ޗައިނާގެ މިސައިލްތަކެއް ޖަޕާނު ކަނޑަށް ވެއްޓިއްޖެ
ޗައިނާގެ ފަސް ބެލިސްޓިކް މިސައިލް ޖަޕާނުގެ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަށް ވެއްޓިފައިވާ ކަމުގައި ޖަޕާނުން ބުނެފިއެވެ. އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ޒިޔާރަތަކާ ނުރުހުން ފާޅު ކުރުމުގެ ގޮތުން ޗައިނާއިން ވަނީ ޓައިވާން ވަށައިގެންވާ ސަރަޙައްދުތަކުގައި ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ފަށާފައެވެ.
އަސްކަރީ ތަމްރީނުތަކުގެ ނަމުގައި ޗައިނާގެ ވަޔާއި ކަނޑުގެ ސިފައިން ވަނީ ޓައިވާން ވަށައިލާފައެވެ. ޖަޕާނު ކަނޑަށް ވެއްޓުނު މިސައިލްތަކަކީ އެ ތަމްރީނުތަކުގެ ދަށުން ޓެސްޓު ކޮށްފައިވާ މިސައިލްތަކެކެވެ. އަސްކަރީ ތަމްރީނުތަކުގެ ނަމުގައި ޗައިނާގެ ވަޔާއި ކަނޑުގެ ސިފައިންގެ އުޅަނދުތައް ޓައިވާނުގެ ވަޔާއި ކަނޑުގެ ސަރަޙައްދަށް އެތެރެރެމުންދާ ކަމުގައި ޓައިވާނުން ބުނެއެވެ.
ޖަޕާނުގެ ދިފާޢީ ވަޒީރު ނޮބުއޯ ކިޝީ ވަނީ އެ ޤައުމުގެ ކަނޑުގެ ސަރަޙައްދަށް މިސައިލްތައް ވެއްޓުމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. "ޗައިނާގެ މިސައިލްތަކެއް ޖަޕާނުގެ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަށް ވެއްޓުނު މިއީ ފުރަތަމަ ފަހަރު. މި ކަމާ ގުޅިގެން ޖަޕާނުން ވަނީ ޑިޕްލޮމެޓިކް މަގުތައް ބޭނުންކޮށްގެން ކަންބޮޑުވުން ފާޅުކޮށްފައި،" ކިޝީ ވިދާޅުވިއެވެ.
ޕެލޯސީގެ ދަތުރުފުޅާ ގުޅިގެން ޗައިނާއާއި ޖަޕާނާ ދެމެދުގައި އޮތް ގުޅުމަށް ވެސް މި ވަނީ ހީނަރުކަން އައިސްފައެވެ. ޗައިނާއިން ޖަޕާން ދެކެ ނުރުހުންވެފައި ވަނީ، ޖީ7ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ޗައިނާގެ އަމަލުތަކާ ދެކޮޅަށް ނެރުނު ބަޔާނަކާ ގުޅިގެންނެވެ.
ޖީ7ގެ ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ވަނީ ޓައިވާނާ އެކު ޖެހިފައިވާ މައްސަލަ ހައްލު ކުރުމުގައި ޞުލްޙައާއި މަޝްވަރާ އިސް ކުރުމަށް ޗައިނާއަށް ގޮވައިލާފައެވެ. މި ކަމާ މެދު ނުރުހުން ފާޅުކުރުމުގެ ގޮތުން ޗައިނާއިން ވަނީ، ދެ ޤައުމުގެ ޚާރިޖީ ވަޒީރުންގެ މެދުގައި ބާއްވަން ރާވާފައިވާ ބައްދަލުވުމެއް ކެންސަލް ކޮށްފައެވެ.