ކްރިމިނަލް ކޯޓުގެ ގާޒީ ދީބަނާޒް ހައިކޯޓަށް

ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ދީބާނާޒް ފަހުމީއާއި މުހައްމަދު ސަލީމް އައްޔަންކުރަން ނިންމައިފިއެވެ.
ޖޭއެސްސީއިން ބުނީ ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް އެ ކޮމިޝަނުން ކުރި އިއުލާނުގެ ދަށުން ކުރިމަތިލައިފައިވާ ފަރާތްތަކާ "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ ކޮމިޓީ"އިން އިންޓަވިއުކުރުމަށް ފަހު އެ ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ކޮމިޝަނަށް ލަފާ އަރުވައިފައިވާ ކ. މާލެ މ. ގުލްޝަން، ދީބާނާޒް ފަހުމީއާއި ފ. ބިލެތްދޫ، މޯނިންގްވިލާ، މުހައްމަދު ސަލީމް ކަމަށެވެ.
އެ ނިންމުން ނިންމައިފައި ވަނީ މި މަހުގެ 6ވަނަ ދުވަހު ޖޭއެސްސީއިން ބޭއްވި އެ ކޮމިޝަންގެ 48ވަނަ ބައްދަލުވުމުގައި ކަމަށްވެސް ޖޭއެސްސީއިން ބުނެއެވެ.
ކްރިމިނަލް ކޯޓުގެ ފުރަތަމަ އަންހެން ގާޒީގެ މަގާމު އަދާކުރެއްވި ދީބަނާޒް ފަހުމީ ވަނީ މެލޭޝިއާ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ޤާނޫނީ ރޮނގުން ބެޗްލާ އޮފް ލޯ (އޮނާސް) ހާސިލްކުރައްވައިފައެވެ. އަދި މާސްޓާ އޮފް ލޯ، ނިއުޒިލެންޑްގެ ޔުނިވާސިޓީ އޮފް ކެންޓަބަރީއިން ފުރިހަމަ ކުރެއްވިއެވެ. ދީބަނާޒްއަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާ، 17 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.