ހިސްޓޯ, އިމްރާނަށް: ކޮން ދީނަކަށްތަ ތިޔަ ޚިދުމަތް ކުރަނީ؟ ލާތައާއި ޢުއްޒާއަށްތަ؟
 
                                                        އިސްލާމްދީނަށް އެންމެ ޚިދުމަތްކުރަނީ ޢަދާލަތު ޕާޓީންކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވުމުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޝިފާޤް މުފީދު (ހިސްޓޯ) ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އިމްރާން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގަބޫލުކުރެވުނަސް ނުކުރެވުނަސް ވޭތުވެދިޔަ ތިން އަހަރާ ބައި ނުވަތަ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބެލިޔަސް ޢަދާލަތުގެ ޢިލްމުވެރިންނަށްވުރެ ދީނަށް ޚިދުމަތްކުރި ޕާޓީއެއް ނުވަތަ ޖަމާޢަތެއް މި ރާއްޖެއަކު ނޯންނާނެ ކަމަށެވެ.
އެ ގޮތުން ހިސްޓޯ ވިދާޅުވީ އާންމު ތަންތާނގައި ޖިންސީ ގޯނާކުރުމަކީ އާދައިގެ ކަމެއްކަމަށް އިމްރާނު ވައުޡު ބުނެފި ކަމަށެވެ. އަދި ޤަތުލުމަރުތައް އެކި މީސްމީހުންގެ ބޮލުގައި އަޅުވައިފި ކަމަށާއި, ތަޙުޤީޤީ އިދާރާގެ ވަޒީރަކަށް ހުރެ ރޯޔަލް ރޭޕާއި ލިވާތުގެ މައްސަލަތަށް އޮއްބައިލައިފި ކަމަށެވެ.
''ކޮންދީނަކަށްތަ ތިޔަ ޚިދުމަތް ކުރަނީ؟ ލާތައާއި ޢުއްޒާއަށްތަ؟'' މައްކާގެ މުޝްރިކުން ކުރިން އަޅުކަންކުރި ދެ ބުދަށް ޢިޝާރަތް ކުރައްވަމުން ހިސްޓޯ ފާޑުވިދާޅުވިއެވެ.
މީގެ އިތުރުން ހިސްޓޯ ވަނީ ލިވާތު އޮއްބައިލާފައި, ޢިލްމުވެރިން ހުރަގެއަށް ލައިގެން އުޅެމުން ވެސް ދީން ކުރިއަރުވަނީއޭ ކިޔާތީ ސުވާލު އުފައްދައިފައެވެ.
 
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
