ރައީސް ޞާލިހް، ސައުދީގެ ކޮމާސް މިނިސްޓަރާ ބައްދަލުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ސައުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ކޮމާސް މިނިސްޓަރު މާޖިދު އަލްގަސާބީއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ މެދު މަޝްވަރާ ކުރައްވައިފައެވެ. އަދި ވަކީން ހާއްސަކޮށް ވިޔަފާރީގެ ރޮނގުން ދެ ގައުމުގެ މެދުގައި އިތުރަށް ގުޅުން ވަރުގަދަ ކުރުމާ މެދު މަޝްވަރާ ކުރެއްވެވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ސައުދީ ސަރުކާރުން އެ މަނިކުފާނާއި އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފްދަށް ފޯރުކޮށްދެއްވަމުން ގެންދަވާ މެހެމާންދާރީ ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.
ރައީސް ސައުދީއަށް ވަޑައިގެންނެވީ އަނބިކަނބަލުން ފަޒްނާ އަހުމަދާ އެކު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށެވެ. ރައީސްގެ ދެ ކަނބަލުންގެ ހައްޖަށް ފުރާ ވަޑައިގެންނެވީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު އަލް ސައުދުގެ ދައުވަތަކަށް މި މަހުގެ ހަތަރުވަނަ ދުވަހުއެވެ.