ކަޅު ދަބަހެއްގައި، އަދީބު، ޔާމީނަށް 15 މިލިޔަން ރުފިޔާ ދިން: ނާޒިމް

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލް ޢަފޫރު, ކުރީގެ ރައީސް ޔާމީނަށް އެތެރެ ނުފެންނަ ކަޅު ދަބަހެއްގައި 15 މިލިޔަން ރުފިޔާ ދިން އިރު އެތަނުގައި ހުންނެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ހިމެނޭ ވ. އާރަށުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ކުރީގެ ރައީސް ޔާމީން އަދި ޔޫސުފް ނައީމްގެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވަނީ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ ހެކިބަސް ނަގާފައެވެ. ނާޒިމްއަކީ ޔާމީނާ ވަރަށް ގާތްގުޅުމެއް އޮތް ބޭފުޅެކެވެ. އެހެންނަމަވެސް ޔާމީންގެވެރިކަމުގައި ނާޒިމްގެ މައްޗަށްވެސް ބޮޑު ޖަލު ހުކުމެއް އިއްވާ ޖަލަށް ލާފައިވެއެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނާޒިމް ވިދާޅުވީ ޔާމީނާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފައި ހުންނާނެ ކަމަށާއި، އެގޮތުން ރައްޔިތުންގެ މަޖިލީހާއި އެކި މިނިސްޓްރީތަކުގައިވެސް އަދި ސިޔާސީ ގޮތުންވެސް އެކުގައި މަސައްކަތް ކޮށްފައި ހުންނާނެ ކަމަށެވެ. އެގޮތުން ޔާމީން ވެރިކަމަށް ގެނައުމަށް އިސްދައުރެއް އަދާކުރި ކަމަށާއި، އެގޮތުން ޔާމީނަށް ތާއިދު ހޯދުމަށާއި، ކެމްޕޭނަށް ބޭނުންވާ ކަންކަން ހަމަޖައްސާ ތަކެތި ހޯދާ، މީހުންނާ ބައްދަލުކޮށް ހެދި ކަމަށެވެ.
އަދި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެކި މީހުންގެ އަތުން ދަރަންޏަށް ރައީސް ޔާމީން ފައިސާ ނެންގެވި ކަމަށެވެ. އަދި އެ ފައިސާ ޔާމީނަށް ގެނެސްދެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އަދީބު ކަމަށާއި އެ ފައިސާ ލިބެނީ ރައީސް ޔާމީނަށް ކަމަށެވެ.
ކެމްޕޭނު ދުވަސްވަރު ޔާމީންގެ އޭރުގެ ގެކޮޅު، ގ. ދޫވެހީގައި ނާޒިމު އިންނަވަނިކޮށް ކަޅު ދަބަހެއްގައި އަދީބު ނަގުދު ފައިސާ ހިފައިގެން އައި ކަމަށާއި އެ ދަބަހުގައި 15 މިލިއަން ރުފިޔާ ހުންނާނެ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ޔާމީން ވެރިކަމަށް ވަޑައިގެންނެވިތާ އެންމެ ކުރީކޮޅު އެ ދަރަނިތައް އަދާކުރެއްވުމަށް އެންމެ ފުރަތަމަ އަދީބު ފައިސާ ނެންގެވީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އިން ކަމަށް ނާޒިމް ވިދާޅުވިއެވެ. އެގޮތުން އެމްޕީއެލްގެ ބޯޑު މެމްބަރުންނަށް "ބުލީ" ކުރައްވައިގެން ފަސް މިލިއަން ޑޮލަރަށްވާ ވަރަށް އަދީބު ފައިސާ ނަންގަވާފައިވާ ކަމަށާއި އެ ފައިސާ ޖަމާކުރައްވާފައިވަނީ ކެމްޕޭނަށް އަދީބަށް ފައިސާ ދިން ވިޔަފާރިވެރިޔާގެ އެކައުންޓަށް ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. އެފައިސާ އަދީބު ނެންގެވީ އެއަށް ވާވަރަށް އަނބުރާ ޑޮލަރު ދައްކާ ގޮތަށް ކަމަށެވެ.
ނާޒިމް ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތަކީ ރޭވިގެން ރައީސް ޔާމީންގެ ކެމްޕެއިނަށް ނެގި ފައިސާ އަނބުރާ ދައްކަން ހިންގި ހިޔާނާތެއް ކަމަށް ވިދާޅުވެފައެވެ.







ކޮމެންޓް