އުގަންނައިދިނުމުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މަތީ ސާނަވީ އިމްތިހާނުން 1 ވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕާއި ހައި އެޗީވަރސް ސްކޮލަރޝިޕް ހަވާލުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވިދާޅުވީ އުނގަންނައިދިނުމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ މުދައްރިސުންނާއި ޕްރިންސިޕަލުންނަށް އެ ބޭފުޅުންގެ ނެތް ޤާބިލްކަމަކާއި ހުނަރެއް ދަރިވަރުންނަކަށް ހޯދައެއްނުދެވޭނެ ކަމަށެވެ. އެ ގޮތުން އެކަމަށްޓަކައި އުގަންނައިދިނުމުގެ ފެންވަރު މަތިކުރުމަށްވެސް ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމަށެވެ.
ރައީސް ޞާލިޙް ވިދާޅުވީ ސިޔާސަތަށް ގެނެވުނު ބަދަލާ އެއްގޮތަށް ކުރެވޭ މަސައްކަތާއި ކުރެވޭ ހޭދައިގެ ނަތީޖާ ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ.
''އެއްކަމަކީ އެއް އަހަރުން އަނެއް އަހަރަށް ހައި އެޗީވަރސް ސްކޮލަރޝިޕް ހާސިލުކުރާ ދަރިވަރުންގެ ޢަދަދު އިތުރުވަމުން އަންނަކަން. ޢިލްމާއި ހުނަރުން މުއްސަނދިވެފައިވާ މި ޒުވާނުން ޤައުމީ ޚިދުމަތުގައި އަތުކުރި އޮޅައިލުމަކީ ރާއްޖޭގެ ތަރައްޤީއަށް ކޮށޭނެ އެންމެ އަލި މަގު.'' ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ވިދާޅުވީ ޤައުމިއްޔަތުގެ ގަހުގައި އަޅާނެ އެންމެ ފޮނި މޭވާއަކީ ތަޢުލީމީ ދަރިން ކަމަށެވެ. އަދި މައިންބަފައިންނާއި ބެލެނިވެރިންނާއި ބަލަދުވެރިންނަކީ ޢިލްމުވެރިން ކަމަށްނުވިޔަސް އެ މީހުންގެ ދަރިން ޢިލްމުވެރިވެ މޮޅުވެގެން ހިނގައިދާނެކަން ވެސް ފާހަގަކުރެއްވިއެވެ.
ރައީސް ޞާލިޙް ވިދާޅުވި ގޮތުގައި ތަޢުލީމީ، ހުނަރުވެރި ޖީލެއް ބިނާކުރުމަކީ މިވަގުތު ސަރުކާރުން އެންމެ އިސްކަންދޭ އެއް ކަންތަކެވެ.