ޚަބަރު

ރައީސްގެ އިންޑިއާ ދަތުރުފުޅުގައި ތިލަމާލޭ ބްރިޖްގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މި ހަފްތާގައި އިންޑިއާއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅުގައި ތިލަމާލެ ބްރިޖްގެ އަމަލީ މަސައްކަތް ފައްޓަވާ، ފުރަތަމަ ތަނބުގެ މަސައްކަތް އިފްތިތާހްކޮށްދެއްވާނެ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

Ads by MWSC

އިންޑިއާގެ ނޫހެއް ކަމަށްވާ "ވިއޮން" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ޚާއްސަ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި، ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތު ބާއްވާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިންޑިއާގައެވެ. ރަސްމިއްޔާތުގައި ބޮޑު ވަޒީރު މޯދީ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ގްރޭޓާ މާލެ ބްރިޖު ޕްރޮޖެކްޓްގެ ދަށުން މި ރަސްމިއްޔާތުގެ ތެރެއިން މާލެ އާއި ވިލިމާލެއާ ދެމެދު އަޅާ ބްރިޖުގެ ފުރަތަމަ ތަނބުގެ މަސައްކަތް ފައްޓަވާ ދެއްވާނެއެވެ.

މި މަޝްރޫއައަކީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއާއެކު ކުރިޔަށް ގެންދާ ޕްރޮޖެކްޓެކެވެ. ޕްރޮޖެކްޓް ހިންގުމަށް އިންޑިއާގެ އެކްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ވަނީ ދީފައެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި ދިވެހި ސަރުކާރާ ދެމެދު މިދިޔަ އަހަރު އެއްބަސްވުމުގައި ސޮއިކޮށްފައި ވާއިރު، މިހާރު ކުރިޔަށްދަނީ  ބްރިޖު އަޅާ ސަރަހައްދުގެ ބިމުގެ ހާލަތު ދެނެގަތުމަށްޓަކާ ޖިއޯޓެކްނިކަލް ސާވޭގެ މަސައްކަތެވެ.

ރައީސް ޞާލިޙް ހޯމަ ދުވަހު ކުރައްވަން ހަމަޖެހިފައިވާ މިދަތުރުފުޅުގައި ސަރުކާރުގެ އިސް ވެރިންނާއި ދިވެހި ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ޞާލިޙްގެ މި ދަތުރުފުޅާއި ގުޅޭގޮތުން އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒްގެ ތަރުޖަމާނު އަރިންދަމް ބަގްޗީ ވިދާޅުވީ، މި ދަތުރުފުޅުގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން މަޝްވަރާ ކުރެވޭނެ ކަމަށެވެ.

ރައީސް ޞާލިޙްގެ ވެރިކަމުގައި އިންޑިއާއާއި ރާއްޖެއާ އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ރަނގަޅު ވެފައެވެ. މިގޮތުން އިންޑިއާއިން ދަނީ 260 މިލިއަން ރޫފިޔާގެ ހިލޭ އެހީއާއެކު ރާއްޖޭގައި 45 މަޝްރޫއަކަށް ކުރިޔަށް ގެންދަމުންނެވެ. މި 45 މަޝްރޫއުގެ ތެރެއިން 17 މަޝްރޫއެއް މިހާރު ވަނީ ނިމި އިފްތިތާހުކޮށްފައެވެ. މި މަޝްރޫޢުތަކުގައި ފަތުރުވެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، ތަޢުލީމާއި، މަސްވެރިކަމާއި، ޞިއްޙީ ޚިދުމަތް، ލޯކަލް އިންފްރާސްޓްރަކްޗަރ، ކުޅިވަރު އަދި ޒުވާނުންގެ ތަރައްޤީ ހިމެނޭ ގޮތަށް އިޖްތިމާޢީ އިޤްތިޞާދީ ތަރައްޤީގެ ތަފާތު ދާއިރާތައް ހިމެނެއެވެ.

Ads by Ooredoo
  1. ލޮލައްނުފެންނަ މަސްރޫ ނިމޭނީ ފެށިނަމައެއްނު