މިހާރު ސަރުކާރާ ދުރުވާން އުޅުނަސް، ޤައުމު މިހާލަތަށް ވައްޓާލީ ނާޒިމާއި ޤާސިމް: ރައީސް ޔާމީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އާއި މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ލީޑަރު ނާޒިމް މިހާރު ސަރުކާރާ ދުރުވާން މަސައްކަތް ކުރިޔަސް، ޤައުމު މިހާތަށް ވައްޓާލީ އެ ބޭފުޅުން ކަމަށް، އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް ޔާމީން އިނގިރޭސި ބަހުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ދިވެހި ޤައުމު މި ހާލަތަށް ވައްޓާލުމުގައި ޤާސިމާއި ނާޒިމްގެ ދައުރު ބޮޑު ކަމަށާއި މިއަދު އެ ބޭފުޅުންނަށް ނުބެހޭ ކަމެއްގެ ގޮތުގައި މަސައްކަތް ކުރައްވަން އުޅުނަސް އެކަން ބަދަލު ނުވާނެ ކަމަށެވެ.
"އެ ދެބޭފުޅުންނަކީ މަރު ދުވަހާ ޖެހެންދެން ވެސް ޣައްދާރުން" ރައީސް ޔާމީން ވިދާޅުވިއެވެ.
ގިނަ ދުވަސްތަކަކަށްފަހު ރައީސް ޔާމީން ކުރެއްވި ޓްވީޓްގައި އަދާލަތު ޕާޓީގެ ޝެއިހުންތަކަށް ވެސް ބަހުގެ ހަމަލާތަކެއް ދެއްވާފައެވެ. މިގޮތުން ވިދާޅުވީ ރައީސް ޞާލިޙްގެ ސަރުކާރުންކޮށްފައިވާ ކަންކަމުން ބަރީއަވުމަށް އެމީހުން މަސައްކަތް ކުރަމުންދާކަމަށެވެ.
ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގައި ބޮޑު ކޯޅުމެއް ވަނީ އުފެދިފައެވެ. ރައީސް ޞާލިޙަށް، އެ ޕާޓީގެ ރައީސް ނަޝީދު ފާޅުގައި ފާޑު ވިދާޅުވަމުންދާއިރު، ރައީސް ޞާލިޙްގެ ދިފާއުގައި އަދާލަތުންވަނީ ނިކުމެފައެވެ. މިތޮގުން އަދާލަތުގެ ޝެއިޚުން ގެންދަނީ ރައީސް ނަޝީދު މަޖިލިސް ރައީސް ކަމުން ދުރުކުރަން ގޮވާލަމުންނެވެ.







ކޮމެންޓް