ޤައުމަށް އުފާ ފާގަތިކަން ލިބޭނީ ސިޔާސީ ގޮނޑިތަކަށް ޕީޕީއެމް ފިކުރުގެ މީހުން ހޮވައިގެން: ރައީސް ޔާމިން
ޤައުމުގެ ހާލަތު މިއަށްވުރެ ރަނގަޅު ހާލަތަކަށް އަލުން ގެންދަން ސިޔާސީ ގޮނޑިތަކަށް ޕީޕީއެމްގެ ފިކުރުގެ މީހުން ހޮވަންޖެހޭކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މ.ދިއްގަރު ކައުންސިލުގެ ހުސްވެފައިވާ ގޮނޑިއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޢަބްދުލްހަންނާން ހޮވައިދިނުމަށް އެދިވަޑައިގެން ރޭ ޢާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ޔާމިން ވިދާޅުވީ މިހެން ހުސްވާ ސިޔާސީ ގޮނޑިތަކަށް ޕީޕީއެމްގެ ފިކުރުގެ މީހުން ހޮވަން ބޭނުންވާ ސަބަބަކީ ދިވެހިރާއްޖޭގެ ހާލަތު އޮތް ހިސާބުން މިއަށްވުރެ ރަނގަޅު ހާލަތަކަށް އަލުން ގެންދިއުން ކަމަށެވެ.
''އަޅުގަނޑުމެން މިކުރާ މަސައްކަތަކީ މިހާރު ދިވެހިރާއްޖޭގެ ހާލަތު އޮތް ހިސާބުން މިއަށްވުރެ ރަނގަޅު ހާލަތަކަށް އަލުން ދިވެހިރާއްޖެއަށް އުފާ ފާގަތިކަން ގެނެސްދޭން ކުރާ މަސައްކަތް''
އަދި މި ގޮތަށް ހުސްވާ ހުރިހާ ސިޔާސީ މަޤާމުތަކަށް ނުވަތަ ރަށްރަށުގައި ބާރުވެރިކަން ހިންގޭ ހުރިހާ މަޤާމުތަކަކަށް ޕީޕީއެމްގެ ޚިޔާލާއި ފިކުރު ހުރި ބަޔަކު ގެނެސްދިނުމުން ކުރާ މަސައްކަތްތަކަށް އިތުރު ފަސޭހައެއް ލިބިގެންދާކަމަށް ވެސް ރައީސް ޔާމިން ވިދާޅުވިއެވެ.
''ދިއްގަރު ކައުންސިލުން މިހާރު ހުސްވެފައިވާ ގޮނޑިއަށް ދިއްގަރު ޢަބްދުލްހަންނާން މި ކެންޑިޑޭޓް ހޮވައިދެއްވުމަކީ އަޅުގަނޑާ ޕާޓީގެ ހުރިހާ މެންބަރުންގެ ފަރާތުން ތިޔަ ބޭފުޅުންގެ އަރިހުން ވަރަށް ބޮޑަށް އެދޭ އެދުމެއް'' ރައީސް ޔާމިން ވިދާޅުވިއެވެ.
ދިއްގަރު ކައުންސިލުން މިހާރު ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ ދުވަހުގައި ތ.ގާދިއްފުށީ ކައުންސިލުގެ ހުސްވެފައިވާ އަންހެނުންގެ ގޮނޑިއަށް ވެސް މެންބަރަކު އިންތިޚާބު ކުރާނެއެވެ. ގާދިއްފުށީ ކައުންސިލުގެ ހުސްވެފައިވާ އަންހެނުންގެ ގޮނޑިއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓަކީ ހައްވާ ޢަބްދުލްހާދީއެވެ.