ޚަބަރު

ރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރުންގެ ތެރެއިން 98 އިންސައްތައަކީ އިންޑިއާ ޓީޗަރުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރުންގެ ތެރެއިން 98 އިންސައްތައަީ އިންޑިއާ ޓީޗަރުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by STELCO

މައުލޫމާތު ލިބިގަތުމުގެ ޙައްޤުގެ ދަށުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގައި އުޅޭ ބިދޭސީ ޓީޗަރުންގެ އަދަދު މީޑިއާއަކާ ހިއްސާކޮށްފައެވެ. މިގޮތުން މި ވަގުތު ރާއްޖޭގައި ތިބީ ޖުމްލަ 1710 ޓީޗަރުންނެވެ. އޭގެ ތެރެއިން އެންމެ ގިނައީ އިންޑިއާ ޓީޗަރުންނެވެ. އެއީ 1674 ޓީޗަރުންނެވެ. އިންސައްތައިން ބަލާ ނަމަ ރާއްޖޭގައި އުޅޭ ބިދޭސީ ޓީޗަރުންގެ 98 އިންސައްތައަކީ އިންޑިއާ ޓީޗަރުންނެވެ.

ދެން އެންމެ ގިނަ ޓީޗަރުން ރާއްޖޭގައި އުޅެނީ އަވައްޓެރި ސްރީ ލަންކާއިންނެވެ. އެއީ 31 ޓީޗަރުންނެވެ. މީގެ އިތުރުން އިޖިޕްޓް 3 ޓީޗަރުންނާއި ޖޯޑަންގެ ޓީޗަރަކާއި ޕާކިސްތާނުގެ ޓީޗަރަކު ރާއްޖޭގައި ކިޔަވައިދެމުން އާދެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވިދާޅުވެފައި ވަނީ، ރާއްޖެއަށް ބޭރު ޓީޗަރުން ގެންނަން ޖެހެނީ ދިވެހި ޓީޗަރުން ނުލިބޭތީ ކަމަށެވެ. ޚާއްސަކޮށް އަތޮޅުތަކުގެ ރަށްތަކަށް ކިޔަވައިދޭން ޓީޗަރުން ނުލިބޭކަން މިނިސްޓްރީން ފާހަގަކުރެއެވެ. މި މައްސަލަ ހައްލު ކުރަން ދާދި ފަހުން އެޑިއުކޭޝަނުން ވަނީ އުފަން ރަށް ނޫން އެހެން ރަށްރަށަށްދާ ދިވެހި ޓީޗަރުންނަށް ދިރިއުޅުމުގެ ޚަރަދުތައް ހަމަޖައްސަން 3،000 ރުފިޔާގެ އެލަވެންސެއް ވެސް ދޭން ނިންމައިފައެވެ.

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދެމުން އަންނަ ބިދޭސީ ޓީޗަރުންގެ ތެރެއިން އެންމެ ގިނަ މީހުން ގެންނަނީ ހިސާބާއި އިނގިރޭސި މާއްދާ ކިޔަވައިދޭށެވެ. މިގޮތުން މި ވަގުތު އިނގިރޭސި ކިޔަވައިދޭން 268 ޓީޗަރުން ތިބިއިރު، 187 ހިސާބު ޓީޗަރުން އެބަތިއްބެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!