ޚަބަރު

ރާއްޖޭގެ ލައިސެންސަށް މެލޭޝިއާގައި އެއްގަމު އުޅަނދު ފަހަރު ދުއްވޭ ގޮތް ހަދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިންގ ލައިސަންސް ބޭނުންކުރެވޭ އެއްބަސްވުމުގައި އަންނަ އޯގަސްޓްމަހު ސޮއިކުރުމަށް ނިންމައިފިއެވެ.

Ads by MWSC

މި އެއްބަސްވުމުގައި ސޮއިކުރުމަށް ނިންމައިފައި ވަނީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާ އދ.ގެ ގްލޯބަލް ރޯޑް ސޭފްޓީ ހައި ލެވެލް ބައްދަލުވުމުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރ ޑރ.ވީ.ކާ ސިއޯންގްއާ ބައްދަލުކުރައްވާ ކުރެއްވި މަޝްވަރާތަކުގައެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ޤައުމުގައި މެދުގައި ހުރި އެއްގޮތް ކަންތައްތަކާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ. އެގޮތުން މިއަހަރުގެ އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިންގ ލައިސަންސް ބޭނުންކުރެވޭ އެއްބަސްވުމުގައި ސޮއިކުރުމަށް ވަނީ ނިންމައިފައެވެ. މި އެއްބަސްވުމުގެ ދަށުން ސައިކަލު ދުއްވުމުގެ ސައްޙަ ލައިސަންސެއް އޮންނަ ކޮންމެ މީހަކަށް އެ ޤައުމުގައި ސައިކަލު ދުއްވުމުގެ ހުއްދަ ލިބިގެންދާނެއެވެ. މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ތަމްރީން ވުމުގެ ފުރުޞަތުތަަކާއި އެކިކަލަ އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މެލޭޝިއާގައި ރާއްޖޭގެ ލައިސަންސް ބޭނުން ކުރެވޭގޮތް ހެދުމަށް ޓަކައި އެންމެ ފުރަތަމަ މަޝްވަރާތަކެއް ކޮށްފައިވަނީ 2019ވަނަ އަހަރުގެ ތެރޭގައި ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން އައިކާއޯ ޖެނެރަލް އެސެމްބްލީގެ ހަވާސާގެ ތެރެއިން އޭރު މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރާ މިނިސްޓަރ ނަހުލާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ނިއުޔޯކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވާ އދ.ގެ އެކި އެޖެންސީތަކާ ރާއްޖެއާ ދެމެދު އޮތް ގާތް ގުޅުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. އަދި މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް ޚާއްސަގޮތެއްގައި ރާއްޖޭގެ ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ދާއިރާއިން ގުޅުން އިތުރުކުރުމަށްވަނީ މަޝްވަރާކުރައްވައިފައެވެ.

Ads by Ooredoo
  1. ސުން

    އައިޝާ ފެނުމުން އިތުރު ޗޮއިސްއެއް ނޯންނާނެ.