ރައީސް ޔާމިނުގެ 5 އަހަރާ އަޅާބަލާއިރު, މި ސަރުކާރު އައިފަހުން އަތުލައިގަތް މަސްތުވާތަކެެތި މާ ގިނަ: ރައީސް

ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމުގެ 5 އަހަރާ އަޅާ ބަލާއިރު މި ސަރުކާރު އައި ފަހުން ގިނަ ޢަދަދެއްގެ މަސްތުވާތަކެެތި އަތުލައިގަނެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ 132 ވަނަ އަހަރީ ހަފުލާ ޝަރަފްވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙް ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކަސްޓަމްސްގެ ސަރަހައްދީ އޮފީސްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމަށް މި އަހަރުގެ ތެރޭގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ކަސްޓަމްސްއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ހަމަކުރުމަށް ސަރުކާރުން މި ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.
ރައީސް ވިދާޅުވީ އެ ކަންކަމުގެ ރަނގަޅު ނަތީޖާ ވެސް އަންނަނީ ފެންނަމުން ކަމަށެވެ. އެ ގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް މި ކުރާ މަސައްކަތްތަކުގެ ތެރެއިން ނޮވެންބަރު 2018 އިން ފެށިގެން މިހާތަނަށް 182 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފައިވާ ކަމަށެވެ.
''މިއީ އޭގެ ކުރީގެ 5 އަހަރާ އަޅައިބަލާއިރު 32 އިންސައްތައަށްވުރެ އިތުރު ޢަދަދެއް.'' ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަށް ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމަށެވެ.






ކޮމެންޓް