13އަހަރު ކުއްޖާގެ މަރުގެ ދައުވާ ލިބޭ ކުއްޖާ ގޭގައި ބެހެއްޓުމުގައި ގޯހެއް ނެތް: ސްޕްރީމް ކޯޓް
ހުޅުމާލޭ ކުއްޖަކު ރަހީނުކުރުމަށް ފަހު މަރައިލި މައްސަލައިގައި ދައުވާލިބޭ ކުއްޖާ ގޭބަންދުގައި ބެހެއްޓުމުގައި ގޯހެއް ނެތްކަމަށް ސްޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.
މިދިޔަ އަހަރު ޖޫންމަހުގައި މަރައިލައިފައި ހުޅުމާލޭ ދެވަނަ ފިޔަވައްސާ ދިމާ މޫދަށް އެއްލައިލައިފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ ފިރިހެން ކުއްޖާގެ މަރުގެ މައްސަލައިގައި ދައުވާ އުފުލައިފައި ވަނީ ނ.ލަންދޫ, ބަގީޗާގޭ އިބްރާހިމް ޒިހާނާއި ކުޑަ ކުއްޖެއްގެ މައްޗަށެވެ.
މި މައްސަލައިގައި ދައުވާ ލިބޭ ކުއްޖާ ގޭ ބަންދަށް ބަދަލުކުރަން ޖުވެނައިލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކުރުމުން ދައުލަތުން އެ މައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ދައުލަތުން ސްޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރީ އެ ކުއްޖާ ގޭ ބަންދަށް ބަދަލުކުރަން ނިންމީ ކުޑަކުދިންގެ އަދުލުގެ ގާނޫނާ ޚިލާފަށްކަމަށް ބުނެފައެވެ.
ނަމަވެސް އިސްތިއުނާފު ކުރަން ހުށަހަޅައިފައިވާ ނުކުތާގައި އިސްތިއުނާފަށް ހުށަހަޅައިގެން ކާމިޔާބުކުރެވޭނޭ ކަމުގެ އެކަށީގެންވާ ފުރުސަތެއް އޮތް ގާނޫނީ ބަހުސެއް ހިމެނޭކަން މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެދެވިފައި ނުވާތީ މި މައްސަލައަކީ
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 16ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރެވޭ
މައްސަލައެއް ކަމަށް ނުދެކޭކަމަށް ސްޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވެއެވެ.
''ދަށުކޯޓުން ނުވަތަ ހައިކޯޓުން ގާނޫނު މާނަކުރުމުގައި ނުވަތަ ގާނޫނު ތަތުބީގު ކުރުމުގައި ގޯހެއް ހަދާފައިވާކަމުގެ ބޮޑު ގާނޫނީ ބަހުސެއް (މައްސަލަ ކާމިޔާބުކުރެވޭ މިންވަރުގެ ބަހުސެއް) މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާގައި ބުނެދެވިފައިވާ ކަމަށް އަހުރެން ނުދެކެމެވެ.'' ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވިއެވެ.
ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުންކަމަށްވާ ފަނޑިޔާރު ޑރ.އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ވަނީ ތާއީދުކުރައްވައިފައެވެ.
''ހައިކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލުގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.'' ހުކުމުގައިވެއެވެ.