ޚަބަރު

ރައީސް ޞާލިޙްގެ މަރުޙަބާ އިންޑިއާގެ އައު ރައީސަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ 15 ވަނަ ރައީސް ކަމަށް ދްރޫޕަދީ މުރްމޫ އިންތިޚާބުވެވަޑައިގެންނެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެކަމަނާއަށް މަރުޚަބާ ވިދާޅުވެއްޖެއެވެ.

Ads by STELCO

އެކަމަނާއަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ކުރެއްވި ޓުވީޓްގައި ވިދާޅުވީ، ދްރޫޕަދީގެ ޤާބިލުކަމާއި ތަޖުރިބާގެ ބޭނުން ކުރައްވައިގެން އިންޑިއާ އިތުރު ހަރުފަތަކަށް ގެންދަވާނެ ކަމާމެދު އެމަނިކުފާނު ޝައްކު ނުކުރައްވާކަމަށެވެ. އަދި އެކަމަނާގެ ލީޑާޝިޕްގައިވެސް އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދްރޫޕަދީ މުރުމޫއަކީ އިންޑިއާގެ ރައީސްގެ މަގާމަށް އިންތިޚާބުވެވަޑައިގެންނެވި ގަބީލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ފުރަތަމަ ރައީސެވެ. އަދި އެގައުމުގެ ރައީސްގެ މަގާމަށް ވަޑައިގެންނެވި ދެވަނަ އަންހެން ބޭކަނބަލެވެ.

64 އަހަރުގެ ދްރޫޕަދީ މުރުމޫ އިންޑިއާގެ ރައީސްގެ މަގާމަށް އިންތިޚާބުކުރައްވާފައިވަނީ ބުރާސްފަތި ދުވަހު ނެގުނު ވޯޓަކުންނެވެ. ޖުމްލަ 20 ބޭފުޅުންގެ ތެރެއިން މުރުމޫ ހޮވިވަޑައިގެންފައިވާއިރު، މުރުމޫއަކީ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ކެންޑިޑޭޓެކެވެ. އޮޑިއްސާ ސްޓޭޓުގެ ކުރީގެ މުދައްރިސަކަށް އުޅުއްވި މުރުމޫ ވަނީ ކުރިން ސްޓޭޓް ގަވަރުނަރުކަން ކުރައްވާފައެވެ.

މިވަގުތު އިންޑިއާގެ ރައީސްގެ މަގާމުގައި ހުންނެވި ރާމް ނަތް ކޮވިންދްގެ ދައުރު މި މަހު 24 ގައި ހަމަވާނެއެވެ. އެއާއެކު މުރުމޫ ރަސްމީކޮށް ރައީސްގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!