ރައީސް ޔާމީން ހެއްކަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ މައްސަލަ ފުލުހަށް

ރައީސް ޔާމީން އަބްދުލްޤައްޔޫމާ ދެކޮޅަށް މިހާރު ކްރިމިނަލް ކޯޓުގައި ހިންގަމުން އަންނަ މައްސަލައިގައި އެމަނިކުފާނުގެ ފަރާތުން ހެއްކަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.
ކުރީގެ ކްރިމިނަލް ކޯޓުގެ ގާޒީ މުޙައްމަދު ޙަލީމްގެ ލޯ ފާމް, މޯލްޑިވްސް ލީގަލް ބީރޯއިން މި މައްސަލަ ފުލުހުންނާއި ޕީޖީގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.
އެ ފަރާތުން އެ ސިޓީގެ ކޮޕީއެއް ޓްވިޓަރގައި ވަނީ ހިއްސާކޮށްފައެވެ. އެ ސިޓީގައިވާ ބުނެފައިވަނީ, ރައީސް ޔާމީންއާ ދެކޮޅަށް މިހާރު ހިނގަމުންދާ މައްސަލައިގައި ހެކި ދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވަމުން އަންނަ ކަމަށެވެ. އެގޮތުން, އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅެމުން އަންނަ ފަރާތްތަކަށް އެ ޤައުމުގައި ފިއްތުންތައް ކުރިމަތި ކުރަމުން އަންނަ ކަަމަށާއި ލޯ ފާމްތައް މެދުވެރިކޮށާއި, ސިޔާސީ އެސައިލަމްތައް ބާތިލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ސިޓީގައިވެއެވެ, އަދި މީޑިއާ މެދުވެރިކޮށް ވެސް ބިރު ދައްކަމުން އަންނަ ކަމަށާއި ރައީސް ޔާމީން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުމަކީ ވެސް އެ ނިޔާތުގައި ކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިފަދަ ކަންކަން ހުއްޓުވުމަށް މައްސަލަ ނިމެންދެން ރައީސް ޔާމީން ޖަލަށްލާން ޖެހޭ ކަމަށެވެ.
މިކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލު އާދަމް ޝަމީމްއާ ސުވާލުކޮށްލުމުން ވިދާޅުވީ, އެފަދަ ކަމެއް ނުކުރާނެ ކަމަށާއި, ކުރަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށެވެ.
ރައީސް ޔާމީންގެ އެންމެ ފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނުގެ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ބަޔާން ދީފައިވަނީ އްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަޙްމަދު ނާޒިމެވެ.






ކޮމެންޓް