ރާއްޖެއަށް ވެސް މަކުނުވިދުރި އައިސްދާނެ ކަމުގެ އިންޒާރު!
ރާއްޖެ އަށް މަކުނުވިދުރި (މަންކީޕޮކްސް) ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށް އެޗްޕީއޭ އިން ބުނެފިއެވެ.
މަކުނު ވިދުރި އާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މުޅި ދުނިޔޭގައި އިމަޖެންސީ އިއުލާނު ކުރުމާއި ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، ދުނިޔޭގައި މަކުނު ވިދުރި ފެތުރެން ފެށުމާއެކު އެފަރާތްތަކުން ވެސް ދަނީ ދުނިޔޭގައި ބަލި ފެތުރެމުންދާ ގޮތް މޮނިޓަރކޮށް ބައްޔާއި ގުޅިގެން ރާއްޖޭން ވާން ޖެހޭ ތައްޔާރީތަކާއި ދޭން ޖެހޭ އިޖާބަ ދިނުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ކުރަމުން ކަމަށެވެ.
އަދި ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެ އަށް ވެސް މި ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ނަމަވެސް ކޮވިޑް-19އާ އަޅާބަލާއިރު މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށްވުމުން މި ބަލި ފެތުރޭ ގޮތާއި މިންވަރު ތަފާތު ވާނެ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
އެގޮތުން މަންކީޕޮކްސްގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުމަށާއި، ބަލި ކަށަވަރު ކުރެވެންދެން އެހެން މީހުންނާ ގައިގޯޅިވުމުން ދުރުވެ އެކަހެރިވުން މުހިއްމު ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
އެޗްޕީއޭ އިން ބުނިގޮތުގައި މި ބަލި އާންމު ގޮތެއްގައި ފެތުރިފައިވަނީ ފިރިހެނުންގެ މެދުގަ އެވެ. އޭގެތެރެއިން ވެސް ހާއްސަކޮށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މީހުންގެ މެދުގައި މި ފެތުރުން އާންމު ވެފައިވާއިރު އަންހެނުންނާއި ކުޑަކުދިިންގެ މެދުގައި ވެސް މި ބަލި މަދު މިންވަރަކަށް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެ އެވެ.
އެޗްޕީއޭ އިން ވަނީ މި ބައްޔާއި ގުޅިގެން ވާންޖެހޭ ތައްޔާރިތަކާއި ދޭންޖެހޭ އިޖާބަ ދިނުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ. އެގޮތުން މި ބައްޔަށް ސިއްހީ ހިދުމަތްތެރިން ހޭލުންތެރިކުރުވުމާއި، ޓެސްޓު ކުރެވޭނެ ގޮތް ގާއިމުކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
މީގެއިތުރުން ސަވައިލެންސް ހަރުދަނާ ކުރުމާއި، ބަލިޖެހޭ މީހުންނަށް ފަރުވާ ކުރުމާ ބެހޭ ގައިޑްލައިންތައް ކަނޑައެޅުމުގެ އިތުރުން ވެކްސިނާއި ބޭސް ލިބޭނެ ގޮތްތައް ވެސް ބަލަމުން އަންނަ ކަމަށް އެޗްޕީއޭ އިން ހާމަކުރެ އެވެ.
އިންޑިއާއަށްއައީވިއްޔާ މިހާރު އޮންނާނ ރާއްޖެ އައިސ.
މިވަރަކުން ނުފުދޭ . މަކުނު ވިދުރި ފެތުރޭ ގައުމުތަކުން ރާއްޖެ އަންނަ ފަރާތަކުން މި ބައްޔަށްނެގޭޓިވް ސެޓްފިކޭޓް ގެންނަން އަންގަން ޖެހޭ ، ހާއްސަ ކޮއް އިންޑިއާ އިން ލޭބަރުން ގޮތުގައި ވޯރކްވިސާ އާއި ބިޒްނަސް ވިސާ ގައި އެތެރެ ވާމީހުން މެޑިކަލް ރިޕޯރޓް ހުށައެޅީމަ ނޫނީ ރާއްޖެއަށް އެތެރެ ނުވޭވޭ ގޮތައްކަނޑަ އަޅަން ޖެހޭ