ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

ސަލްމާންއާއެކު އިޔާޒް ސޯފާއިން ތެދުވިއެވެ. ދެ ފިރިހެނުން އެކުގައި ހިނގައިގަތުމުން ފަހަތުން ދެން ތިބި މީހުން ވެސް ދިޔައެވެ. އަމަތުއާއި އަސްރާ ގޮސް ބަދިގެއަށް ވަނުމުން ޔެލިޒްއަށް ވެސް ބޭރުގައި ހުންނާކަށް ނުކެރުނެވެ. ތިން އެކުވެރިން އެކުގައި ވަދެ މޭޒުމަތީ ތަށިތައް އަތުރަން ފެށިއެވެ. ބިއްލޫރި ތަށިތަކަށް ޖޫސް އެޅީ ޔާޒްއެވެ. އަސްރާގެ އެދުމަށް ސްޕެގެޓީ ތަށިތައް މޭޒުމައްޗަށް ނެގުމަށް ޖެހިލީ ނަވަލްއެވެ. ތަށީގެ މަތި ހިއްލުމާއެކު އޭނާގެ މެޔަށް ގޮތެއް ވެއްޖެއެވެ. ބަނޑަށް ފިނިވެގެންދިޔުމާއެކު ދެއަތުން ބަނޑުގައި ހިފަހައްޓާލެވުނީ އެތެރެއިން ފުރޭކަހަލަ އިހްސާސެއް ކުރެވުމުންނެވެ. ސްޕެގެޓީ ތަށިން ދުވި ސޯސް ވަހާއެކު ނަވަލްއަށް ނޭވާ ހިފަހައްޓާލެވުނެވެ.

Ads by STELCO

*************************

އަވަސް އަވަހަށް ތަށީގެ މަތި ޖެހި ކަމުގައި ވިޔަސް ނަވަލްއަށް ވާން ފެށި އުނދަގޫތަކަށް ހުއްޓުމެއް ނައެވެ. ބޮލަށް އެނބުރުން އަރައިގެން ދިޔުމާއެކު އެހީއަކަށް އެދި ހިފަހައްޓައި ލެވުނީ އެންމެ ކައިރިއަށް ހުރި ގޮނޑީގައެވެ.

" ނަވަލް.. އާ ޔޫ އޯކޭ؟". ނަވަލްއަށް ވަމުންދިޔަ ގޮތް ފެނުމާއެކު ކައިރިއަށް ޖެހިލީ ޔެލިޒްއެވެ. ބަހެއް ނުބުނެ ހުރެފައި ނަވަލް ބޯ ޖަހާލިއެވެ. އޭނާގެ ދެލޯ މަރާލެވިފައިވީ އިރު އެއް އަތުން އަދިވެސް ބަނޑުގައި ހިފަހައްޓާލެވިފައި ވިއެވެ.

" ގޭސް..". އިރުކޮޅަކު ހުރެފައި ނަވަލް ބުނެލީ އުނދަގުލުންނެވެ. ހުދު ނަވަލްއަށް ވެސް އޭނާއަށް އެ އައި ކުއްލި ބަދަލުގެ ސަބަބު ބުނާކަށް ނޭނގުނެވެ. އެހެނަސް ހިތުގައިވި ބިރުވެރިކަން އިތުރުވެއްޖެއެވެ. ޔެލިޒްގެ އެހީއާ އެކު ނަވަލް ގޮނޑީގައި އިށީނެވެ. ފަސް ވަރަކަށް މިނިޓް ފަހުން އޭނާ ހަމައަކަށް އެޅުނު ކަމުގައި ވިޔަސް އެތެރެހަށީގައި އުފެދިފައިވީ ބޮޑު ހައިޖާނެކެވެ.

" ލިޒް. އަހަރެން ދަނީ އިނގޭ.. މިއަދު ނުކައި ހުރީމަ ކަންނޭނގެ". ގޮނޑިން ތެދުވަމުން ނަވަލް ބުނެލިއެވެ. ނަސީބަކުން ޔެލިޒް ވެސް އިތުރު އެއްޗެކޭ ނުބުނެ އެއްބަސް ވެއްޖެއެވެ. އިތުރު މީހަކު އެތަނުގައި ނެތީ އޭނާގެ ނަސީބޭ ނަވަލްގެ ހިތަށް އެރިއެވެ. ނޫން ނަމަ އެހާ ފަސޭހައިން ނުދެވުނީހެވެ. އިތުރަށް ލަސް ކުރުމެއް ނެތި ނުކުތް އިރު ސިޓިންގްރޫމުގައި އިން އުމައިރް ފެނުމާއެކު ނަވަލް ފިޔަވަޅު ތަކުގެ މިސްރާބު ބަދަލުކޮށްލިއެވެ. މައްޗަށް އެރެން ހުރި ސިޑިން ގޮސް ޔެލިޒްގެ ކޮޓަރިއަށް ވަދެވުމާއެކު ބަނޑަށް އިތުރަށް އުނދަގޫވި ހެން ހީވީ އެ ކޮޓަރީގައި ހިފާފައި ހުރި ސެންޓުގެ ވަހުންނެވެ. މޭ ނުބައިވެގެން ދިޔުމާއެކު ނަވަލް ފާހާނާއާ ދިމާލަށް ދުއްވައިގަތެވެ. ސިންކާ ހަމައަށް ދެވުނީ ކިރިޔާއެވެ. އެއްވެސް ހިފެހެއްޓުމެއް ނެތި ހޮޑު ލެވެން ފެށުމާއެކު ނަވަލް އިތުރަށް ވަރުބަލި ކުރުވައިފިއެވެ. ހަށިގަނޑުގައި ކޮޅަށް ހުންނާނޭ ވަރެއް ނެތުމާއެކު އޭނާއަށް ހުރި ދިމާލަށް ތިރިވެވުނެވެ.

*****************

" ކޮބާ ނަވަލް؟ އަދިވެސް ތިރިއަށް ނާދޭތަ؟". ކައި ނިމުނު އިރު ވެސް ނަވަލް ނުފެނުމުން އެންމެ ފަހުން އުމައިރް އަހާލިއެވެ. ނަވަލް ސިޑިން މައްޗަށް އެރިއިރު އޭނާ ދުށްޓެވެ. އެ މޫނުގައިވި ކަންބޮޑުވުމުގެ އަސަރުތައް ވެސް ފާހަގަ ކުރެވުނެވެ. އުމައިރްގެ ސުވާލުން އިސް އުފުލާ ޔެލިޒްއަށް ބަލާލެވުނީ ކުރިމަތީ އިން ޔާޒް އަށެވެ. އޭރު ޔާޒް ވެސް ބަލަން އިން ގޮތުން އޭނާއަށް ވެސް އެއްޗެއް ފަހުމްވީ ކަން ޔެލިޒް ދެނެގަތެވެ.

" އެބަ އަންނަން. ނަވަލް ދިޔައީ ހެދުމަށް ޖޫސް އެޅިގެން ހެދުން ސާފުކުރަން". ޔެލިޒް ތެދުވުމާއެކު ޔާޒް ވެސް އޭނާގެ ފަހަތުން ތެދުވިއެވެ. އެކަން ބޮޑު ކަމަކަށް ނުހަދާ އުމައިރް ބޯ ޖަހާލުމާއެކު ދެ އަންހެންކުދިން ކާގެއިން ނުކުތެވެ. ބަދިގޭގައި ކަން ހިނގި ގޮތް ޔެލިޒް ވަނީ ޔާޒްއަށް ކިޔައިދީފައެވެ. ފަހަކަށް އައިސް ނަވަލްގެ ތަބީއަތަށް އައިސްފައިވާ ބަދަލު ދެމީހުންނަށް ވެސް ފާހަގަވެއެވެ. އެހެނަސް އެކަމާ ގުޅިގެން އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ދިމާވި މިއަދުގެ ހާދިސާއިން ވިސްނަންވީ ކީކޭ ކަމެއް އެކަކަށް ވެސް ނޭނގުނެވެ.

ކޮޓަރީގެ ދޮރު ހުޅުވަން އުޅެނިކޮށް ނަވަލް ދޮރު ހުޅުވައިފިއެވެ. ކުރިމަތިން ކުއްލިއަކަށް ޔާޒްއާއި ޔެލިޒް ފެނުމުން އޭނާ ސިހުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ކުޑަ ހުނުމަކާއެކު އެ އިހްސާސްތައް ނަވަލް ފޮރުވާލީ ނުހަނު އަވަހަށެވެ.

" ނަވަލް؟ ކީއްކުރީ މި ހުރިހާ އިރު؟ އަހަރެން ހީ ކުރީ ނަވަލް ގެއަށް ދިޔައީ ކަމަށް". ޔެލިޒް އަހާލީ ކޮޓަރިއަށް ވަންނަމުންނެވެ. ހަށަން ބަނދެލައިގެން ހުއްޓުނު އިރު އެ ނަޒަރު ވީ ނަވަލްއާ ސީދާ ކުރެވިފައެވެ. އެ މޫނުން އެއްޗެއް ދެނެގަންނަން އުޅޭ ފަދައަކުންނެވެ.

" ގެއަށް ދާން ނުކުތީ.. އެކަމަކު ހިތަށް އެރީ އިރުކޮޅަކު އޮށޯވެލީމަ އޯކޭ ވެދާނޭ. އެހެންވެ އައީ މި ކޮޓަރިއަށް. ސޮރީ ލިޒް ކައިރީ ނުބުނެވުނީތީ". ނަވަލްގެ އެ މޮޅު ވާހަކަ ގަބޫލުކުރަން ފަސޭހަނުވީ ޔެލިޒްއަށެވެ. ނަވަލްއަށް ވެފައި ހުރިގޮތް އޭނާ ނުހަނު ރީތިކޮށް ދުށްޓެވެ.

" މިހާރު ރަނގަޅުތަ؟ ލިޒް ބުނި ޔޫ ގޭސް ވީ އޭ. އެވަރަށް ބުނާ އިރު ވެސް ދުވާލު ހަމައަށް ކަނީ އެއް ނޫން". ޔާޒް ބުނެލިއެވެ.

" އެއީ އެހާ ބޮޑު ކަމެއް ނޫނެއްނު ދެން. ހިނގާ ތިރިއަށް ދާން. ދޮންބެ ދިޔައީތަ؟". ނަވަލް އަހާލިއެވެ. ޖަވާބުގައި ޔާޒް ބޯ ހޫރާލިއެވެ. އަދި އުމައިރް އޭނާ ހޯދާ ވާހަކަ ބުނެލިއެވެ. ތިން ކުދިން އެކީ ތިރިއަށް ފޭބިއިރު އަރްޔަން ގޮއްސިއެވެ. އުމައިރް ވެސް މަޑުކޮށްގެން ހުރީ ނަވަލް އަންނަން ދެނެވެ. އެހެންކަމުން މަޑުނުކޮށް ނަވަލް ފޭބުމާއެކު އުމައިރް ވެސް ދިޔައީއެވެ.

އެގާރަ ޖަހަން ކައިރިވެފައި ވާތީ އަމަތުއާއި އިޔާޒް ވެސް ގެއަށް ދިޔުމަށް ގަސްތުކޮށްގެން ތެދުވިއެވެ. އެމީހުންގެ ފަހަތުން ސަލްމާންއާ އަސްރާ ދޮރޯށްޓާ ހަމައަށް ދިޔުމުން އަރްހަމް މަޑުކޮށްލިއެވެ. ޔެލިޒްއާ ދައްކަން ވެފަ އޮތް ވާހަކައެއް އޮތީމައެވެ. އޭރު ސޯފާގައި ޔާޒްއާ ވާހަަކައެއް ދައްކަން ޔެލިޒް އިނެވެ. އިރުކޮޅެއް ނުވެ ޔާޒް ތެދުވިއެވެ. ދަމުން ދިޔައީ ލޮލުގެ އިޝާރާތުން ޔެލިޒްއަށް އަރްހަމް ދައްކާލައިފައެވެ. އެ މަންޒަރު ފެނުނު ނަމަވެސް އަރްހަމް ވަކި އެއްޗެކޭ ނުބުންޏެވެ. ނަމަވެސް ޔެލިޒްގެ މޫނަށް ހަދާލި ގޮތް ފެނި ހެވުނެވެ.

ލަސް ހިނގުމެއްގައި ގޮސް އަރްހަމް އިށީނީ ޔެލިޒް އިން ސޯފާގައެވެ. އެހެނަސް އެ ދެމެދުގައި އަދި އެކަކަށް އިނދެވޭނޭ ޖާގަ ހުންނާނޭކަން ގައިމެވެ. ވާހަކަ ދައްކަން ފެށީ އަރްހަމްއެވެ. ކައިވެނި ކުރަން ބޭނުންވަނީ މަޖުބޫރީ އެއް އޮވެގެންތޯ އަހާލުމުން ޔެލިޒްގެ މޫނަށް އަރާ ފޭބި ކުލަވަރު ވެސް އޭނާ ދުށްޓެވެ. އެހެނަސް އެއިން ވަކި ކޮޅަކަށް ބުރަވެވޭކަށް ނެތެވެ. ޔެލިޒްގެ ޖަވާބެއް ލިބުމުން ނޫނީ އަރްހަމް ދާކަށް ބޭނުމެއް ނޫނެވެ.

" ބުނަންތަ؟ މާ ރަނގަޅު މީހަކަށް ވާން އުޅޭނެ ކަމެއް ނެތް! އެންމެ ފުރަތަމަ ވެސް ކައިވެނި ނުކުރާނަމޭ ބުނި ނަމަ މި ކައިވެނި މި ހިސާބަށް ނުދިޔައީސް. އަހަންނަށް އެނގޭ ތީނަގެ ރޭވުމެއްކަން މިއީ! އެކަމަކު ހަނދާން ކުރާތި!! މި ޔެލިޒް ތީނަ ދެކެ ދުވަހަކު ވެސް ލޯތްބެއް ނުވާނަން. އަހަރެންގެ މަޖުބޫރީއެއް އޮތަސް، އެއީ ތީނައާ ބެހޭ ކަމެއް ނޫން!". އިސްޖަހާލައިގެން އިނދެ ޔެލިޒް ބުނެލި އިރު އެ އަޑުން އަރްހަމްއާ މެދު ހިތްހަމަ ނުޖެހިފައި އިންވަރު ހާމަވެއެވެ.

" ނޫން! ޔެލިޒް ބޭނުން ނޫން ނަމަ މިހާރު ވެސް ކައިވެނި ކުރުމާ އަހަރެން ދެކޮޅު ހަދާނަން. ޖަސްޓް ޓެލްމީ ވަޓް ޔޫ ވޯންޓް. އަދި ވެސް ވަގުތު އެބައޮތް. ހަތް ދުވަސް އެއީ ވެސް ވަރަށް ދުވަސް. ބުނެބަލަ!! މި ކައިވެނި ކުރަން އެއްބަސްވީ ކީއްވެ؟". އަރްހަމް އަހާލިއެވެ.

" އަމިއްލައަށް ހުރިހާ ކަމެއް ކޮށްފަ ދެން ރަނގަޅު މީހަކަށް ވާން އުޅޭނެ ކަމެއް ނެތޭ ބުނެފީމެންނު! ވާނެ އެއްޗެއް ވެ ނިމިއްޖެ!! ޔަގީން މިއީ ތީނަ ބޭނުންވި ގޮތްކަން. ޑޯންޓް އެކްޓް އިނޮސެންޓް! އަހަންނަށް ނޭނގެ ބައްޕައަށް ކަލޭ ދެއްކީ ކޮންކަހަލަ ޖާދުލެއް ކަމެއް! އެކަމަކު އަހަރެން ތި ހުރިހާ ކަމަކަށް ނުހެއްލޭނެ! އައި ހޭޓް ޔޫ މޯރ ދެން އެވަރ!!". ކުއްލިއަކަށް ޔެލިޒް ތެދުވެއްޖެއެވެ. އިތުރަށް އަރްހަމް ވާހަކަ ދައްކާނޭ ފުރުސަތެއް ވެސް ދޭން ބޭނުން ނުވި ފަދައަކުން ޔެލިޒް އަވަސް ހިނގުމެއްގައި ގޮސް ސިޑިން އަރަން ފެށިއެވެ.

ޔެލިޒް ގޮސް ލޮލުކޮޅަށް އޮބާލުމުން ވެސް އަރްހަމް އަށް ބަލަން އިނދެވުނީއެވެ. އެ އަންހެންކުއްޖާގެ ދުލުން ބުނެލި ކޮންމެ ލަފްޒެއްމެ އޭނާއަށް މުހިންމުވިއެވެ. ހަގީގަތް ނޭނގޭ ކަންތައްތައްގަނޑެއް ކުރެވެން އުޅޭ ކައިވެނީގެ ފަހަތުގައިވާ ކަން ޔަގީންވީއެވެ. އެހެނަސް އެއީ ކޮންކަމެއްކަން ހޯދެން އޮތީ ޔެލިޒްގެ ފަރާތުން އެކަންޏެވެ.

ގެއަށް ދިޔަ އިރު ޙުއްބާ އުޅޭތީ ފެނުމުން އަރްހަމް އަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ޔެލިޒްގެ މަޖުބޫރީއެއްވާހެން ހީވާ ކަމުގައި ބުނި ފަރާތަކީ ޙުއްބާއެވެ. ގެއަށް އައި ގޮތަށް އަމަތުއާއި އެކީ އިޔާޒް ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

" ދޮންތަ ބުނީ ރަނގަޅަށް. އެ އަންހެންކުއްޖާ ކޮންމެވެސް ކަމެއް ސިއްރު ކުރޭ އެބަ". އަރްހަމް ވާހަކަ ދެއްކީ މަޑުންނެވެ. ފަހަރެއްގައި ވެސް އެވާހަކަ އިތުރު މީހަކަށް އަޑު އިވޭކަށް އޭނާ ނޭދޭތީއެވެ.

" ދެން އަރޫ ތި ވިސްނަނީ ކިހިނެތް ހަދަން؟ ކައިވެނި ހުއްޓުވަންތަ ބޭނުންވަނީ؟". ޙުއްބާ އަހާލިއެވެ. އަރްހަމް ވަކި އެއްޗެކޭ ބުނަން ބޭނުން ނުވިއެވެ. ވިސްނަން އިނީ ގޮތެއް ނިންމަން އުނދަގޫވުމުންނެވެ. އަރްހަމްގެ ހާލު ވިސްނި ޙުއްބާ ބަލާލީ ހަމްދަރުދީގެ ނަޒަރަކުންނެވެ.

" ދޮންތައަށް ހިއެއް ނުވޭ އެއީ ގޯސް ކުއްޖެއްހެން. ޝީ އިޒް ވެރީ އިނޮސެންޓް! އަރޫއާ އެކީ އުޅެން ފެށީމަ އަރޫ ހިތްއެދޭފަދަ ކުއްޖަކަށް ވެސް ލިޒް ވެދާނެ. ދޮންތައަށް އެނގޭ ލިޒްއާ މެދު އަރޫ އެހާ ހިތްހަމަޖެހިފަ ނޫންކަން ތި ހުންނަނީ. އެކަމަކު ދޮންތައަށް ވަރަށް ކަމުގޮއްސި ބައްޕަގެ އެ ހޮވުން. ނަސީބު އަތުގަ ހިފާނީ އެކި ގޮތްގޮތަށް. ބައެއް ފަހަރު ނަސީބު އަތުގަ އައިސް ހިފީމަ އެއީ ނަސީބުކަން ނޭނގުނީމަ ފަހުން ދެރަވެދާނެ. ގިވް އިޓް އަ ޓްރައި އޯކޭ. އެކީ އުޅެން ފެށީމަ ނޫނީ ދެމީހުންނަށް ދެމީހުންގެ ގޮތް ދަހެއް ނުވާނެ. މި ކަމުގަ ދެން ގޮތް ނިންމާނީ އަރޫ. އެކަމަކު ލިޒްއަށް ދެރައެއް ނުދޭތި. ޝީ އިޒް ވެރީ ޑިފަރެންޓް". ޙުއްބާގެ ވާހަކަތަކުން އަރްހަމްއަށް އިތުރަށް ވިސްނެން ފެށުނެވެ. ޔެލިޒްއަކީ އޭނާގެ ނަސީބުކަމުގައި ހަަމަ ވެދާނެ ހެއްޔެވެ؟

" މިހާރު ވެސް މި ދެވެނީ ދެރައެއް. މައްސަލައަކީ ޔެލިޒް ގޮތް ދޫކުރަން ބޭނުން ނުވާތީ. އެ އަންހެންކުއްޖާގެ ސިކުނޑީގަ ހިނގާ ކަންކަން އެނގެނީ އޭނައަށް އެކަނި. އަހަންނަން އެނގޭ ކައިވެނި ކުރަން އަސްލު ޔެލިޒް ބޭނުން ނުވާކަން. ކޮންމެވެސް ސަބަބަކާ ހުރެ އޭނަ އެއްބަސް އެވީ". އަރްހަމްގެ އަޑުގައިވީ ކަންބޮޑުވުމެވެ.

" ދެން ދޭ ނިދަން. ކުރިއަށް އޮތީ ބިޒީ ދުވަސްތަކެއް. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް. ސޯ ޑޯންޓް ވޮރީ އޯކޭ". އަރްހަމްގެ އިސްތަށިގަނޑުގައި ފިރުމާލަމުން ޙުއްބާ ތެދުވެއްޖެއެވެ. ސިޓިންގްރޫމުގެ ލައިޓް ނިއްވާލުމަށްފަހު އޭނާ ދިޔުމުން އަރްހަމް ވެސް ގޮސް ކޮޓަރިއަށް ވަނެވެ.

***************************

ދުނިޔެ މައްޗަށް އަލި ވިލުނީ ގޭގެ ޓެރަސްގައި ސަލްމާން ވަނިކޮށެވެ. މޭޒުމަތީ ހުރި ކޮފީ ތަށިން އަރަމުން ދިޔަ އާއްވާއެކު އެ މަޑު މީރު ވަސް ހިފާފައި ހުއްޓެވެ. އޭގެން އެތި ފޮދެއް ރަހަބަލާލުމަށް ފަހު ސަލްމާން ތަށި ދުރު ކޮށްލިއެވެ. ފޯނުން ބަލަން އިނީ މީގެ އިރުކޮޅެއް ކުރިން ބުކް ކުރި ޓިކެޓަށެވެ. ޔެލިޒްގެ ކައިވެނި މިހާ ކައިރިވެފައި ވަނިކޮށް ރާއްޖެއިން ބޭރަށް ދާން ޖެހުމުން އެ މޫނުން ފެންނަން ހުރީ ކަންބޮޑުވުމެވެ. ނަމަވެސް އެ ދަތުރު ވެސް ލަސްކުރެވޭކަށް ނެތެވެ. އޮތީ ވީހާ ވެސް އަވަހަކަށް ފުރުމެވެ. އެ ފިކުރުގައި ވަނިކޮށް ޓެރަސްއަށް ލިފްޓު ހުއްޓުނު އަޑު އިވުނެވެ. ފަސް އެނބުރި ބަލާލިއިރު އެ ތަނަށް ނުކުތް ޔެލިޒް ފެނުމާއެކު ސަލްމާން ގޮވާލިއެވެ. ރީތި ހިނިތުންވުމެއް ހަދިޔާ ކޮށްލަމުން އައިސް އޭނާ އިށީނީ ސަލްމާންގެ ކުރިމައްޗަށްވާ ގޮތަށް ހުރި ސޯފާގައެވެ. މޭޒުމަތީ ހުރި ކޮފީތަށި ފެނުމުން ޔެލިޒް އެ ތަށި ނެގިއެވެ. އަދި އެ އުމުރުގައި ކޮފީއާ ދުރުވާން ޖެހޭ ކަމުގައި ބުނެލީ ހިނިތުންވުމަކާއެކުގައެވެ.

" ދަރިފުޅު ދައްކާ ވާހަކަ! ބައްޕަ މި ހުރިހާ ދުވަހު ކޮފީ ބުއި އިރު ދަރިފުޅު ނުބުނޭ ތިހެން. މިއަދު ކިހިނެތްވީ؟". ސަލްމާން އަހާލިއެވެ.

" އަޅުގަނޑު މި ބުނީއެންނު. ކެފެއިން އެއީ އެހާ ރަނގަޅު އެއްޗެއް ނޫން. އުމުރުން ދުވަސް ވާ ވަރަކަށް ހަށިގަނޑަށް ބަލަައިގެން އުޅެންވާނީ. ދެން ބައްޕަ ކޮފީ ނުބޯތި. އޭގެ ބަދަލުގަ ވީހާ ވެސް ގިނައިން ފްރުޓް އެއްޗެހި ބޭނުން ކުރަންވީ. މަަންމަ ކައިރީ ބުނެގެން މިއަދު މޭވާ ކޮޅެއް ގެންނާނަން". ޔެލިޒް ދައްކަމުން ދިޔަ ވާހަކައިން ސަލްމާންއަށް ފުން އަސަރުތަކެއް ކުރުވިއެވެ. އެ ދަރިފުޅަށް ކޮންމެ ވެސް އެއްޗެއް އެނގޭ ކަމުގައި ހިތް ބުނެލިއެވެ. އެ ހިޔާލާއެކު އޭނާގެ ނަފްސު ހަލަބޮލިކުރުވައިފިއެވެ. ނަމަވެސް އަދި އެކަމާ ގުޅިގެން އެއްޗެކޭ ބުނަން ބޭނުން ނުވީއެވެ.

" އެންމެ ރަނގަޅު. ކައިވެނި ހެދުން ފަހަން ދީފިންތަ؟ މިހާރު ދިނީމަ ކިރިޔާ ދުވަހަށް ނިންމޭނީ". ސަލްމާން ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.

" ޔާޒްގެ މަންމައާ ހަވާލުކުރަން މި ވިސްނަނީ. މަލިއްތަ ފަހާނެ ވަރަށް ރީއްޗަށް ހެދުން. މިއަދު ދާނަން އެގެއަށް. މަންމައާ ދެމީހުން ފޮތިކޮޅެއް ވެސް ބަލަން ދާން ވެފަ މި ތިބީ". ކުޑަގޮތަކަށް ޔެލިޒް އެވާހަކަތައް ސަލްމާންއާ ހިއްސާ ކޮށްލިއެވެ. އެކަމުން އެ ހިތަށް ލިބުނީ އާދަޔާހިލާފު ހިތްހަމަޖެހުމެކެވެ. ސަލްމާންގެ މޫނަށް ވެރިވެފައިވާ ހިނިތުންވުމަށް ގެއްލިފައި ޔެލިޒްއަށް އިނދެވުނީ ހިޔާލަކަށް ގެއްލިފައެވެ.

****************************

މުޅި ރޭ ނުނިދި އޮވެފައި ނަވަލްއަށް ނިދުނީ ފަތިސްވާން ކައިރިވެފައި ވަނިކޮށްނެވެ. ނަމަވެސް މާ ހެނދުނާ ހޭލެވިއްޖެއެވެ. ހަށިގަނޑަށް ވެރިވެފައިވީ ލޮޑުކަމުގެ ސަބަބުން ގައިގާ ހަކަތައެއް ނެތެވެ. ނެތް ހިތްވަރާއެކު ވެސް އެވަގުތު އޭނާއަށް އެނދުން ތެދުވަން މަޖުބޫރު ކުރުވީ އެންމެ ކަމެކެވެ. ބާލީސް ދަށަށް އަތް ކޮށްޕާލުމަށްފަހު ނެގި ޕްލާސްޓިކް ކޮތަޅު ހިފައިގެން ފާހާނާއަށް ވަދެވުމާއެކު ނަވަލް އެތެރެއިން ތަންޑު އެޅުވިއެވެ. ތުރުތުރު އަޅަމުން ދިޔަ ދެ އަތުން ހިފަހައްޓާލެވިފައިވީ ކޮތަޅަށް ނަޒަރު ހުއްޓާލީ ދެނެވެ. ލަސް ހަރަކާތާއެކު އޭގެން ނެގީ ޓެސްޓު ކިޓެކެވެ.

ހިތުގައި ބިރުވެރި ކަމުގެ ރާޅު ބާންޏެއް ދަތުރުކޮށްލިއެވެ. ހިތް ނެގި ނެގިފައި ޖެހެމުން ދިޔައިރު އޭގެން ކޮންމެ ފަހަރަކު މޭ ފަޅާފައި ހިތް ނުކުންނަން އުޅޭހެން ހީވެއެވެ. ފާއިތުވެ ދިޔަ ހަފްތާ އެއްކޮށް ހޭދަވީ އެފަދައިންނެވެ. އަލާމާތްތަށް ފެންނަން އެ ފެށީ އަދި ކިރިޔާއެވެ. އުންމީދު ކުރި ގޮތާ ހިލާފަށް ހުރިހާ ކަމެއް ވެސް ވަމުން ދިޔައީ އިނދި ކޮޅަށެވެ. ދެން އޮތީ އެންމެ އުންމީދެކެވެ. ހިތުގައި ވި ބިރުވެރިކަން ފިލައި ދާނޭ ފަދަ ނަތީޖާއެއް އެ ޓެސްޓު ކިޓުން ފެނުމެވެ.

ނަވަލް ލޯ ހުޅުވާލީ ލަސްލަހުންނެވެ. އަތުގައި އޮތް ކިޓަށް ބެލުމުގެ ކުރިން ފުން ނޭވާއެއް ދޫކޮށްލިއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ކިޓުގައިވި ފިޔާތޮށި ކުލައިގެ އެއް ރޮނގު ފެނުމުންނެވެ. ނަމަވެސް އެއީ ހިނދުކޮޅަކަށެވެ. މަޑުމަޑުން އެ މޫނުގައިވި ހިނިތުންވުން ފޭދެން ފަށައިފިއެވެ. ލޯ ބޮޑުވެ މީހާގެ ހަރަކާތް ހުއްޓުނު އިރު އަތުން ދޫވެ ކިޓު މުށި މައްޗަށް ވެއްޓިއްޖެއެވެ.

" ނޫން".. ނަވަލްގެ ތުންފަތް ފޫ އަޅުވާލަމުން ނުކުތް އެ ކުރު ލަފްޒާއެކު އޭނާއަށް ތިރިވެވިއްޖެއެވެ.

= ނުނިމޭ =

Ads by Ooredoo
  1. ސަމްއަން ހޫ ރިއަލީ ލަވް ޔުއާ ސްޓޯރީ

    ހާދަ ކުރޭ.

  2. ވާދޫކުއްޖާ

    މިވާހަކަ ކަމަކުނުދޭ. މާހާސަރުގަނޑު ގިނަކަމުން. ވާހަކަ ކުރިޔައް ދާހެން ހީނުވަނީ

    • ހައިފާ

      ވާހަކައިގެ ކޮންމެ ތަންކޮޅެއް ވެސް މުހިންމުވާނެ. އެއީ ހާސަރުކަމަށް އަހަރެން ގަބޫލެއް ނުކުރަން. މި ވާހަކަ ކުރިއަށްދާލެއް އަދި ލަސް. ކިޔާލަން ލިބެނީވެސް ހަފްތާއަކު 2 އެޕިސޯޑު. އުންމީދުކުރަން އަދި ރަނގަޅުވާނެ ކަމަށް. ތަންކޮޅެއް ދިގުކޮށް ގެނެސްދީ ދެން އޮތް ބައި.

    • ވާދޫ ކުއްޖާ ލައިޓް

      މި ވާހަކަ ވަރަށް ކަމުދޭހަމަ.. ވާހަކައެއް ނަމަ ވާނެ އެހެން.. ވާދޫ ކުއްޖާގެ ދިރިއުޅުމުގަ ހާސަރުތައް ދިމަލެއް ނުވޭތަ؟…

  3. ވާހަކަ

    އަސްލު ކުޑަކޮށް ކުރު.. ދުން ފަހަރަކުން ރަނގަޅު ކޮށްލާތި