތޮޅު ހޯނޑެއްދޫ، ފިޔޯރީއަށް ވެސް އުދައިގެ އަސަރު ވަނީ ކޮށްފައެވެ.

އައްޑޫ ސިޓީގެ ރަށްތަކަށް ވެސް އުދަ އަރައި އެކި ވަރުގެ ގެއްލުންތައް ވަނީ ވެފައެވެ. އެގޮތުން މަރަދޫގެ 50 ގެއަކަށް ލޮނު ވަދެފައިވާއިރު ދެ ގެއެއްގައި ދިރިއުޅޭ މީހުން އެހެން ގެތަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މަރަދޫފޭދޫއަށް އެރި އުދައިގެ އަސަރު ވެސް އެ ރަށުގެ 30 ގެއަކަށް ވަނީ ކޮށްފައެވެ.

ލ. މާވަށަށް ވެސް ވަރަށް ބޮޑަށް އުދަ އަރާފައިވާ އިރު، އެ ރަށުގެ ހަތަރު ގެއަކަށް ވަނީ ލޮނު ވަދެފައެވެ.

މީގެ އިތުރުން ގއ. ކޮލަމާފުއްޓާއި އެ އަތޮޅު މާމެންދޫއާއި ޅ. ކުރެންދޫއަށް ވެސް އުދައިގެ އަސަރު ކޮށްފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ދެ ދުވަހު ހުޅަނގާއި މެދުރާއްޖެތެރޭގެ ރަށްރަށަށް ވިއްސާރަވެ ކަނޑުގަދަ ވާނެ ކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.

ވިއްސާރަ މޫސުމުގައި ފެން ބޮޑުވެ، އުދަ އަރާފާނެ ކަމަށް ރައްކާތެރިވެ ދުރާލައި އެކަމަށް ފިޔަވަޅު އެޅުމަށް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!