ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

ކޮޓަރިއަށް ވަދެވުމާއެކު އޭނާއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އެއާއެކު ކެތްތެރިކަން ކޮޅުންލައިގެން ދިޔަ މީހަކު ފަދައިން ހުރި ދިމާލަށް ތިރިވެވުނީ ވަރުބަލި ވެފައިވާ މީހަކު ފަދައިންނެވެ. އިސްޖެހިފައި އިން އިރު ފުސްވެގެން ދިޔަ ލޮލުން ވެއްޓުނު ކަރުނަތިކި ޖެހުނީ ޔެލިޒްގެ އަތްތިލައިގައެވެ. ރޮވޭކަން ވެސް އޭނާއަށް އިހްސާސްވީ ދެނެވެ. ނަމަވެސް އެ ކަރުނަތައް ހުއްޓުވާކަށް ޔެލިޒް ނޫޅުނެވެ. މޫނުގައި އަތް އަޅާލި ގޮތަށް ރޯން ފެށިއިރު އެ ހިތަށް ނުހަނު އަސަރުކޮށްފައިވާކަން އެނގެއެވެ.

Ads by STELCO

**********************

ކޮޓަރީގެ ދޮރުގައި ލެނގިލައިގެން އިނދެ ޔެލިޒް ކަކޫ ލަންބާލަމުން ދެއަތް އަޅުވާލިއެވެ. ކަކުލުގައި ބޯ އަޅާލިއިރު ލޮލުން ފޭބި ކަރުނަތަކަށް ވީ ހުއްޓުމެއް އައިއްސައެވެ. ނަމަވެސް އިރުއިރުކޮޅާ ނޭފަތް އެތެރެއަށް ދަމާލާ އަޑު ފަނޑުކޮށް އިވިލައެވެ. އޭރު ބޮލުގައި މަޑު ރިހުމެއް އުފެދިފައިވާ ކަހަލައެވެ. ސަލްމާންގެ އެ އެދުމާ ދެކޮޅު ހަދާނެ ހިތްވަރެއް ޔެލިޒްގެ ނެތެވެ. މިހާރު ކުރެވޭހާ ވެސް އުންމީދަކީ ހިތް އެދޭފަދަ ރީތި ސިފަތަކެއް ލިބިގެންވާ ޒުވާނަކަށް ސަލްމާން ހޯދި ޒުވާނާ ވުމެވެ. އަދި ޒުވާނެއް ކަމެއް ވެސް އެނގެނީ އެއް ނޫނެވެ. ފަހަރެއްގައި ޔެލިޒްއަށް ކަމުދާ ސިފަތަކެއް އެ ޒުވާނާގެ ހުރެއްޖެނަމަ ލޯބި ވެވިދާނޭ އޭނާއަށް ހީވިއެވެ.

ނަމަވެސް ހިތުގައިވީ ރިހުމެކެވެ. މިއީ ހިތް އެދުނު ގޮތެއް ނޫނެވެ. އޭނާގެ ކައިވެނި ކުރެވެން ބޭނުންވި ގޮތް ވެސް ނޫނެވެ. ނަމަވެސް މި ނޫން ގޮތެއް ނެތްކަން ޔެލިޒްއަށް އެނގެއެވެ. ސަލްމާންގެ އެދުމަށްް ދެކޮޅު ހެދެން ނެތީ އެހެންވެއެވެ.

އެވަގުތު ކޮޓަރީގެ ދޮރުގައި އަސްރާ ޓަކި ޖަހާލި އަޑު އިވުނެވެ. އަސްރާކަން އެނގުނީ އޭނާގެ އަޑު އިވުމުންނެވެ. ޔެލިޒް ސިހިފައި ދޮރާއި ދުރަށް ޖެހިލިއެވެ. އެވަގުތު އަސްރާ ދެވަނަ ފަހަރަށް ވެސް ގޮވާލީ ޔެލިޒްގެ ޖަވާބެއް ނުލިބުމުންނެވެ.

" މަޑުކޮށްލާ މަންމަ! މި ހުޅުވަނީ". ފާހާނައަށް ދެމިގެންނަމުން ޔެލިޒް ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ޒިންކާ ކައިރި ވެލަމުން ދެތިން ފަހަރު މޫނަށް ފެން ޖަހާލުމަށްފަހު ޔެލިޒް ލޯގަނޑުން އޭނާގެ ސޫރައަށް ބަލާލިއެވެ. ކޮންމެ ވެސް ވަރެއްގެ ރަތްކަމެއް ލޮލުން ފާޅުވާން ހުރި ނަމަވެސް ޔެލިޒް މަސައްކަތް ކުރީ ހިނިތުންވުމެއް އެ މޫނަށް ގެނެވޭތޯއެވެ. އެކަން ކާމިޔާބު ކުރި ނަމަވެސް އެ ހިނިތުންވުން ލޮލާ ހަމައަށް ފޯރާ ގޮތެއް ނުވިއެވެ.

" ދަރިފުޅު ހާދަ ލަސްވީ. ހުރިހާ ކަމެއް ރަނގަޅުތަ. މާ ބާރަށް ކޮޓަރިއަށް ދާތީ ފެނުނީމަ މަންމަ މި އައީ. ބައްޕަ އެއްޗެކޭ ބުނީ ދޯ". އަސްރާ ކޮޓަރި ތެރެއަށް ވަންނަމުން އެއް ފަށްޗަކަށް އަމުނާލިއެވެ. އެވަގުތު އެ މޫނަށް ކުޑަ ހައިރާންކަމެއް ވެރިވިއެވެ. އަބަދާ އަބަދު ގޮނޑެއްހެން ހީވާ ކޮޓަރިން ފެންނަނީ ތަރުތީބު ކަމެވެ. އެކަމުން އަސްރާ ހިތްހަމަޖެހުނު އިރު ތުންފަތަށް ލުއި ހިނިތުންވުމެއް ވެސް ވެރިކޮށްލިއެވެ. އަނެއްކާވެސް އަސްރާ ބަލާލީ ޔެލިޒްއަށެވެ. އޭނާ ޖަވާބަކަށް ބޭނުންވެފައި އިންކަން އެ މޫނުން ޔެލިޒް ދެނެގަތެވެ. އެހެންކަމުން އޭނާ ގޮސް އިށީނީ އަސްރާއާ ޖެހިގެން ސޯފާގައެވެ.

" މަންމަ އަޅުގަނޑު ދައްކަން މި އުޅޭ ވާހަކަ އަޑުއަހައްޗޭ ޕްލީޒް. ބައްޕަ އަޅުގަނޑަށް މަޖުބޫރެއް ނުކުރޭ. ބައްޕަގެ އެދުމަކަށް ވީތީ ބުނެލީ. އެންޑް އައި އެމް އޯކޭ ވިތް އިޓް. އެ ކައިވެންޏަށް އަޅުގަނޑު އެއްބަސް ". ޔެލިޒް ބުނެލީ އަސްރާއަށް ވިސްނުވައިދޭ ފަދަ ގޮތަކަށެވެ.

އަސްރާ މަޑުމަޑުން ޔެލިޒްގެ އުނގުމަތީ ބޭއްވިފައި އޮތް އޭނާގެ އަތުގައި ހިފާލިއެވެ. ދެން ކަނާތް ހިތްލައި ޔެލިޒްގެ އިސްޖެހިފައިވާ މޫނު ސީދާ ކޮށްލީ އަސްރާއާ ކުރިމަތިވާނޭ ހެންނެވެ.

" ދެން އެހެންވީރު ކޮން ކަމަކާ ދަރިފުޅު ރޮނީ. ބުނެބަލަ. ލިޒް އަށް ހީވަނީތަ މަންމައަށް އެއްވެސް ކަމެއް ނޭނގޭނެއޭ. ދަރިފުޅުގެ އުމުރުން ވިހި އަހަރު ތިވީ މަންމަގެ އުނގުތެރޭ އުޅެ. ލިޒްގެ ހުރިހާ އުފަލަކާ ހިތާމައެއް އެންމެ ކައިރިން ދުށީ މަންމަ. މަންމައަށް ދަރިފުޅު ކޮންމެވެސް ކަމަކާ ދެރަވެފަކަން ތީނީ. ކައިވެނި ކުރަން ބޭނުން ނުވަންޏާ އެކަމުގަ ބައްޕައަށް ވެސް މަޖުބޫރެއް ނުކުރެވޭނެ". އަސްރާގެ ފިރުމުންތަކުން ޔެލިޒްގެ ދެލޯ ފެންކަޅި ކޮށްލިއެވެ.

" ދެރަވަނީ ކައިވެނި ކުރަންޖެހޭތީ ނޫން. މަންމައަށް ދުރަން ދާން ޖެހޭތީ. މަންމަ އެކަނިވާނެ ވަރު ހިތަށް އަރާތީ. ބައްޕަ ގޭގަ ނޫޅޭ ވަގުތު ތަކުގަ މަންމަ ފޫހިވާނޭ ވަރު ވިސްނޭތީ. މަންމަ އެކަނި ބަހައްޓާފަ ދާން ބޭނުން ނުވާތީ. އަޅުގަނޑު ވެސް ކައިވެނި ކުރަން ބޭނުން. މި ކައިވެންޏާމެދު ޝަކުވާއެއް ނެތް. ވީހާ ވެސް އަވަހަކަށް ކައިވެނީގެ ކަންކަން މަންމަ، ބައްޕައާ ވާހަކަ ދައްކައިގެން ހަމަޖައްސަދީ". ޔެލިޒް ބުނެލިއެވެ.

އިތުރު އެއްޗެކޭ ނުބުނެ އަސްރާ ޔެލިޒް މޭގައި ޖައްސާލިއެވެ. ހަގީގަތުގައި ޔެލިޒްގެ ވާހަކަތަކުން އެ ހިތަށް އަސަރު ކުރީއެވެ. ދެލޯ މަރާލަމުން އަސްރާގެ މޭގައި މޫނު ފޮރުވާލިއިރު ޔެލިޒްއަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ. ހިތުގައި ޝަކުވާތަކާއި އުދާސްތައް ފުނިޖެހިފައިވި ނަމަވެސް އެ ހުރިހާ ވާހަކަތެއް ދުލާ ހަމައަށް ގެނެވޭކަށް ނެތެވެ. އެކަމުން ހިތަށް އުނދަގޫވަނީއެވެ. އެހެންކަމުން ކަރުނައިގެ ސިފައިގާ ނަމަވެސް ހިތަށް ތަސައްލީއެއް ގެނުވޭތޯ ޔެލިޒް ބެލީއެވެ.

ދެމައިންގެ ވާހަކަތައް އަޑުއަހަން ބޭރުގައި ހުރި ސަލްމާން ފުން ނޭވާއެއް ދޫކޮށްލިއެވެ. އަތުގެ ނުފުށުން ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލުމަށްފަހު ގޮސް ކޮޓަރިއަށް ވަނީ ބޮޑު ފިކުރެއްގައި ހުރެއެވެ. އެނދުގައި ހަމަޖެހިލައިގެން އޮށޯންނަން އުޅުނު ނަމަވެސް އެކަމަށް ސަލްމާންއަށް ނުވިއެވެ. އެހެންކަމުން  ތެދުވުމަށްފަހު ގޮސް ދޮރު ތަޅުލިއެވެ. ދެން އައިސް އަލަމާރީގެ ދޮރު ހުޅުވާލިއެވެ. އޭނާގެ ނަޒަރު އަމާޒުވީ އެތެރޭގައި ހުރި ކުޑަ ވަތްގަނޑަށެވެ. އެއީ އަލަމާރި ގަތް ދުވަހުން ފެށިގެން ވެސް އެއްވެސް މީހަކު ބޭނުންކުރި ވަތްގަނޑެއް ނޫނެވެ. އެ ވަތްގަނޑު ކުޑަ ކަމުގައި ބުނެ އަސްރާ ވެސް އޭގެ ބޭނުމެއް ނުކުރިއެވެ. ސަލްމާން ޖީބުން ނެގި ވޮލެޓް ހުޅުވާލުމަށްފަހު އޭގައި އޮތް ތަޅުދަނޑި ނެގިއެވެ.

ވަތްގަނޑު ހުޅުވާލި އިރު އޭގައި އޮތީ އޭފޯ ސައިޒް ސިޓީ އުރައެކެވެ. ސަލްމާން ނެގީ އެ ސިޓީއެވެ. ނަމަވެސް އޭތި ހުޅުވާކަށް އޭނާ ނޫޅުނެވެ. އެއަށް ބަލަން ހުރުމަށްފަހު ސަލްމާން ދޫކޮށްލީ ފުން ނޭވާއެކެވެ. އަސްރާއާއި ޔެލިޒްއަށް އެ ހަގީގަތް އަންގާނެހާ ހިތްވަރެއް އޭނާގެ ނެތެވެ.

***********************

ހެނދުނު ހޭލެވުނު ގޮތަށް ނަވަލް ހޯދާލީ އޭނާގެ ފޯނެވެ. ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރެއިން ސައިޑް ޓޭބަލް މަތީ އޮތް ފޯނު ނެގުމަށްފަހު ފުރަތަމަ ވެސް ބެލުނީ ކައިސަންގެ މިސްކޯލެއް ނޫނީ މެސެޖެއް ނަމަވެސް ލިބިފައިވޭތޯއެވެ. އެ މޫނަށް މާޔޫސްކަން ވެރިވީ ހީކުރި ގޮތާ ހިލާފަށް ކައިސަންގެ ހަބަރެއް ނުވުމުންނެވެ. ސިކުނޑިއަށް ވެރިވާން އުޅުނު ހިޔާލުތަށް އެއް ފަރާތް ކޮށްލަމުން ނަވަލް ކޯލް ލޮގް ހުޅުވާލިއެވެ. އޭނާ ޑަޔަލް ކޮށްލީ ކައިސަންގެ ނަންބަރަށެވެ. ފޯނު ރިންގުވީ ދެފަހަރުއެވެ. އެކޮޅުން ބިޒީ ކޮށްލުމާއެކު ނަވަލްއަށް ބުމަ ކައިރި ކޮށްލެވުނެވެ ފޯނު ކަންފަތާ ދުރުކޮށްލަމުން ބަލާލެވުނީ އޭނާއަށް ގުޅުނީ ރަނގަޅު ނަންބަރަށްތޯއެވެ.

" ތިންކް ޕޮޒިޓިވް ނަވަލް. މޭބީ ހީ އިޒް ބިޒީ". ނަވަލް ގައިމަތީ އޮތް ރަޖާގަނޑު ދުރަށްލީ ނަފްސަށް ވިސްނުވައިދޭން މަސައްކަތް ކުރަމުންނެވެ. އުނަގަނޑުގައިވި މަޑު ރިހުމާއެކު އޭނާ ހިނގާފައި ގޮސް ހުއްޓިލީ ލޯގަނޑު ކުރިމަތީގައެވެ. ހޭވިފައިވާ އިސްތަށިގަނޑު އަތުން ރީތިކޮށްލުމަށްފަހު ހުޅިއެއް ޖަހާލިއިރު އެ ދޮން ކަނދުރާ ހާމައަށް ފެންނަން ހުއްޓެވެ. ނަވަލްގެ ނަޒަރު އަމާޒުވީ ކަރުދޮށުގައި ރަތްވެފައި ހުރި ތަންތަނަށެވެ. އެއީ ކިހިނެތްވެފައި ކަން މީހަކު ބުނެދޭކަށެއް ނުޖެހުނެވެ. އެ ތަންތަނުގައި އަތް ހާކާލުމަށްފަހު ނަވަލް ނެގީ ފައުންޑޭޝަން ފުޅިއެވެ. މީގެ ކުރިން ޔޫ ޓިޔުބްއިން ފެނުން ވީޑިޔޯއެއްގެ މަތިން ހަނދާންވީއެވެ. ފައުންޑޭޝަންގެ އެހީގައި އެ ރަތްކަން ފަނޑުކޮށްލުމަށްފަހު ނަވަލް އަމިއްލަ ނަފްސަށް ހިނިތުންވެލިއެވެ.

އޭނާ ތިރިއަށް ފޭބީ އިރުކޮޅެއް ފަހުންނެވެ. ފެންވަރައިގެން ހުރުމުން މިހާރު އެ މޫނުން ފެންނަނީ ތާޒާ ކަމެވެ. ސިޓިންގްރޫމުގައި ތިބި ކުލްސޫމްއާއި ދާވޫދް ފެނުމުން ނަވަލްގެ މޫނުގައިވި ކުލަ އޮއްސެން ނެގީ ކުޑަ ވަގުތުކޮޅެކެވެ. ދާވޫދްގެ ނަޒަރު އޭނާއާ އަމާޒުވެލި ގޮތުން އެކަނި ވެސް ޖެހިލުންވިއެވެ. ޔަގީންވާ ކަމަކީ މިހާރު އުމައިރް ހުރިހާ އެއްޗެއް ވެސް ކުލްސޫމްއަށް ކިޔައިދީފައިވާނޭ ކަމެވެ. އެނބުރި މައްޗަށް ދާން އުޅެނިކޮށް ކުލްސޫމް ގޮވާލިއެވެ.

" ދަރިފުޅު ރަނގަޅުތަ؟". ނަވަލް އައިސް އިށީނުމާއެކު ކުލްސޫމް އަހާލިއެވެ. ނަވަލްގެ މޫނަށް ވެރިވީ ހައިރާންކަމެވެ. ކުލްސޫމް އެ ސުވާލުކުރަންވީ ސަބަބު ނޭނގުމުންނެވެ. އޭނާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ވާހަކަ ދައްކަން ފެށީ ދާވޫދްއެވެ.

" އުމައިރް ބުންޏޭ ރޭގަ ދަރިފުޅު ވަރަށް ގަދަޔަށް ބޮލުގަ ރިއްސާތީ އަނބުރާލާފަ އައީއޭ. އޭރު މަންމަ ނިދި ޖެހޭތީ ކޮޓަރިއަށް ވަނީމަ ދެން ބައްޕަ ވެސް ވަނީ. މަންމަ ދާން އުޅުނީމަ ދޮންބެ ބުނީ ނިދިފައޭ. ހެނދުނު ވެސް ދިޔައީ ބުނެފަ ދަރިފުޅަށް ހޭލެވެންދެން ނުގޮވާށޭ". ދާވޫދް ބުންޏެވެ. ނަވަލްގެ ސުވާލުތަކުގެ ޖަވާބު ލިބުނީ ދެނެވެ.

އުމައިރް އެ ވާހަކަ ކުލްސޫމް ކައިރީ ނުބުނީ ކީއްވެބާއޭ ނަވަލް އަމިއްލަ ޒަމީރާ ސުވާލުކޮށްލިއެވެ. ހަމަ ގައިމު ވެސް އޭނާގެ މަގްސަދު އުމައިރްއަށް އެނގޭނެއެވެ. އަދިވެސް އުމައިރް އޭނާއަށް އިތުބާރު ކުރަނީ ބާއެވެ. ނޫނީ އުމައިރްއަށް ރޭގެ ހާދިސާ ނޭނގެނީ ހެއްޔެވެ؟

" މިހާރު ރަނގަޅު. އެއީ އެހާ ބޮޑު ކަމެއް ނޫނޭ ބައްޕާ". ނަވަލް އަވަސް އަވަހަށް ބުނެލިއެވެ. އެއާއެކު ކުލްސޫމް ދެފަރާތަށް ބޯ ހޫރާލިއެވެ.

" ދަރިފުޅު އަބަދުވެސް ތިހެން ބުނާނީ. މައިގްރެއިން ކަމަށް ވެސް ވެދާނެ. ދައްކާލީމަ އެންނު އެނގޭނީ ވެސް. ބަލިވީމަ ޑޮކްޓަރަށް ވެސް ދައްކަން ޖެހޭނެ. މަންމަ އެޕޮއިންމެންޓް އެއް ހައްދާނަން". ކުލްސޫމް ބުންޏެވެ. ނަވަލް ވެސް އެކަމަށް ދެކޮޅު ހަދާކަށް ނޫޅުނެވެ. ދެން އޭނާ އަހާލީ އުމައިރް ކޮބައިތޯއެވެ.

" ނަވަލް ކައިރީ ނުބުނޭތަ؟ ދޮންބެ ފުރައިފި މެލޭއަށް ". ދާވޫދް ބުނެލިއެވެ. ނަވަލް ދެލޯ ބޮޑުކޮށްލީ އެކަން އޭނާއަށް އެނގިފައި ނެތުމުންނެވެ.

" އަސްލުތަ. ދޮންބެ ނުވެސް ބުނޭ އަޅުގަނޑު ކައިރީ". ނަވަލް ދެރަވާ ގޮތްވިއެވެ. ކުޑަ އިރުއްސުރެ ވެސް އުމައިރްގެ އެންމެ ގާތް އެކުވެރިޔާ އަކީ އޭނާއެވެ. ދިމާވި ހުރިހާ ކަމެއް ހިއްސާ ކުރީ ނަވަލްއާއެވެ. ތަނަކަށް ދަންޏާ އުމައިރް ނަވަލްއާ ސަލާމް ނުކޮށް ނުދާނެއެވެ. ލޯބިން ނަސޭހަތް ދޭނެއެވެ.

" ދެ ދުވަހަށް ދިޔައީ. އުމައިރްގެ މާ ގާތް ރައްޓެއްސެއްގެ ކައިވެނި އޮތީޔޯ. އެހެންވެ އެ ކައިވެންޏަށް އެއްޗެހި ގަންނަން ވެގެންނޯ ފުރީ". ކުލްސޫމް ނުހަނު ފޯރީގައި ދެއްކި އެވާހަކަ ދެއްކި ނަމަވެސް ނަވަލްގެ ޝައުގެއް ނެތެވެ. ހަމައެކަނި ހޫމް އަޅުވާލީއެވެ.

= ނުނިމޭ =

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!