ކުޑަހުވަދޫ މުޒާހަރާ: ހަ މީހަކު ހައްޔަރުކޮށްފި

ދ.ކުޑަހުވަދޫ ޒުވާނަކު ހާޓް އެޓޭކެއް ޖެހިގެން އިމަޖެންސީގައި މާލެ ފޮނުވަން ޖެހުމުން އެކަމަށް ފްލައިޓެއް ހަމަޖައްސައިދިނުމަށް މަންތާ އެއާލައިންގައި އެދުމުން އެކަން ހަމަޖައްސައިނުދިން ކަމަށް ބުނެ އެ ރަށުގައި ކުރަމުންދާ މުޒާހަރާގެތެރެއިން ހަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ މުޒާހަރާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކުރީ ކޯޓު ޢަމުރެއްގެ ދަށުން ކަމަށެވެ. ދެން ތިބި ދެ މީހުންނަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ކަމަށެވެ.
ކުޑަހުވަދޫ އެއާޕޯޓު ކުރިމަތީ ކުރަމުންދާ މުޒާހަރާގެ ތެރެއިން ހައްޔަރުކުރީ 27 އަހަރުގެ ދެ މީހުންނާއި 28 އަހަރުގެ މީހަކާއި 31 އަހަރުގެ ދެ މީހުންނާއި 32 އަހަރުގެ މީހެކެވެ.
ކުޑަހުވަދޫ އެއާޕޯޓު އޮޕަރޭޓްކުރަނީ މަންތާ އެއާލައިނުންނެވެ. އެ ރަށު ރައްޔިތުން އެއާޕޯޓު ކުރިމަތީ މުޒާހަރާ ފެށީ މިދިޔަ ހޯމަ ދުވަހު ހަވީރުން ފެށިގެންނެވެ.