ޚަބަރު

ފޯވީތީ މިހިތް ކަރުނުން.. (ބާރަވަނަ ބައި)

އަޒްކީ ، ދެން އޮންލައިން

ސަނަމް ހައިރާންވެފައި ތަންކޮޅެއް ފަހަތުގައި ހުއްޓާ ޝަޖާހު އޭނާގެ އަތުގައި ހިފާ ކުރިއަށް ގެނައެވެ. އެވަގުތު އެތެރެއިން ކޮންމެވެސް މީހަކު ދޮރު ހުޅުވާލައިފިއެވެ. ކުރިމަތީގައި ހުރި މީހާ ފެނުމާއެކު އިސާހިތަކު ސަނަމްގެ ދެލޯ ފެންކަޅިވެއްޖެއެވެ. ސަނަމް ފެނުމާއެކު ދޮރުމަތީގައި ހުރި ތަލްޔާއަށްވެސް ވީ އެފަދަ ގޮތެކެވެ. ތުން ފިއްތައިލަމުން މަންމާއޭ ސަނަމް ބުނި ހިނދު އޭނާގެ ކޯތާފަތް ހުރަސްކޮށް ކަރުނައެއް ފައިބައިގެން ދިޔައެވެ. ތަލްޔާ ބޯޖަހައިލަމުން އޭނާގެ ދެއަތް ސަނަމްއަށްޓަކައި ހުޅުވައިލިއެވެ. ކައިރިއަށް އަންނާށޭ ބުނާ ފަދަ ގޮތަކަށެވެ. ލަހެއް ފަހެއްވެސް ނުކޮށް ސަނަމް ތަލްޔާ ގައިގާ ބާރަށް ބައްދާލައިފިއެވެ. އެމަންޒަރު ބަލަން އިން ސިލްމާވެސް އޭނާގެ ފުރިގެން އައި ދެލޯ ފޮހެލިއެވެ. ބައްދަލު ނުވި ނަމަވެސް ސަނަމްއާއި ތަލްޔާގެ ދެމެދުގައިވަނީ ކިހާ ވަރުގަދަ ގުޅުމެއްކަން ފެންނަމުން ދިޔަ މަންޒަރުން ޝަޖާހުއަށް ސާފުވިއެވެ.

Ads by Sosun Fihaara

ސަނަމްގެ އަތުގައި ހިފައިގެން ތަލްޔާ އެތެރެއަށް ހިނގައިގަތުމުން އެމީހުންގެ ފަހަތުން ސިލްމާ އިން ގޮނޑި ދަމަމުން ޝަޖާހުވެސް ވަނެވެ.

" އެތައް ދުވަހަކަށް ފަހު މިއަދު ސަނަމް ފެނުމުން މަންމަ ވަރަށް އުފާވެއްޖެ.. އަހަރެންގެ އައިދްއާ ބައްދަލުވެވުނު ކަމުގެ އިހުސާސް ވެއްޖެ... ދަރިފުޅު ރަނގަޅުތަ؟ " ސަނަމްގެ ކޮލުގައި ފިރުމައިލަމުން ތަލްޔާ އަހައިލިއެވެ. ޖަވާބުގައި ސަނަމް ބޯޖަހައިލިއެވެ.

" އަހަރެންނަށް މާފުކުރޭ މަންމާ!! އައިދްގެ މަރަށްފަހު މަންމައާ ބައްދަލު ކުރަން ނާދެވުނީތީ.. އަހަރެން ވަރަށް ބޭނުންވި މަންމައާ ބައްދަލުކޮށްލަން.. އެކަމަކު... " އެހިސާބަށް ބުނުމަށްފަހު ސަނަމް އިސްޖަހައިލިއެވެ.

" މަންމައަށް އެނގޭ ސަނަމް މަންމައާ ބައްދަލުކުރަން ބޭނުންވެފައި ހުންނާނެ ވަރު.. މަންމައަށް އެނގޭ ސަނަމް ނައީ ތީންގެ ސަބަބުންކަންވެސް.. ސިލްމާ!! ކިހިނެއް؟؟ " ސިލްމާއަށް ބަލައިލަމުން ތަލްޔާ އެހިއެވެ. ސިލްމާ އޭނާ ރަނގަޅުކަމުގައި ބުނުމަށްފަހު ތަލްޔާގެ ހާލުވެސް އޮޅުން ފިލުވިއެވެ.

" އިހަށް މިވަގުތު ގޮސްލާނަން!! އޮފީހުގައި މުހިންމު ބައްދަލުވުމެއް އޮތީމަ.. ސަނަމް!! ގެއަށް ދާން ވީމަ ބޭބެއަށް ގުޅާ އިނގޭ..." ޝަޖާހު ބުންޏެވެ. ސަނަމް ބޯޖަހައިލިއެވެ.

" ސައި ބޮއެގެން ދާން މަޑުކުރަންވީނު.. ދީޕާ ސައި ހަދަނީ މިހާރު.. " ޝަޖާހު ދާން އުޅުމުން ތަލްޔާ ބުންޏެވެ.

" ދެން އެހެން ފަހަރަކުން ދޯ.. ވަރަށް ލަސްވާތީ މިދަނީ.. " ޝަޖާހު ބުންޏެވެ. ތަލްޔާ ބޯޖަހައިލުމުން ޝަޖާހު އެގެއިން ނިކުމެއްޖެއެވެ. ވާހަކައިގައި ތިއްބާ ދީޕާ ސައި ތަބަކަކާއި ހެދިކާ ތައްޓެއް ގެނެސް ސޯފާ ކުރިމަތީގައި ހުރި މޭޒު މަތީގައި ބެހެއްޓިއެވެ.

" ސަނަމް ދަރިފުޅު އަލުން ޒަވާޖީ ހަޔާތެއް ފަށަން ގަސްދުކުރަންވީނު.. މަންމައަށް އެނގޭ ސަނަމް އަދިވެސް އައިދް މަތިން ވަރަށް ހަނދާންވާކަން.. އައިދްވެސް ބޭނުމެއް ނުވާނެ ކަންނޭނގެ ސަނަމް ދުނިޔެ އުމުރު ތިގޮތަށް ހުންނާކަށް.. " ތަލްޔާގެ ވާހަކައާ އެކު ސިލްމާއާއި ސަނަމް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ.

" އަހަރެންވެސް ސަނަމް ކައިރީ މިދައްކަނީ ތިވާހަކަ.. ޝަޖާހު އެދެނީ އޭނާގެ ދޮށީ ދަރިފުޅާ ސަނަމް ކައިވެނި ކުރަން.. އަހަރެން މިކިޔަނީ ނުލާހިކު ރަނގަޅު އާއިލާއެކޭ އާނ ބަސް ބުނާށޭ.. ތަލްޔާ ނިކަން ވިސްނަދީބަލަ ސަނަމްއަށް.. " ސިލްމާ ބުންޏެވެ.

" އަހަރެން ބޭނުމެއްނޫން ސަނަމްއަށް އެއްވެސް ކަމެއް އޮޅުވާލާކަށް.. ސިލްމާ ހޮސްޕިޓަލުގައި އޮއްވާ ޝަޖާހުގެ ދެމަފިރިން އައި އަހަރެންނާ ބައްދަލުކުރަން.. އެމީހުން އައީ ފަހަރެއްގައިވެސް ސަނަމްއަކީ ކޮންކަހަލަ ކުއްޖެއްތޯ އޮޅުން ފިލުވާކަން ނޫން.. އެމީހުން ހަމައެކަނި އެހީ ރޫވިންއާއި ސަނަމްގެ ކައިވެނި ކުރުވައިފިއްޔާ ސަނަމް ދެކެ ހިތްހަމަނުޖެހޭނެހޭ.. އަހަރެންނަށް ޖަވާބެއްވެސް ނުދެވިގެން އުޅެނިކޮށް ބުނެފި ސަނަމް އަށް ހިތްހެޔޮ ކުރައްޗޭ.. އެއީ ވަރަށް ރަނގަޅު ކުއްޖެކޭ.. މިވަގުތު އެމީހުންގެ އެންމެ ބޮޑު އެދުމަކީ ސަނަމް އެމީހުންގެ ޅީދަރިއަކަށް ހެދުން.. ތީންގެ ވާހަކަވެސް އެމީހުން ދެއްކި.. އެދުނީ ތީން އަށް ވިސްނައިދިނުމަށް.. " ތަލްޔާ ކިޔައިދިނެވެ. ސަނަމް ފުންނޭވައެއް ދޫކޮށްލިއެވެ.

" އެކަމަކު......" ސަނަމް ބުނަން އުޅުނެވެ. އެވަގުތު ސަނަމްގެ އުނގުމަތީގައި އޮތް އޭނާގެ އަތުގައި ތަލްޔާ ހިފައިލިއެވެ.

" ސަނަމް!! ޝަޖާހު މެންނަކީ ކިތަންމެ މުއްސަނދި ނަމަވެސް ވަރަށް ހިތްތިރި ބައެއް.. އެފަދަ ބަޔަކު މިޒަމާނުގައި މަދުވާނެ.. އެގޭ އެންމެންނަކީވެސް ރިވެތި އަހްލާޤެއްގެ ބައެއް.. ތީން އާއި ރުޒައިކްގެ ކައިވެންޏަށް ފަހު އެމީހުން ބޭނުންވީ އަހަރެންވެސް އެގޭގަ އުޅެން.. އަހަރެން އެގޮތް ބޭނުންނުވުމުން ޝަޖާހުގެ ހަރަދުގައި އަހަރެންނަށް މިއެޕާޓްމެންޓް ގަނެދިނީ.. އޭގެ އިތުރުން އެމީހުން ލާރި ދީފަ ބަހައްޓާފަ ހުންނަ މީހެއް ދީޕާ އެއީ.. ސަނަމް!! ނަސީބު އަތުގައި ހިފާފައިވަނިކޮށް އެކަމަށް އިންކާރު ނުކުރޭ.. ރޫވިން އަކީ ނުލާހިކު ހެޔޮލަފާ ޞާލިހު ކުއްޖެއް.. މިމަންމައަށް އެކަން އެނގޭތީ އެކައިވެންޏަށް އާނ ބަސް ބުނަން ދަރިފުޅަށް މި ބާރު އަޅަނީ.. " ތަލްޔާ ނަސޭހަތްތެރިވިއެވެ.

" އެކަމަކު އަހަރެން ކިހިނެއް މަންމަ ދޫކޮށްލާނީ.. " ސަނަމް ސިލްމާއަށް ބަލައިލިއެވެ. " އަހަރެން ދެން އިންނަ މީހަކު އައިދް ހާ އަހަރެންގެ މަންމައަށް ހެޔޮ ނުވެދާނެތީ އަހަރެން ބިރުގަނޭ.. އަނެއްކާ މީ މާލެ.. ގާތްތިމާގެ އެކަކުވެސް މިތަނަކު ނޫޅޭ.. މަންމަ މުސްކުޅިވީ ދުވަހު އަހަރެން ކިހިނެއް މަންމަ ދޫކޮށްލާނީ.. " ސަނަމް ބުންޏެވެ.

" ތީ ތަ ސަނަމް ކަންބޮޑުވާ ކަމަކީ... އަހަރެން މިހާރު ޝަޖާހު ކައިރިން ވާހަކަ ދައްކައިފިން.. ސިލްމާ ހުންނާނީ އަހަރެން ކައިރީގައި މިގޭގައި.. ސަނަމް ބޭނުން އިރަކު މިގެއަށް އާދެވޭނެ ސިލްމާ ކައިރިއަށް އެކަކުވެސް މަނައެއް ނުކުރާނެ.. ސަނަމް ބޭނުންފަހުން ކައިވެންޏަށް ފަހު ސިލްމާ އެގޭގައިވެސް ބެހެއްޓިދާނެ.. އެއްވެސް މީހަކު މައްސަލައެއް ނުޖައްސާނެ.. އެކަމަކު އަހަރެންނަށް އެނގޭ ސިލްމާ އެގޮތް ބޭނުންނުވާނެކަން.. އައިދްވެސް ސަނަމްއާ އެކު ސަނަމްގެ ގެއަށް ދިރިއުޅުން ބަދަލުކުރީ ސިލްމާގެ ނުޤަބޫލުގައި.. ނޫންތަ ސިލްމާ؟" ތަލްޔާ ސިލްމާއަށް ބުންޏެވެ

" މަންމަގެ ސަބަބުން ސަނަމް މީހަކާ ނީނދެ ހުންނާކަށް މަންމަ ނޭދެން.. އަބަދުގެ އަބަދަށް ދެލޯ މަރާލުމުގެ ކުރިން މަންމަ ބޭނުން ސަނަމް އުފަލުގައި ދިރިއުޅޭތަން ދެކެން.. ތަލްޔާ ބުނިހެން ނަސީބު އަތުގައި ހިފާފައިވަނިކޮށް އެއަށް ފުރަގަސް ނުދީ.. ހެޔޮނުވާނެ ދަރިފުޅާ... މަންމައަށް ޓަކާ ނަމަވެސް މިކައިވެންޏެއް އާނ އެކޭ ބުނޭ.. " ސިލްމާއަށް ރޮވުނެވެ.

*****************

ސަނަމް ކައިވެންޏަށް އާނ ބަސް ބުނުމާއެކު އެންމެ އުފާވީ ޝަޖާހުއެވެ. ލަސްނުކޮށް ގޭ އެހެންމީހުން ކައިރީ ރޫވިންއާއި ސަނަމްގެ ކައިވެނީގެ ވާހަކަ ދެއްކިއެވެ. އެކަމާ އެންމެ އުފަލުން ހުރީ ރަނަކްއެވެ. ފަހަރިއެއްގެ ގޮތުން އޭނާ ސަނަމް ލޮލުން ބޮލުން ބަލައިގަތެވެ. ރުޒައިކްވެސް ރޫވިންއަށް މަރުޙަބާކިއެވެ. އަދި ރޫވިންގެ ކައިވެންޏަށް އިންތިޒާރު ކުރާ ވާހަކަ ބުންޏެވެ.

ތީން އައި ރުޅީގައި ކޮޓަރީގައި ހުރި ތަކެތި ސުންނާފަތިކުރަމުން ދިޔައިރު ފާރުގައި ލެގިލައިގެން ދެއަތް އުރާލައިގެން ހުއްޓެވެ. އިސްޖެހިފައިވީއިރު ދެލޯ މަރާލައިގެން ހުރެ އެކަމަށް އޭނާ ކެތްތެރިވަމުން ދިޔައީ އިންތިހާ އަށެވެ. ތީން ހުއްޓުވަން ބޭނުންނުވީ އެކަން ނުވާނެކަން އެނގޭތީއެވެ. ހުއްޓުވަން އުޅެފިނަމަ އޭނާވެސް ރުޅި ގަދަވެ އަތުން ފައިން ގޯހެއް ހެދިދާނެތީއެވެ. އެންމެ ފަހުން ތީން  ފޮއްޓަށް އެއްޗެހި އަޅަން ފެށުމުން ރުޒައިކްއަށް ނުހުރެވުނެވެ. އެއްވެސް ހާލެއްގައި ތީން އޭނާއާ ވަކިވެގެން ދިއުމަކީ އޭނާއަށް ކެތްތެރިވެވޭނެ ކަމެއް ނޫނެވެ.

" ސީރިއަސްލީ ތީން.. ސަނަމްދެކެ ތިއަންނަ ރުޅި އަހަރެން ދެކެ ވާ ލޯތްބަށް ވުރެވެސް ބޮޑުތަ؟ އެހެން މީހަކަށް ކުރާ ނަފްރަތެއްގެ ސަބަބުން އަހަރެން ދޫކޮށްލާފައި ދިއުމަކީ އެންމެ އިންސާފުވެރި ގޮތްތަ؟ " ކުރިއަށް ޖެހިލަމުން ރުޒައިކް ބުންޏެވެ.

" ޒެކް ދެކެ އަހަރެން ލޯބިވޭ.. ވަރަށް ލޯބިވޭ.. އެކަމަކު މިހާރު އަހަރެންނަށް މިތާކު ހުރެވޭކަށް ނެތް.. އަހަރެންގެ އިހުސާސްތަކަށް ޤަދަރު ނުކުރާ ބައެއް ކައިރީގައި އުޅޭކަށް އަހަރެން ބޭނުމެއް ނޫން.. އަހަރެން މިދަނީ މަންމަ ކައިރިއަށް.. ޒެކްއަށް އަބަދުވެސް އެގެއަށް އާދެވޭނެއްނު.. ޒެކްގެ ގެއެއް ވިއްޔާ.. ޒެކް އަހަރެންދެކެ ލޯބިވަންޏާ އަހަރެންނާއެކު ދާން ހިނގާ.. " ހިންދެމިލަމުން ތީން ވާހަކަ ދެއްކިއެވެ.

" އަހަރެންގެ މައިންބަފައިން ދޫކޮށްލާފައި އަހަރެން ނުދާނަން.. " ރުޒައިކް ތީންއަށް ފުރަގަސްދިނެވެ.

" އެއީ ކީއްވެ؟ މިވީހާ ދުވަހު އަހަރެންގެ މައިމީހާ ދޫކޮށްލާފައިވެސް އަހަރެން ޒެކްއާ އެކު ޒެކްގެ ގޭގަވެސް އުޅުނީނު.. އެހެންނޫނަސް މިތަނުގައި އަހަރެމެންނަށް އޮތީ ކޮންއެއްޗެއް..؟ ހުރިހާ މޮޅެއް ލިބޭނީ ރޫވިން ދޮންބެއަށް.. މިގެވެސް ޕްރޮޕަޓީވެސް އެއީ ރޫވިން ދޮންބެގެ އެއްޗެއްކަން އެނގެއެއްނު.. މަންމަވެސް އަދި ބައްޕަވެސް ޒެކްއަށް އިތުބާރެއް ނުކުރޭ.. އެމީހުންގެ ހުރިހާވެސް އެއްޗަކީ ރޫވިން ދޮންބެ.. އަމިއްލަ ދަރި......" ތީންގެ ޖުމްލަ ފުރިހަމަ ނުވީ ކުއްލިއަކަށް ތީންގެ ނަމުން ރުޒައިކް ހަޅޭއްލަވައިގަތުމުންނެވެ. ރުޒައިކްގެ ދެލޮލުން ފެންނަމުން ދިޔަ އިންތިހާއީ ރުޅީގެ ސަބަބުން ތީންއަށް އެންމެ ބަހެއްވެސް ކިޔާކަށް ނުކެރުނެވެ.

" ޙަބަރުދާރު.. ތިބުނަން އުޅޭ ޖުމްލަ  ފުރިހަމަކޮށްފިއްޔާ ތީން މިގެއިން ނެރޭނީ އަހަރެންގެ ދެއަތުން.. ތީން މިގެއިން ދާން ބޭނުންވިއްޔާ ދޭ.. އެކަމަކު އަހަރެންގެ މައިންބަފައިންނާއި ރޫވިން ދޮންބެއާ ހިލާފަށް އެންމެ ބަހެއްވެސް ބުނެގެން ނުވާނެ.. އެމީހުން އަހަރެންނާ މެދު ކޮންމެ ގޮތަކަށް ދެކުނަސް އަހަރެން އެމީހުން ދެކެ ވަރަށް ލޯބިވޭ.. " ރުޒައިކް ބުންޏެވެ.

" ޒެކްއަށްވެސް އަހަރެންނަށް ވުރެ މުހިންމު ތިވީ އެމީހުންނެއްނު.. ހާސްނުވޭ ޒެކް!! އެއްވެސް މީހަކަށް އުނދަގޫކުރަން މިތާ ހުންނަން ބޭނުމެއް ނޫން.. ވަރިކުރަން ބޭނުންވިއްޔާ އެކަންވެސް ކުރަންވީ.. އަހަރެންގެ މައްސަލައެއް ނެތް.. " ތީން އަނެއްކާވެސް ފޮށި ބަންދުކުރަން ފެށިއެވެ. ރުޒައިކް އިތުރު ވާހަކައެއް ނުދައްކާ ކޮޓަރިން ނިކުމެގެން ދިޔައެވެ.

************

ޓެރޭސްގައި ހުރި އުނދޯލީގައި އިން ސަނަމްގެ ނަޒަރު ހުއްޓިފައިވަނީ އުޑުގައި ރަސްކަން ކުރަމުން ދިޔަ ބުރުހަމަ ހަނދަށެވެ. ރޫވިންއާ ކައިވެނި ކުރަން އާނ ބަސް ދިން ފަހުން އެހެން މީހުންގެ މޫނުމަތިން  އިންތިހާއީ އުފާވެރިކަން ފެނުނުނަމަވެސް ސަނަމްއަށް އެއުފާވެރިކަން އިހުސާސް ނުވަނީ ކީއްވެބާއޭ ހިތަށް އެރިއެވެ. ފޯނަށް މެސެޖެއް އައި އަޑަށް ސަނަމް ބަލައިލިއެވެ. އެލްގެ މެސެޖެކެވެ. ކީއްކުރަނީ ތޯ އަހާފައެވެ. އެމެސެޖަށް ޖަވާބެއް ދިނުމުގެ ކުރިން ސަނަމް ވިސްނާލިއެވެ. އެލް އަކީ އަންހެނެއްތޯ  ފިރިހެނެއްތޯ ބެލުން މުހިންމު ވެއްޖެއެވެ. ވަރަށް ވިސްނަން އިނުމަށްފަހު ސަނަމް ފޯނުގައި މެސެޖެއް ލިޔެލިއެވެ. ކައިވެނި ކުރެވެން އުޅޭ ވާހަކަ ބުނެފައެވެ. އެކަމަށް އެއްބަސްވީ ހިސާބުން އެހެން ފިރިހެނަކާ ވާހަކަ ދެއްކުން އެއީ ރަނގަޅު ގޮތަކަށް ނުވާތީ މިވާހަކަ ދެކެވެނީ ކާކާތޯ އެނގުން މުހިންމު ވާހަކައެވެ. ފިރިހެނެއް ނަމަ ދެން އިތުރަށް ވާހަކަ ދެއްކެން ނެތް ވާހަކައެވެ. އެމެސެޖް ބަލާފައި ބައި ގަޑިއިރު ފާއިތުވެގެން ދިޔައިރުވެސް އެލްގެ ރައްދެއް ނައެވެ. އެންމެ ފަހުން އިންތަނުން ތެދުވެގެން ކޮޓަރިއަށް ދާން ސަނަމް އުޅުނެވެ. އެވަގުތު މެސެޖެއް އައި އަޑު އިވިފައި ސަނަމް އަލުން އިށީނދެ މެސެޖް ހުޅުވައިލިއެވެ.

" ފުރަތަމަވެސް ކައިވެންޏެއް ކުރެވެން އުޅެވޭތީ ސަނަމްއަށް ވަރަށް ބޮޑަށް މަރުޙަބާ.. އަހަރެންނަކީ ފިރހެނެއް ސަނަމް.. ސަނަމް!! ވަކިވުމުގެ ކުރިން އަހަރެން ބުނަން ބޭނުން ވާހަކައެއް އެބައޮތް... އަހަރެންގެ މުޅި އުމުރުގައިވެސް މީހަކުދެކެ ކެތްނުވާ މިންވަރަށް ލޯބިވީ އެންމެ މީހަކުދެކެ. އޭނަ އަހަރެންނާ ދުރުގައި ހުއްޓަސް އެކުއްޖާ އަބަދުވެސް ހުރީ އަހަރެންނާ ވަރަށް ގާތުގަ. ކޮންމެ ދުވަހެއްގެވެސް އަހަރެންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެކުއްޖާގެ ފަރާތުން އަހަރެންނާ ދެކެވޭ ވާހަކަތައް. އެއީ އަހަރެންގެ އެންމެ ބޮޑު ހިތްވަރަކީވެސް. ސަނަމް!! އަހަރެންނަށް ވަރަށް ބޮޑަށް ލޯބިވޭ ސަނަމް ދެކެ.. އެއީ މިއަދު ނޫނީ އިއްޔެ ވީ ކަމެއް ނޫން.. އަހަރެންނަށް ސަނަމްދެކެ ލޯބި ވެވުނުތާ ކިތަންމެ ދުވަހެއް. ސަނަމްއަށް އަހަރެން ނުފެނުނު ނަމަވެސް އެތައް ދުވަހަކު އަހަރެންނަށް ސަނަމް ފެނުނު.. ސަނަމްއަށް ނުފެނުނު ނަމަވެސް އެތައް ދުވަހަކު ސަނަމްއަށް ބަލަހައްޓައިގެން ހުންނަން.. ކިތަންމެ ދުވަހަކު ސަނަމްގެ ފަސް ފަހަތުން ހިނގިން.. އަހަރެންނަށް އިނގޭ މިވާހަކަތައް ދައްކަން ލަސްވެއްވެއްޖެކަން. އެކަމަކު އަހަރެންނަށް ކޮންމެސް ސަބަބަކާ ހުރެ ފަސްޖެހެވުނީ. އަހަރެންގެ ހިތާ އެންމެ ކައިރީގައިވާ ފަރާތަކީ ތީ ޙަމަ ތެދެއް މިބުނީ. އަހަރެންނަށް ސަނަމްދެކެ ވަރަށް ބޮޑަށް ލޯބިވޭ.. އަހަރެންގެ ހަށިގަނޑުގައި ބީހިލާ ކޮންމެ ވައިރޯޅިއަކާއެކު އަހަރެންނާ ވަރަށް ގާތުގައި ސަނަމް ހުރިކަމުގެ އިހުސާސް ކުރެވޭ. ސަނަމް އަހަރެންނަށް ކުރާ ކޮންމެ މެސެޖަކާއެކު އަހަރެންނަށް ސަނަމްގެ އަޑު އިވޭ ކަހަލަ. ސަނަމް.... ތިއީ އަހަރެންގެ ހިތުގެ ހަމަޖެހުން. އަހަރެންގެ މުޅި ދުނިޔެ. އުފާވެރިކަމާ ހިތާމަ.... އެކަމަކު.... އަހަރެން ސަނަމްއަށް އެއްވެސް މަޖުބޫރެއް ނުކުރާނަން. ވާހަކަ ނުދެކެވުނަސް އަހަރެން ހުންނާނީ އަބަދުވެސް ސަނަމް އާ އެންމެ ގާތުގަ. އުފާވެރި ހަޔާތެއް ސަނަމް އުލޭތަން ފެނުމީ އަހަރެން އެންމެ ބޮޑަށް އެދޭ ކަންތައް.  އެކަމަކު އަހަރެން ވަރަށް ބޮޑަށް އެދޭ އެއް އެދުން އެބައޮތް. ހަމައެންމެ ފަހަރަކު، ފަހުފަހަރަށް، ސަނަމްގެ އަޑު އަހާލަން ބޭނުން. ޕްލީޒް.... އަހަރެންގެ މިއެދުން ފުރިހަމަކޮށްދީ....." އެމެސެޖް ކިޔާފައި ސަނަމްގެ ހަށިގަނޑުގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. އެލް އެދެއްކި ވާހަކަތައް ޤަބޫލުކުރަން ދަތިވި ނަމަވެސް ޖުމްލަތަކުގައިވި އިބާރާތްތަކުން ސަނަމްގެ ހިތަށް ފުން އަސަރެއް ކުރުވިއެވެ. އެލް އެހަދަނީ ދޮގެއް ނޫންކަން އިހުސާސްވިއެވެ. ތީ ކާކުތޯ އަހާފައި މެސެޖެއް ކުރަން އުޅުނެވެ. ނަމަވެސް އެކަމުން އެލްގެ އުއްމީދު އާލާ ވެދާނެތީ ފަސްޖެހެވުނެވެ. ލިޔަންވީ އެއްޗެއް ނޭނގި ފޯނަށް ބަލަހައްޓައިގެން އިންދާ މެސެންޖާ މެދުވެރިކޮށް އެލް ގުޅަން ފަށައިފިއެވެ. ހަދަންވީ ގޮތެއް ނޭނގިފައި ސަނަމްއަށް ބަލަހައްޓައިގެން އިނދެވުނެވެ.

  1. ައެލް

    ހީކުރި ގޮތައް މިވީ.. މިބައި އެހާއެއް ނޫން

  2. އަޅެ އެ ޜުވިން އެއް ނޫންތަ؟ ޕްލީޒް މަ ވަަރަށް ބޭނުން “އެލް” ރޫވިން އަށް ވާން. އަޅެ ޕްލީޒް އަޒްކީ