މޫދަށް ކުނި އަޅާތީ ބޮޑު ޢަދަދަކުން ތުލުސްދޫ ކައުންސިލް ޖޫރިމަނާކޮށްފި

ޤަވާއިދާ ޚިލާފަށް މޫދަށް ކުނި އަޅަމުންދާތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީން މާލެ އަތޮޅު ތުލުސްދޫ ކައުންސިލް ޖޫރިމަނާކޮށްފިއެވެ.
އީޕީއޭއިން ރޭ ނެރުނު ބަޔާނެއްގައިވަނީ ތުލުސްދޫ ކައުންސިލުން ކާބޯތަކެތީގެ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަނީ ކުނި މެނޭޖުކުރުމުގެ ޤަވާއިދާ ޚިލާފަށްކަމަށް ބުނެފައެވެ. އަދި އެކަން ވަގުތުން ހުއްޓައިލަން އެ ކައުންސިލަށް އަންގާފައިވާކަމަށް ވެސް އީޕީއޭއިން ބުންޏެވެ.
އީޕީއޭއިން ބުނީ ތުލުސްދޫ ކައުންސިލުގެ އިދާރާގެ މައްޗަށް އަޅާ އިދާރީ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ޕްލޭނެއް ތައްޔާރުކޮށް އެ އެޖެންސީއާ ހިއްސާކުރަން ވެސް އަންގާފައިވާނެ ކަމަށެވެ. އަދި ކުނި މެނޭޖުކުރުމުގެ ޤަވާއިދާ ޚިލާފަށް ކުނި މެނޭޖުކުރުމުގެ މަސައްކަތްކޮށްފައިވާތީ 45,000 ރުފިޔާއިން ޖޫރިމަނާކޮށް, އެ ފައިސާ 30 ދުވަހުގެތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް ވެސް ތުލުސްދޫ ކައުންސިލަށް އަންގާފައިވާކަމަށް ވެސް އީޕީއޭގެ ބަޔާނުގައި ވަނީ ބުނެފައެވެ.